އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގޮތަށް ދާއިމީ ކޮމިޓީތައް އެކުލަވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް ފާސްކުރަން ފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.

ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް ފާސްވުމުން އެ ނިސްބަތުން މެންބަރުން އައްޔަންކުރަން ކޮމިޓީތަކުގައި ތަމްސީލުކުރާނެ މެންބަރުންގެ ނަންތައް މިރޭ 9:00 ގެ ކުރިން ފޮނުވައިދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެދިވަޑައިގެންނެވިއެވެ.

ހަސަން އަފީފު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކަށް މިނިވަން މެންބަރުން އައްޔަންކުރާނީ މަޖިލީހުގެ ރައީސްއެވެ. ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ނިސްބަތް ފާސްވެގެންދިއުމާއެކު އެމްޑީޕީއަށް 113 ސްލޮޓް، 62 ޕަސަންޓް ލިބޭނެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ހުށަހެޅި ރިޕޯޓުގައި ދެ ހުށަހެޅުމެއް އޮތީ ހިމަނައިފަ އެވެ. އެ ދެ ހުށަހެޅުމުގައި ކުޑަ ފަރަގުތަކެއް ހުރި ނަމަވެސް، ހުރިހާ ކޮމިޓީއަކަށް ވެސް ހުށަހަޅާފައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގޮތަށެވެ.

މިއަދު ފާސްކުރި ނިސްބަތަށް ބަލާއިރު، 17 ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ޖުމްލަ 183 ސްލޮޓުގެ ތެރެއިން 113 ސްލޮޓު 54 މެމްބަރުން ތިބި އެމްޑީޕީ އަށް ލިބެ އެވެ. މި ވަގުތު މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް ހަތް ސްލޮޓު ލިބޭއިރު، ޕީއެންސީ އާއި އެމްއެންޕީ އަށް ލިބިފައިވަނީ ފަސް ސްލޮޓެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ 18 މެމްބަރުން މަޖިލީހުގައި މި ވަގުތު ތިބިއިރު، އެ މެމްބަރުންނަށް 35 ސްލޮޓު ލިބޭ ގޮތަށް މިއަދު ފާސްކުރި އިސްލާހުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު