16 ފެބުރުވަރީ 2025

ދަތުރު ކުރަމުން ދިޔަ މީހަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން ކުށްވެރިކުރަން: ޕީޕީއެމް/ޕީއެންސީ

ސުލްހަވެރި އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަޙައްދުން ދަތުރު ކުރި މީހަކު އެއްވެސް ބެލުމެއް ނެތި އޭނާއާއެކު އިން ކުޑަ ކުއްޖެގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޮލިޝަނުން ބުނެފިއެވެ.

އެ ކޮލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިއަދުގެ ސުލްޙަވެރި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫންކަމަށާއި، އަދި ފުލުހުންގެ އެޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުނު އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަހައްދުން ސައިކަލެއްގައި ކުޑަ ކުއްޖަކާ އެކު ދަތުރު ކުރި ފިރިހެނަކު އެސަރަޙައްދަށް މަޑުކޮށް އޭނާގެ ފޯނުން ފޮޓޯއެއް ނެގުމަށްފަހު ސަރަޙައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް އެ ފިރިހެން މީހާގެ ސައިކަލުގައި އިން އެކުއްޖާއާއި ޙަވާލުވަނީ ކާކުތޯވެސް ބެލުމެއް ނެތި، އެކުއްޖާގެވެސް ކުރިމަތީ އެ މީހާއަށް ފުލުހުން އަނިޔާކޮށް، އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގި ޢަމަލެއް ގޮތުގައި މިކޯލިޝާނުން ސިފަ ކުރަމެވެ."

އެ ނޫސް ބަޔާނުގައި ޕްރޮގްރެސިވް ކޮންގްރެސް ކޮލިޝަނުން ބުނެފައިވެއެވެ.
ރާއްޖޭގެ މަގުތަކަކީ ޢާންމުންނަށް އަމާން ތަނެއް ކަމުގައި ހެދުމުގެ ޒިންމާ ޙަވާލުވެފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިނގާ ބިގާވެ ދަތުރުކޮށް އުޅޭ މީހުންނަށް ސަބަބު ނޭނގި ފުލުހުން އަނިޔާކުރަން ފެށުމަކީ މާލޭގެ މަގުތަކުގެ އަމާންކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމަކަށްވާއިރު، މިމައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށްދިނުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަނީ އެ ކޮލިޝަނުން ގޮވާލާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމައްސަލައަކީ ފުލުހުންގެ މުއައްސަސާއިންވެސް ބަލަންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، މިމައްސަލަ ބަލާ މިކަން ހިނގާ ދިޔަ ގޮތް ޢާންމުނާއި ޙިއްސާކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށްވެސް ގޮވާލާ ކަމަށެވެ. އަދި މިއަދުގެ ސުލްޙަވެރި އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ކުށެއް ނެތް އެންމެންނާއި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި މީހާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު