ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުންނާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ޓްވީޓެއް ކުރައްވައިފި އެވެ.
ޤާސިމް މިއަދު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވަނީ އަދުލުވެރި ޝަރީއަތަކީ ޔާމީނަށް ވެސް ލިބެން ޖެހޭ ހައްގެއް ކަމަށާއި އެންމެންނަށްވެސް އެ ޙައްޤު ލިބެންޖެހެނޭ ކަމަށެވެ.
"ރައީސް ޔާމީން ކަމަށް ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގަނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އަދި އެއީ އިންސާނީ ހައްގެއް ވެސް މެއެވެ."
– ގާސިމް ވިދާޅުވިއެވެ.
"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މި ހުރީ، އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރި ކަމެއް ލިބުމުން އެ ވައުދުވި ގޮތަށްތޯ؟"
– ޤާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލައާ ހަވާލުވެ ހުންނެވި ބައެއް ފަނޑިޔާރުން ޗުއްޓީ ނަންގަވަން އޮތުމުން އެތައް ސުވާލެއް ވަނީ އުފެދިފައެވެ.
މި މައްސަލަ ނުނިމި ދިގުލައިގެންދާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދި ހަމައެހެންމެ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިން ކުންފުނިން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގައި، ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުކޮށް ވެސް ދައުވާކޮށްފައިވެ އެވެ. ސަންގެ ދެ ކުންފުންޏާއި، ކްރިކް ރިޒާއާއި، ޔާމީންގެ މައްޗަށް ހިންގާ އެ ޝަރީއަތް ވެސް ކުރިއަށް ދާކަން ފާހަގަކުރެވެއެވެ