އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައިދޭން ނުކުމެ މިތިބީ ވަރަށް ގަދަކޮށް ކަމަށާއި އެންމެ ތަންކޮޅެއްވެސް އެކަމުގައި ދޫ ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ފަށާފައިވާ ‘އުފާވެރި އަމާން ރާއްޖެ’ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައީ މި ފަހަރުގެވެސް ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މާލިމީ ކަމުގައި ކަމަށާއި، އެ މަނިކުފާނުގެ ވެރިކަމުގައި އެތައް ހުރަސްތަކަކާއި ގޮންޖެހުންތަކަކާ އެކުވެސް ދިވެހިން ބޭނުންވާ ހެޔޮ ވެރިކަމުގެ ނިޒާމެއް ފައްކާކޮށްދެއްވައި، މުޅި ދުނިޔެއަށް ދިމާވި ކޮވިޑުގެ ވަބާގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދު ފުނޑުފުނޑުވިޔަ ނުދީ އެއް ހަމައެއްގައި ހިފަހައްޓައި ދެއްވި ކަމަށެވެ.
މި ވެރިކަމުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނުދެކާހާ ތަރައްގީއާއި ކުރިއެރުން މިއަދު ލިބިފައިވާ ކަމަށާއި، ހުރިހާ ރޮނގަކުން ބެލި ނަމަވެސް މި ދައުރުގައި އެޅުނު ބިންގާތަކަކީ އެތައް ޒަމާނެއްގައި އެތައް ބަޔަކަށް ނުކުރެވި ހުރި ކަންތައްތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
“މި ދަތުރުގެ ތަފާތަކީ ކުރިއާ ހިލާފަށް އަޅުގަނޑުމެން މިތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް. އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެނާ އަރުވާ ބަރުކޮށްލާފައި. އަޅުގަނޑުމެންގެ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރު ވަރުގަދަ އިންޖީނު އަޅާލާފައި އޮޑީގައި މިއަދު މި ފުރަނ. ފަސް އެނބުރި ބެލުމެއް ނެތް. އެންމެ ތަންކޮޅެއްވެސް ދޫކުރާކަށް ނެތިން. އަލުން އެ އަނިޔާވެރިކަން އިޔާދަކުރާނެ އެއްވެސް ޖާގައެއް ނުދޭނަން. މި ނުކުތީ ފިސާރި ޔަގީންކަމާއި ކެރިގެން އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުމަށް،”
– ފައްޔާޒު ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ފަށާފައިވާ ‘އުފާވެރި އަމާން ރާއްޖެ’ ކެމްޕެއިން ރަސްމީކޮށް ފަށާފައިވަނީ މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގައެވެ.