ޖިންސީ ގޯނާކުރި ކަމަށްބުނެ، ފަނަރަ މީހަކު ރައީސްގެ އަރިހަށް ގޮސް މައްސަލަ ހުށަހެޅިއެވެ. ރައީސަށް ކީރިތި ކުރެއްވުނެވެ. އެވަރު ބޮޑު އަނިޔާއެއް ވަޒީރު ބޭކަލަކު ދިނުމުން ރައީސަށްވެސް، ހަމަ ކޮންމެ އިންސާނަކަށްވެސް އަސަރު ކުރާނެ ތާއެވެ. ޚާއްޞަކޮށް ވުޒާރާއެއްގައި މަސައްކަތް ކުރާ ޒުވާން މުވައްޒަފުންތަކަކަށް އެވަރުގެ އަނިޔާއެއް ދިނުމުން ހިތަށް ކުރާނެ އަސަރު ތަސައްވުރު ކުރެވެއެވެ. އެހެނީ، ރައީސަކީ ރައްޔިތުންގެ ޚާދިމެވެ. ރައްޔިތުންގެ ބަލަދުވެރިޔާއެވެ. މިއީ ހަމަ އިވިއިވި ހުރި އަޑުތަކެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އެތަކެއް ދައުވާއެއް އުފުލުނެވެ. ދުވަހަކުވެސް މިނިވަން ނުވާނޭ މިންވަރަށެވެ. އުމުރު ދުވަހު ޖަލުގައި އޮންނާންޖެހޭ ފަދަ ބޮޑެތި ދައުވާތަކެވެ. ޝަރީޢަތްތައްވެސް މެކުހަށް ޖެހިއެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ޖޫން މަހު 14 ގައި ނިންމެވިއެވެ.
މި މައްސަލައިގެ ޝަރީޢަތްތަކަށް ނަޒަރު ހިންގާލާއިރު، އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ފުރި ގޮތަށް އަނބުރާ އައިސްފައި ނުވުމުން، މައްސަލަ ކުރިއަށްނުގެންދެވިގެން، ކޯޓުން ވަނީ 22 ސެޕްޓެމްބަރު 2022 ގައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލިއެވެ. އަދި، ޕީޖީ އޮފީހުން ވަނީ 6 އޮކްޓޯބަރު 2022 ގައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލިއެވެ.
މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވައިލީ ، އަނިޔާ ލިބުނު ކަމަށް ބުނާ މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ދައުވާތައް އަނބުރާ ގެންދިޔަސް، މީގެ ކުރިން އަލީ ވަހީދު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފީ އަޑުއެހުމަކަށް ހާޒިރުނުވި މައްސަލައިގައި އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އޭނާ ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލާން އޮތީ ހުކުމްކޮށްފައެވެ. އެހެންކަމުން، އޭނާ އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުން އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އޮތީ ބެލެވިފައެވެ.
ދުވަސްތައް ވޭތުވަމުންގޮސް، ކީރިތި ކުރެއްވި ޙާދިސާވެސް ފަސްދީފިއެވެ. އަލީ ވަޙީދު މަޤާމުން ވެސް ވަކިކުރިއެވެ. އޭނާ ވަކިކުރީ، އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުންނެވެ. އެއީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހެވެ.
ދެން އިވުނީ، 10 ފެބްރުއަރީ 2021 ގައި އަލީ ވަހީދު ރާއްޖޭން ފިލި އަޑުތަކެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް 28 ނޮވެމްބަރު 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ. ގަސްތުގައި އޭނާ ފުރުވާލީ ކަމަށް އާންމުން ބުނަމުން ގެންދިޔައެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންކަމާއި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެއަށް ވަޑައިގެންފައި ނުވާކަން މިއީ އެންމެންނަށް އެނގޭ ޙަޤީޤަތެކެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވާ އެ ނިންމުން، ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރިއެވެ. އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގޭތީއާއެކު، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ ހަމަ އެންމެންގެ ލޯ ކުރިމަތީގައެވެ.
ދެން އަނެއްކާ ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެ ނުދިން މައްސަލާގައި ހައިކޯޓަށް ދިޔައެވެ. މި މައްސަލާގައި، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބޭރުކޮށްލިއެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވާ ކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ މުޅިންވެސް ސިއްސައިގެން ދާވަރުގެ ބޮޑެތި ދައުވާތަކެވެ.
