ޤަވާއިދުން ދަތް އުނގުޅުމަކީ ދަތްތައް ރީތިކަން މަތީ ބެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމުން، ވަރަށް ގިނަ ފަހަރު ދަތްތައް އުނގުޅާ ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރެއެވެ. ޞިއްޙީ ގޮތުން ބަލާއިރު، އެއީ ރީތި އާދައެކެވެ. ތިމާގެ ހަށިގަނޑުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އިސްކަން ދޭނަމަ، ދަތް އުނގުޅާ ސާފުކަން މަތީ ހުރުމަށް އަހައްމިއްޔަތުކަން ދޭނެއެވެ.
މިކަންކަމުގެ އިތުރުން، ދަތް އުނގުޅުމަކީ، ހަށިގަނޑު މުޅި ނިޒާމްގެ ފުރިހަމަ ގޮތެއްގައި ހިނގުމަށްޓަކައި، މުހިއްމު ކަމެއްކަން މިއަދުގެ ދިރާސާތަކުން ފާހަގަވެއެވެ.
ދަތް ނޫގުޅާނަމަ، ހިރުގަނޑުގައި ބެކްޓީރިއާ އަށަގަނެއެވެ. ހާރވާޑް ހެލްތުން ހާމަކުރާ ގޮތުގައި، ހިރުގަނޑުގައި އުފެދޭ ބެކްޓީރިއާ ރޭގެ ހޮޅިތަކުގައި ދަތުރު ކުރެއެވެ. އެކަމުގެ ސަބަބުން ބެކްޓީރިއާ ލޭގެ ހޮޅިތަކުގައި އަދި ހިތާ ގުޅިފައިވާ ހޮޅިތަކަށް ވާސިލުވެ، ހޮޅިތަކުގައި ހަރުލައި، ލޭ ހޮޅިތައް ބެދޭ ގޮތް ވެއެވެ.
އެކަމުގެ ސަބަބުން، ލޭހޮޅިތައް ބަންދުވެ، ސްޓްރޯކްފަދަ ނުރައްކާތެރި ބަލިތަކަށް ދޮރު ހުޅުވެއެވެ.
ދިރާސާ ކުރާ މީހުންގެ މެދުގައި، މި މަޢުޟޫގައި ތަފާތު ބަހުސްތައް ކުރެވެއެވެ. 2012 ވަނަ އަހަރު އެމެރިކާގެ ހާރޓް އެސޯސިއޭޝަނުން ޢާންމުކުރި ދިރާސާއެއް ދައްކާ ގޮތުން، ހިރުގަނޑަށް ޖެހޭ ބަލިތަކުގެ ސަބަބުން ކޮންމެ ފަހަރަކު، އިންސާނާގެ ހިތަށް ގެއްލުމެއް ނުފޯރައެވެ. ނަމަވެސް، ޤަވާޢިދުން ދަތް އުނގުޅުމަކީ ބެކްޓްރީއާ މަދުކޮށްދޭނެ ކަމެއް ކަމުން، ދަތް އުނގުޅުމަށް ސަމާލުކަން ދިނުން މުހިއްމެވެ.