Sunday, 06 October 2024

ކުޑަކުއްޖަކާ ބެހުނު މީހަކަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވި 75 އަހަރުގެ މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކޮށްފައި އޮތް ހުކުމެއް ހައިކޯޓުން އިއްޔެ ދަމަހައްޓައިފިއެވެ.

އއ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން ހަސަން ޔޫސުފް ކިޔާ މީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ދަމަހައްޓަން ހައި ކޯޓުން ތާއީދުކުރީ އިއްޔެއެވެ.

ހުޅުމާލެ ޖަލުގައި ބަހައްޓާފައި ހުރި އެމީހާގެ ހުކުމް ތަންފީޒުކޮށް ނިމޭނީ އޭޕްރީލް 12، 2031 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ހަސަން ޔޫސުފް ބެހުނީ އޭނާގެ ޅީދަރިއަކަށް ބޮޑުދައިތަ ކިޔާ، އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކާ ކަމަށާއި، ޗުއްޓީއެއްގައި ހަސަން ޔޫސުފްގެ ރަށަށް ކުއްޖާ ގޮސް އެ ގެޔަށް ދިޔަ ދުވަހެއްގައި ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ވާހަކަ ދެއްކި މައްސަލަ އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ކުއްޖާ އެހެން މީހުންނަށް ކިޔައިދިން ކަމަށް އޭނާއަށް އިއްވި ހުކުމުގައިވެއެވެ.

ހަސަން ޔޫސުފްގެ ހުކުމް ހައިކޯޓުން ދެމެހެއްޓީ، ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ހެދުމަށް ކިޔައިދިން ކިޔައިދިނުމަށް ބަލާއިރު، އޭގެ ކުރިން ކުއްޖާ ކިޔައިދިން ގޮތާއި ކުއްޖާގެ މަންމަ އާއި ބޮޑުދައިތަގެ ބަޔާނަށް ބާރުލިބި، ކުއްޖާގެ ވާހަކަ ގަބޫލުކުރެވުން ކަމަށް ޙުކުމުގައިވެއެވެ.

ކުއްޖާއަށް ޖިންސީ އަނިޔާއެއް ވެފައިވާ ކަމަކަށް މެޑިކޯ ލީގަލް ރިޕޯޓުން ނުދައްކާ ކަމަށާއި، ކުއްޖާއާ މެދު ހިންގި އަމަލަކީ އަނިޔާއެއް ފެންނަން ހުންނަ ފަދަ ކަމަކަށް ނުވުމުން އެއީ މި މައްސަލާގައި ކުއްޖާގެ ވާހަކައާ މެދު ޝައްކު އުފެއްދޭނެ ސަބަބެއް ނޫން ކަމަށާއި، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓެއް ވެސް ހަދާފައިވާއިރު، އެއިން ބުނެދޭ ގޮތުގައި ހާދިސާއަށް ފަހު ކުއްޖާގެ އުޅުމަށް ބަދަލު އައިސްފައިވާ ކަމަށާއި، މި މައްސަލާގައި ކުއްޖާ ދޮގު ހަދައި، އެ ވާހަކަ ދެއްކުމުގައި ނުނިޔަތެއްގައި އޮތްކަމުގެ ހެއްކެއް ވެސް ނެތް ކަމަށް ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ކުއްޖާ ކިޔައިދިން ގޮތާއި ބޭރުފުށާއި އެތެރެފުށް އެއްގޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ހިލާފަށް ތެދު ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ބަޔާންކުރައްވާފައިވެއެވެ.

ހަސަން ޔޫސުފްގެ ދިފާއުގައި، ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު އެކަން ހިނގި ކަމަށް ބުނާ ތަނުގައި އޭނާ ނުހުންނާނެ ކަމަށް އޭނާ ބުނި ނަމަވެސް، އެގޮތަށް ސާބިތުކޮށްދޭން ހަސަން ޔޫސުފްގެ ފަރާތުން އެއްވެސް ހެއްކެއް ހުށައެއް ނޭޅުނެވެ.

އެހެންކަމުން، ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތުކޮށް މާޅޮހު ކޯޓުން އިއްވި ޙުކުމް ދެމެހެއްޓުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު