މި ހިނގާ ޖުލައި މަހުގެ ނިޔަލަށް ދެ ކޮމަންޑޫ ދޭ ތެރޭ އޮތް ބިން ހިއްކާ ދެ ކޮމަންޑޫ ގުޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއީ މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައި ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދެކެވެ.
ރިޔާސީ ކެމްޕޭނު ފެއްޓުމަށް ށ. އަތޮޅު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމަށް ބޭނުންކުރާނީ ސަރުކާރުން އަލަށް ގެންނަ ޑްރެޖަރު ކަމަށާއި، އެ ޑްރެޖަރު އެންމެ ފުރަތަމަ ގެންދިއުމަށް ނިންމާފައިވަނީ އިހަވްންދޫއަށް ކަމަށާއި، މި ހިނގާ ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ކޮމަންޑޫއަށް އެ ޑްރެޖަރު ގެނެވޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ޖުލައި މަސް ނިމެންވާއިރަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"މި ޖުލައި މަހުގެ ފަހު 10ގައި މި ޑްރެޖަރު އޮންނާނީ މިތާ (ކޮމަންޑޫގައި). އިރާދަކުރެއްވިއްޔާ މި މަސް (ޖުލައި މަސް) ނިމިގެންދާނީ އަޅުގަނޑުމެން އެ ވައުދުވީ ގޮތަށް މި ދެކޮމަންޑޫ ދޭތެރޭގައި ހިއްކަން ޖެހޭ ބިން ހިއްކާފަ"
ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކޮމަންޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަން ކަން ކަމަށްވާއިރު، ދެ ކޮަމަންޑޫ ދޭތެރޭގައި އޮތް ބިން ހިއްކުމުން، އެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިންމުމުން، އަންނަ ރިޔާސީ ދައުރު ނިމެންވާއިރަށް، 300 ހައުސިން ޔުނިޓު އަޅުއްވާދެއްވާނެކަމަށް ރައީސް ޞާލިހު ވަނީ ވަޢުދުވެވަޑައިގެންފައެވެ.