ގަލްފު ނިއުސް: ކައިވެނީގެ ރަން ކިޔުމުގެ ކުރިން، ސައުދީ އަންހެން ކުއްޖަކު އޭނާ އިންނަން އުޅުނު ކުއްޖާގެ ފޯނުގެ ޕާސްވޯޑް ދިނުމަށް އެދުމުން، އެކަމާ އެ ފިރިހެން ކުއްޖާ އިންކާރުކޮށް ކައިވެނި ނުކުރަން ވަގުތުން ވަގުތަށް ނިންމައިފިއެވެ. ވަރަށް ކުރީއްސުރެ ކުރަން އުޅުން ކައިވެންޏެއް ކެންސަލް މިވީ ހަމަ ހިނދުކޮޅެއްގެ ތެރޭގައެވެ.
ކައިވެނީގެ ކަންކަން އިންތިޒާމުު ކުުރުމުގައި އެންމެ އިސްކޮށް އުޅުނު ޞަލާޙް ބުޚާރީ ބުނީ، އެގޮތަށް ޝަރުތު ކުރީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އައިސް، ރަން ކިޔުމުގެ މަރުޙަލާގައެވެ.
ބައެއް އަންހެން ކުދިން ކުރާ މިފަދަ ޝަރުތުތައް އެހާ ރަނގަޅު ނޫންކަމަށްވެސް ޞަލާޙް ބުންޏެވެ. ކޮންމެ ގޮތެއްގައިވެސް ކައިވެނި ކުރާނީ ވަރަށް ބޮޑު އިތުބާރެއް ކޮށްގެން ކަމަށާއި، އެ އިތުބާރު ގެއްލޭފަދަ ކޫސަނި ކަންތައްތަކުން ދުރުވާން ޖެހޭ ކަމުގައިވެސް އޭނާ ބުންޏެވެ.
ޞަލާޙް އިތުރަށް ބުނީ،
"މިފަދަ ކަމެއް ދިމާވި މިއީ ފުރަތަމަ ފަހަރު. އާންމު ގޮތެއްގައި ގިނަ އަންހެން ކުދިން ޑިމާންޑްކުރަނީ ރަނގަޅު ފެންވަރުގެ ގެއެއް ހޯދުމަށް، ނުވަތަ ލަގްޒަރީ ކާރެއް ހޯދުމަށް، ނުވަތަ ގޭގައި މެއިޑެއް ބޭންދުމަށް. މީގެއިތުރުން ބައެއް އަންހެން ކުދިން ޑިމާންޑް ކުރަނީ އިނުމަށްފަހު، ދެވަނަ އަންްބެއް ނުހޯދުމަށް."
ފޯނުގެ ޕާސްވޯޑް ހޯދުމަށް މީގެކުރިން ޑިމާންޑް ކުރިތަން ނެދެކޭ ކަމަށް ބުނަމުން، މިއީ ވަރަށް އާދަޔާ ޚިލާފު ޙާދިސާއެއް ކަމުގައި ޞަލާޙް ސިފަކުރިއެވެ. އޭނާ އިތުރަށް ބުނީ ޙަޤީޤަތުގައި އިންނަން އުޅޭއިރު މިފަދަ ޑިމާންޑްތައް ކުރުން ރަނގަޅު ނޫންކަމަށާއި، އަބަދުވެސް ބަލަންވާނީ އިންނަން އުޅޭ ފިރިހެން ކުއްޖާވެސް ހިތްހަމަ ޖެހޭ ގޮތަށް ކަންތައްތައް ކޮށްދިނުމަށް ކަމަށް ޞަލާޙް ބުންޏެވެ.
ސޯޝަލް ކައުންސެލަރެއް ކަމަށްވާ ޢަލީ އަލްޣާމިދީ ބުނީ، އިނދެގެން އުޅޭ އިރުވެސް ފިރިހެން ކުއްޖާގެ ހުރިހާ ކަމެއް ބަަލައި ފާރަލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އިޖްތިމާޢީ ގުޅުމުގެ ތެރެއިން އަބަދުވެސް ބަލަންޖެހޭނީ އިތުބާރު ޤާއިމުކުރެވޭނެ ގޮތްތަކެއް ރޭވުމަށް ކަމަށެވެ. ދެމީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް ޤާއިމުކުރެވި، އެކެއް އަނެކެއްގެ އިތުބާރު ހޯދިއްޖެނަމަ، ކޮންމެހެން މޯބައިލުގެ ޕާސްވޯޑް ހޯދަން ނުޖެހޭނެ ކަމަށެވެ.
އެކެއް އަނެކަކަށް އިޙްތިރާމްކޮށް، ކައިވެނީގެ ގޮށް ބާރަށް ބަނދެވޭނީ، ދެފަރާތުންވެސް އެއްބަސްވާ ކަންކަމަށް އިޙްތިރާމުކުރެވިގެންނެވެ. އެކެއް އަނެކަކަށް އިޙްތިރާމްކޮށް، އިތުބާރު ޤާއިމުކޮށްގެންނެވެ.