ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ބަލިވާނެ ކަމަށާއި އެއީ ކުޑަކޮށްވެސް ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ދަަ ޑިމޮކްރެޓްސްގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ނުދޭން ރައްޔިތުން ތިބީ ސަބަބުތަކެއް އޮވެގެން ކަމަށެވެ.
"އަޅުގަނޑަށް ޔަޤީން، އަޅުގަނޑުގެ ހިތުގައި ޝައްކެތް ނުއުފެދޭ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އިންތިޚާބުން ބަލިވާނެ."
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި މަޖިލީސް މެންބަރުންނަށް ކޮންޓްރެކްޓް ދިނުމަށް ނޫނީ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނެތް ކަމަށާއި، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ހުރި މިންވަރާއި ގުޅޭގޮތުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ނަރުދަމާ ނިޒާމު ފަސް އަހަރު ވީއިރު ނުނިމި ތިއްބާ ރައީސް ޞާލިޙުގެ ވެރިންކަން ވެސް ނިމެނީ ކަމަށެވެ.
“ރައްޔިތުންގެ މަަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ މަޖިލީހަކަށް އެ މަޖިލިސް ވެގެން ނުދިޔުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުގެ ހިތުގައި ޝައްކެތް ނުއުފެދޭ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އިންތިޚާބުން ބަލިވާނެ.”
– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ ލާރީން ލޯ ލާރިއެއް ނަގާ ބޭނުން ކޮށްފައި ނުވާނެ ކަމަށާއި، ވައްކަމުގެ އެ ލައްގަނޑުގައި ޖެހެން އެމްޑީޕީގައި ހުންނަވަން ބޭނުންފުޅު ނުވީ ކަމަށެވެ. އަދި އެމަނިކުފާނު ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ ނޭވާހޮޅިން ވައްކަމެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"“….. އިންފްރާަސްޓްރަކްޗަރގެ ބޭނުމަކީ ހަމައެކަނި ކޮންޓްރެކްޓުން ޚިޔާނާތްތެރިވުން ކަމަށް ބަލައި، އެ މަޤްޞަދުގައި ކަންކަން ކުރާ ސަރުކާރެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާނޭ ސަރުކާރެއް… ގަދަވާންވީ ފިކުރު. ގަދަވާންވީ ހިޔާލު. ގަދަވާންވީ އުސޫލު. އެއީ ތިބޭފުޅުން ތި ގެންނަވާ އުސޫލު. ޑިމޮކްރެޓުންގެ އުސޫލަކީ ގަދަ ވާނެ އުސޫލު. ޑިމޮކްރެޓުންގެ އުސޫލަކީ ކާމިޔާބުވާނެ އުސޫލު،"
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓުން އެކުލަވާލަން އެދެނީ އެންމެ ނުރަނގަޅު މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ނިޒާމެއް، އިންތިޒާމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދަަ ޑިމޮކްރެޓްސްގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް ބޭއްވެވި ޖަލްސާގައި އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ ގިނަ ޢަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.