Saturday, 15 June 2024

މަޖިލީހަށް ސިފައިން ވެއްދުމަކީ ރައީސްއާ ބެހޭ ކަމެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންމެ ގޮތަކަށް ކަން ކުރެއްވިޔަސް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ސިފައިން ނުފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުމުން އެކަމަށް ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލިސް މިއަދު ބޭނުން ގޮތަކަށް ހިންގުމުގެ މިނިވަންކަން އެބައޮތް ކަމަށާއި އެތަނަށް މިސަރުކާރުގައި "ސިފައިން ވަދެ ނުހުއްޓުވާ" ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. ށ. ފޯކައިދޫގައި ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއި މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދު ހިމެނޭ ގޮތަށް މަޖިލީހުގެ މެމްބަރުންތަކެއް އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް މަޖިލީހަށް ވަދެވަޑައިގަތުމުން މެމްބަރުންނާ ދެކޮޅަށް ދައުވާ މިދިޔަ ސަރުކާރުގައި ދައުވާ ވެސް ކުރެއްވި ކަމަށެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅަށް ރައްދުދެއްވައި ނަޝީދު މިއަދު ހެނދުނު ވިދާޅުވީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަން ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށެވެ.

މިހާރު މަޖިލިސް ހިންގަމުން ގެންދަވަނީ މަޖިލިސް ރައީސް ބޭނުންފުޅު ގޮތަކަށް ކަމަށް ރައީސް ސޯލިހް ވިދާޅުވީ ނަޝީދު މަޖިލިސް ޖަލްސާތައް ހުއްޓުވާލުމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަދި މަޖިލީހުގެ ރައީސްގެ ގޮތުގައި މަސީހް ހުންނަވައިގެން ސިފައިން ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންތަކެއް މަޖިލީހުގެ ފާރުމަތިން ބޭރަށް "އުކާލެއްވި" ކަމަށް ވިދާޅުވި މީގެކުރިން ރައީސް ނަޝީދު އެކަމަށް ފާޑުވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު