ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މަޝްހޫރު ޅެންވެރިޔާ އާމިނަތު އައްބާސް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނި ކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އާމިނަތު އައްބާސްއަކީ މޮޅު ޅެންވެރިއެކެވެ. އެދާއިރާއިން އެކަމަނާ ވަނީ އާންމުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާ މަޤްބޫލު ޅެންވެރިއަކަށް ވެވަޑައިގަންނަވާފައެވެ. އެކަމަނާ ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކޮށްދިނުމުގެ ރޮނގުން ޤައުމަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޅެން ހެއްދެވުމުގެ އިތުރުން އެކަމަނާ ވަނީ ޅެންވެރިކަން ދަސްކޮށްދެެއްވުމަށްވެސް އެހާމެ ގިނަގުނަ މަސައްކަތަކެއް ކުރައްވާފައެވެ.
އަދި އެކަމަނާ ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނަވާ، ޅެންވެރިކަން ދަސްކޮށްދެއްވުމަށް ކޯސްތައްވެސް ކުރިޔަށް ގެންދަވައި، ދިވެހި ނާދީއާއި، ދިވެހިނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އެތައް ކޯހެއް ހިންގަވާ، ޅެންވެރިކަން ދިރުވާ އަލާކުރުމަށް އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައެވެ.
އެކަމަނާއަކީ ޅެންހެދުމުގެ ބައެއް މުބާރާތްތައް ކުރިޔަށް ގެންދެވުމާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންޞާފު ކޮށްދެއްވުމުގެ މަސައްކަތްތައް ފުރިހަމަ ގޮތެއްގައި އަދާކޮށްދެއްވާފައެވެ.
އާމިނަތު އައްބާސް ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ގިނަގުނަ ކާމިޔާބީތަކެއްވެސް ހާސިލް ކުރައްވައި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ އޭނާ ހޯއްދަވާފައި ވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަވެސް ހޯއްދަވާ، އޭނާވަނީ، ޤައުމީ ޅެންހެދުމުގެ މުބާރާތްތަކުން ރަން ވަނަތައް ހާސިލުކުރައްވާފައެވެ.
އެކަމަނާ ވަކިގެން ދިއުމަކީ، ދިވެހި އަދަބިއްޔާތަށް ލިބިގެންދާނެ ވަރަށް ބޮޑު އުނިކަމެކެވެ.
މާތް ﷲ، އެކަމަނާގެ ފުރާނަފުޅަށް ޖަންނަތުލް ފިރްދައުސްގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.