ދިވެހި ޤައުމަށް، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ހަދީޖާ ހުސެއިން (ހައްޖަ މިސް) ނިޔާވެއްޖެއެވެ
ހައްޖަ މިސް ނިޔާވީ މިއަދުގެ ވަގުތެއްގައިއެވެ. އުމުރުން 47 އަހަރުގައި އޭނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށެވެ.
ކަށުނަމާދު އޮތީ އަސްރު ނަމާދަށް ފަހު، މަސްޖިދުއް ޒައިދު ބިން ސާބިތުގައެވެ. އަދި މައްޔިތާ ވަޅުލާފައިވަނީ ހުޅުމާލެ ސަހަރާގައެވެ.
ތައުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި އަގު ނުކުރެވޭފަދަ ޤައުމީ ޚިދުމަތްތަކެއް ކޮށްދެއްވި، ހަޖީދާ ހުސައިން އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވަނީ ހެންވޭރު ސުކޫލް، އަލް މަދަރުސަތުލް އަމީރު އަހްމަދުގެ ޕްރީ ސްކޫލްގައެވެ. އެ މުއްދަތުގައި ތެރޭގައި އެކަމަނާ ވަނީ، އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު، އެ ސުކޫލްގެ ޓީޗަރުކަމާއި ލީޑިން ޓީޗަރުކަމާއި ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ ފަހުން އެކަމަނާ ހުންނެވީ މުހައްމަދު ގާސިމް ޕްރީ ސުކޫލްގެ ޕްރިންސިޕަލްގެ މަގާމުގައެވެ. އަދި އެ ސުކޫލްގެ ފުރަތަމަ ޕްރިންސިޕަލަކީ ވެސް ހައްޖަ މިސް ކަމަށް މަޢުލޫމާތު ލިބެއެވެ.
ހައްޖަ މިސް ނިޔާވުމާއި ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ތައުޒިޔާގެ މެސެޖްގައި ހައްޖަ މިސްއަކީ ދަރިވަރުންނާއި ބެލެނިވެރީންނާއި އެކުގައި މަސައްކަތް ކުރެއްވި އެ މީހުންގެ އިތުބާރާއި ލޯބި ހޯއްދެވި ބޭފުޅެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ހައްޖަ މިސްގެ ވަކިވުމަކީ މުޅި ތައުލީމީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމުގައި ފާހަގަކުރައްވާފައިވެއެެވެ.
މާތް ﷲ މަރްޙޫމާގެ ފާފަ ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.