Tuesday, 18 June 2024

ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑު ބިލާހަކަށް

ޞިއްޙީދާއިރާގެ ފަންނީ މަޤާމުތަކުގެ މުސާރައަށް ކުރިއެރުން އަންނަ ކަމަށްބުނެ އާންމުކުރި އޮނިގަނޑުތަކަށް އަމަލެއް ނުކުރޭ

މިއަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު ސަރުކާރުން އިޢުލާނުކުރެއްވި ޞިއްޙީދާއިރާގެ ޕޭ ފްރޭމްވާރކްގެ (މުސާރައިގެ އޮނިގަނޑު) މައިގަނޑު އަސާސު ކަމަށް ފާހަގަކޮށްފައިވަނީ "ޞިއްޙީދާއިރާގެ ތަފާތު ފަންނު ތަކުގެ ފަންނީ މުވައްޒަފުންނަށް މިހާތަނަށް ދެމުންގޮސްފައިވަނީ އެފަންނުތަކުގެ މަސައްކަތާއި ނުބައްދަލު ކުޑަ މުސާރަތަކަށްވާތީ، އެފަންނު ތަކުގެ މުސާރަތަކަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ގެނައުމަށާއި، ހުރިހާ ފަންނު ތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގުރީ ހާސިލްކުރުމަށް ބާރު އެޅޭގޮތަށް މުސާރަ ކަނޑައެޅުން ކަމަށެވެ.

ނަމަވެސް އަސާސީ އުސޫލުގައި ބުނެފައިވާ ކަންކަމަށް އެއްވެސް ވަރަކަށް ޢަމަލުކުރެވެމުން ނުދާކަމަށް ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އޮނިގަނޑަށް މުވައްޒަފުން ހިޖުރަކުރި އިރު މުވައްޒަފަށް ލިބިފައިވާ ތަޢުލީމީ ސަނަދުތަކަށް ބަލާފައި ނުވާ ކަމަށާއި، މާސްޓަރސް ސެޓްފިކެޓް އަދި ޑިގުރީ ސެޓްފިކެޓް ހުރި ގިނަ މުވައްޒަފުންތަކެއް އަދިވެސް ތިބީ އެޑްވާންސް ސެޓްފިކެޓާއި ޑިޕްލޮމާ ސެޓްފިކެޓް ފެންވަރުގެ މަޤާމުތަކުގައި ކަން ދާއިރާއަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވާ، މިހާރުވެސް ޚިދުމަތުގައި ތިބި ގިނަ މުވައްޒަފުންތަކެއް ދަނީ ފާހަގަކުރަމުންނެވެ.

އަލަށް އަމަލުކުރަން ފެށުނު ފަންނީ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑުތަކުގައި ހުރި ކަންބޮޑުވުންތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގިނަ މުވައްޒަފުންތަކެއްވަނީ ހިއްސާކޮށްފައިވާ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔުނިއަން އިން މަޢުލޫމާތު ދެއެވެ. މިގޮތުން ދާއިރާގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ މުވައްޒަފުން، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަށާއި، ޕޭކޮމިޝަނާއި، ސިވިލްސާރވިސް ކޮމިޝަން އަދި ހެލްތު މިނިސްޓްރީއަށް އެ މުވައްޒަފުންގެ ކަންބޮޑުވުންތައް އީމެއިލް މެދުވެރިކޮށް ވަނީ ހިއްސާކޮށްފައެވެ. އެހެންނަމަވެސް، އެއްވެސް އިދާރާއަކުން މުވައްޒަފުންގެ އެހުރި ކަންބޮޑުވުންތަކަށް އިޖާބަދީފައިނުވާކަން ދާއިރާގެ މުވައްޒަފުން ފާހަގަކުރެއެވެ.

