ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

ނ. އަތޮޅާއި ރ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ހިންގައިފި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ. އަތޮޅާއި ރ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ބަޔަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

 

ފުލުހުން ވިދާޅުވީ، ނ. އަތޮޅު އަދި ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން، މި ޖުލައި މަހުގެ 2 އިން 5 އަށް ހިންގި އެ އޮޕަރޭޝަނުގައި ނ. އަތޮޅު ފަޅުރަށަކާއި ދުވާފަރު ބައެއް ސަރަހައްދު އަދި ދޯންޏެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓެއް އަދި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.

 

މި މައްސަލައާ ގުޅިގެން 25 އަހަރާއި 51 އަހަރާ ދެމެދުގެ އުމުރުގެ 9 މީހުން ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

 

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ހަތްދުވަސް، ފަސް މީހުންގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 11 ދުވަސް ދީފައިވާ ކަމަށާއި، ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ  ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޕޮލިހުން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު