ހަންބޯ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ބަންދަށް 15 ދުވަސް ޖަހާފައި މިވަނީ، ހުޅުމާލޭގައި ތަރައްގީކުރާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ. ފުލުހުން މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
މަންޑޭ ހައްޔަރުކުރަން އަމުރު ނެރެފައި މިވަނީ، މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ. މި މައްސަލައާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
މަންޑޭގެ ޕާސްޕޯޓު ހިފަހެއްޓީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާކަމަށް އެ ކުންފުނީގެ ބޭރު ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މަންޑޭ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށް ކުންފުނީގެ ނަމުގައި އެކައުންޓުތައް ހެދިކަމަށްވެސް ތުހުމަތުކުރެވެއެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އަށް ނަމަވެސް މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު ކަމާއި އެއީ ފަސް ޕަސެންޓް ހިއްސާކަން ރިޕޯޓް ކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.