މީގެ އިތުރަށް ހިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމުން، ވޭތުވެދިޔަ އަހަރުތުގައި އެވެރެޖްކޮށް ދުވާލަކު 10-12 ގަޑިއިރު ސިއްހީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތްކުރެއެވެ. އައު ޕޭފްރޭމް ވޯރކްއަށް އަމަލުކުރަން ފެށުމުން، މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތައަށް ވުރެ އިތުރަށް މަސައްކަތްކުރުވުމަކީ މަސައްކަތް ހަވާލުކުރާ ފަރާތަށް މަނާކޮށްފައިވާކަމެކެވެ. އެހެން ނަމަވެސް، ދާއިރާގެ މުވައްޒަފުން ފާހަގަކުރާގޮތުގައި، އިދާރާތަކުގެ ވެރިންދަނީ އެފަރާތްތަކަށް އިތުރަށް މަސައްކަތްކުރުމަށް މަޖްބޫރުކުރަމުންނެވެ.

އަދި 10 އިންސައްތައަށް ވުރެ އިތުރަށް މަސައްކަތްކުރުވާ ގަޑިއަށް، ވަޒީފާގެ ޤާނޫނުގައިވާ ގޮތަށް އިތުރުގަޑީގެ ފައިސާ ދިނުމަށް އިންކާރުކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. މިކަމަކީ، އަސާސީ އިންސާނީ އަދި ވަޒީފާގެ ހައްގުތައް އަރައިގަތުން ކަމުގައި ދާއިރާގެ މަސައްކަތްތެރިން ފާހަގަކުރެއެވެ. އަދި ދާއިރާގެ މަސައްކަތްތެރިން އެދެނީ 8 ގަޑި އިރުގެ މަސައްކަތް ކުރުމަށްފަހު އިތުރަށް މަސައްކަތްކުރުވާނަމަ، ޤާނޫނުގައި ވާގޮތަށް އިތުރު ގަޑީގެ ފައިސާ ދިނުމަށެވެ. އަދި މަޖުބޫރުން ވަޒީފާގެ ބިރުދައްކާ އޯ.ޓީ ފައިސާ ނުދީ މަސައްކަތްކުރުވުން ހުއްޓާލުމަށެވެ.

މުވައްޒަފަކު މަޤާމުގެ ބުރަ ޒިންމާ އަދާކުރަމުން، އެ ދާއިރާއިން އިތުރު ތަޢުލީމު ހާސިލްކުރަމުންދާނީ ވަރަށްވެސް ފޮނި އުއްމީދުތަކާއި އެކުގައި ކަން ޔަގީނެވެ. އަދި ނަފްސު ތަރައްޤީކޮށް ކުރިއަރުވާ އާދާކުރަމުންދާ ވަޒީފާގައި ކޮލިޓީ ޚިދުމަތެއް ފޯރުކޮށްދީ ލިބިފައިވާ ތަޢުލީމާއި، ހުނަރުގެ ބޭނުން ހިފައި މަސައްކަތްކުރާ އޮފީހަށް ކުރިއެރުމާއި އޭގެ ފައިދާ ހޯދައި ދިނުމަށްކަން ޔަގީނެވެ.

ޞިއްޙީދާއިރާއަށް ދިގުމުއްދަތަކަށް ޙިދުމަތްކޮށްދީފައިވާ އަދި މިހާރުވެސް ޙިދުމަތްކުރަމުންދާ އެތައް ފަންނީ މުވައްޒަފުންގެ އާދޭހަކީ އެމުވައްޒަފުން އެތައް ޤުރުބާނީއެއްވެގެން ހޯދި ތަޢުލީމީ ސަނަދަކީ ދަޢުލަތުން ބަލައިގަންނަ އެއްޗެއް ކަމުގައި ވުމެވެ. އަދި މުވައްޒަފުންނަށް ލިބިފައިވާ އެންމެ މަތީ ސަނަދަށް ބަލައި ސަނަދުތަކާއި އެއްހަމައަކަށް މަޤާމުގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން ލިބިގެން ދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީ ހަމައިން ނެއްޓިފައި އޮތް ސަރުކާރެއް. މި ސަރުކާރަކު އެއްވެސް ކަމެއް ހަމަޔަކުން ނުހިނގާނެ. މުޅިން ވެސް ދައްކާނީ ހުވަފެން. ހަމަޠާއި އުސޫލު ޤާއިމު ކުރެވޭނެ ވަރުގެ ބަޔަކު ކުރިއަށްއޮތް ދައުރުގައި ގެނެވޭތޫ އެންމެން ވެސް ބަލަންވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު