ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ މެޖޯރިޓީ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

"ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ މެޖޯރިޓީ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިންނަށް އެންމެ ޙައްޤު މިންވަރު ހޯދައި ދިނުމުގެ މަސައްކަތުގެ ނިޔަތް ގަތުމަކީ ސިޔާސީ ޕާޓީއެއްގެ މަގުސަދު ކަމަށާއި، ޑިމޮކްރެޓްސް އުފެއްދެން ދިމާވި ސަބަބު ކުރިން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ކިޔައިދެއްވާފައިވާ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު އިތުރަށް ފާހަގަ ކުރެއްވީ، ޑިމޮކްރެޓްސް އުފެދެން ޖެހުނީ އެމްޑީޕީގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ބޭފޫޅުންނާއެކު ޕާޓީ ދެ ބައިވުމުން ކަމަށެވެ.

މިހާރު މިއައިސްފައިވާ ބަދަލާއެކު، އެމްޑީޕީން 12 މެމްބަރުން މަޖިލީހުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމުން ޑިމޮކްރެޓްސްއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަންވެސް ފާހަގަކުރެވެއެވެ.

ނަޝީދު ރޭ ވިދާޅުވީ ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ އެއް ބައި ކަމުން، އެ ޕާޓީއާ ގުޅިވަަޑައިގެންނެވީ އެމްޑީޕީން ވަކި ވެގެން އައި ބައެއް ކަމަށެވެ.

"މިއީ އެ ޕާޓީގެ [އެމްޑީޕީގެ] ބޮޑު ބައިކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނޫފެދޭ. އަޅުގަނޑު ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޔަގީންކަން އަރުވަން އިރާދަ ކުރެެއްވިއްޔާ ތިބޭފުޅުންނަކީ ކުރީގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 80 އިންސައްތަ"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ރޭ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމި ނިންމުން ރަގަޅު ނޫންކަމަށް ފާހަގަކުރައްވައި، އެ ނިންމުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އިތުރަށް ބަޔާންކޮށްދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެންމެ 20 ދުވަހަށް ވީމަ ގޯތި ދިނުމަކީ ސިޔާސީ ބޭނުމަކަށް ކުރެއްވި ކަމަށް ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

"19 ވަނަ އަހަރު ނިމުނީ، 20 ވަނަ އަހަރު ނިމުނީ، 21 ވަނަ އަހަރު ނިމުނީ، 22 ވަނަ އަހަރު ނިމުނީ، އަދި އެންމެ ބޯހިޔާވަހި ކަމެއް މީހަކަށް ނުދެވޭ"

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެތައް ފަހަރަކު މީގެ ކުރިން ތަކުރާރުކޮށް ރައީސް ޞާލިޙަށް ދަންނަވަމުން ދިޔަ ކަމަށާއި، އެގޮތުން ވެރިކަން ފެށުނީއްސުރެ އެ ވާހަކަ ދައްކަވަމުން ދިޔަ ކަމަށާއި އަދި މިހާރު ވެރިކަން ނިމެން ކައިރިވީ އިރުވެސް އެންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ނުދެވޭ ކަމަަށާއި އެކަމަކީ ވަރަށް ހިތާމަފުޅު ކުރައްވާކަމެއް ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީން ވެރިކަމަށް އައިތާ ދެވަނަ ފަހަރު ކަމަށާއި އަދި ގިނަ ވަޒީރު ބޭފުޅުންނަކީވެސް ތަކުރާރުކޮށް ވަޒީރުކަން ކުރައްވާ ބޭފުޅުން ކަމަށްވާ އިރު ނުހަނު ރަނގަޅަށް ކުރެވޭން އޮތް ކަމެއް ހަރާބުގެ މަގަށް ގެންގޮސް އެންމެ ފަހުން މުޅި އެމްޑީޕީވެސް ދެބައި ކޮށްފައިވާ ކަމަށެވެ. އަދި މިހާރު މާލޭން ގޯތި ދިނުމުގެ ޤާނޫނީ ބާރު ލިބިގެންވަނީ ސިޓީ ކައުންސިލަށް ކަމުން، މިހާރު ގޯތި ދެވޭނީ ހަމައެކަނި މުޢިއްޒުއަށް ކަމަށެވެ.

ރޭގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދުގެ މުހިއްމު ނިންމުންތައް ނިންމާފައިވާއިރު، ޕާޓީގެ ކުލަ އާއި ލޯގޯ ފާސްކޮށްފައިވަނީ 473 މެމްބަރުންގެ ވޯޓުންނެވެ. ލޯގޯއާއި ކުލަ ފާސްކުރުމާ ދެކޮޅަށް ހަތް މެންބަރެއް ވަނީ ވޯޓު ދީފައެވެ.

"ދަ ޑިމޮކްރެޓްސް"ގެ ކުލަތަކަކީ ބޭބީ ބްލޫ، އާއި ކަޅާއި ހުދެވެ. އެޕާޓީގެ ފުރިހަމަ ނަން 'ދަ ޑިމޮކްރެެޓްސް’ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި "ޑިމޮކްރެޓްސް" ވަނީ ފާސްކޮށްފައެވެ. ލޯގޯގެ ގޮތުގައި ފާސްކުރީ ދިވެހި ރުކާއި މުރަކަ ރަމްޒުކޮށްދޭ "އެސްޓްރިކް"އެކެވެ.

468 މެމްބަރުންގެ ވޯޓުން "ދަ ޑިމޮކްރެޓްސް"ގެ ދިދަ، ސްޓޭމްޕް އަދި އޮފީސް އެޑްރެސް ފާސްވީއިރު، ދަ ޑިމޮކްރެޓްސްގެ އޮފީހުގެ އިދާރާއަކީ ހ. މައިޒާންދޮށުގެ ދިހަ ވަނަ ފަންގިފިލާ ކަމަށް ވަނީ ހަމަޖައްސާފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