އެ އެޕިސޯޑްވެސް ނިމިއްޖެއެވެ. އިއްޔެ، އަލީ ވަހީދު ރާއްޖެ ވަޑައިގެންފިއެވެ. އޭނާއަށް ހޫނު މަރުޙަބާއެއް ވެސް ބަޔަކު ކިޔައިފިއެވެ. އޭގެ ތެރޭގައި ރީކޯ މޫސާ މަނިކުފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ގިނަ މީޑިއާތަކަކުން އޭނާ ވަޑައިގެންނެވި މަންޒަރު ކަވަރުކުރިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ ފްރޭމެއްކަމަށެވެ. އެއީ ސިޔާސީ ރޭވުންގަނޑެއް ކަމަށެވެ. ބަޔަކު އަޑީގައި ތިބެގެން އޭނާގެ ދުވަސް ދުއްވާލުމަށް ކުޅުނު ކުޅިގަނޑެއްކަމަށެވެ.
އޭނާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވީ، ކުރިން ދައްކަވާފައިވާ ވާހަކަތައް ފަސް އަޅާ ފޮރުވުމަށެވެ. އެމްއެމްޕީއާރުސީގެ ކަޅުދަބަސް ރައީސް ޞާލިޙް އުފުއްލެވި ކަމަށް، ފިއްލަވައިގެން ވަޑައިގެން ހުންނަވާ އޭނާ ވިދާޅުވިއެވެ. ރާއްޖެ ވަޑައިގަތުމަށްފަހު އޭނާގެ ރާގު މުޅީން ބަދަލު ވެއްޖެއެވެ. ރައީސް ޞާލިޙް އެވަރުކަމެއް ނުކުރައްވާނެ ކަމަށް އިއްޔެ ވިދާޅުވިއެވެ. ޔަޤީން ކަށަވަރު ކަމާއެކު ރައީސް ޞާލިޙް ދިފާޢުކުރެއްވިއެވެ.
ރައީސް ޞާލިޙް ދާދި ފަހަކުން ޔޫކޭ އަށް ކުރެއްވި ދަތުރުފުޅުގައި، އަލީ ވަހީދާ ބައްދަލުކުރެއްވި ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެކަން ސަރުކާރުން ދޮގުކުރެއްވިއެވެ. އަނެއްކާ އިއްޔެ ވަނީ އަލީ ވަހީދުވެސް އެކަން ދޮގުކުރައްވާފައެވެ.
ރައީސް އޭނާއާ ބައްދަލުކުރެއްވި އަޑުތައް ފެތުރުމާއެކު، އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވައި ރައީސް ޞާލިޙުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއްވެސް ފެތުރިގެން ދިޔައެވެ. ހަމަ އެ ދަތުރުފުޅުގެ ފަހުން، އެ އަޑުފައްގަނޑު އިވިއިވި ހުއްޓާ އޭނާގެ ޝަރީޢަތްތައް ޕީޖީން އަނބުރާ ގެންދެވިއެވެ.
ބަލަންތިބި މީހުންނަށް މަންޒަރު ސިފަވަނީ، ހަމަ ރައީސް ޞާލިޙުގެ ކެމްޕެއިނާ އަލީ ވަޙީދު ގުޅިވަޑައިގަންނަވާފަދަ މޭރުމަކުންނެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. ހަމަ އިއްޔެ ހިނގި އަނެއް ޙާދިސާއަކީވެސް ދައުވާ އުފުލާފައިވާ، އަދި ޙުކުމް ތަންފީޒުކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރި ޙާދިސާއެވެ. އޭނާ ބޭސްފަރުވާއަށް ފުރީ، އޭނާގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭން ކަރެކްޝަނަލް ސާވިސްއިން ނިންމުމުންނެވެ.
އަދީބު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ އަދީބުގެ މެޑިކަލް ލިޔުންތަކަށް ބެލުމަށް ފަހު މެޑިކަލް ބޯޑުން ލަފާ ދިނުމުންނެވެ. މިކަން ކަރެކްޝަނަލް ސާވިސްއިންވެސް ކަށަވަރުކޮށްދެއްވިއެވެ. އަދީބު ބޭސްފަރުވާ އަށް ފުރީ ސިންގަޕޫރަށެވެ. އަދީބު ވަނީ ދާދި ފަހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ވެސް ހޯދައިފައެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލު ހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އޭނާ ގެއަށް ބަދަލުކުރީ ނިދާއިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.
އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.
މިހާރު ފެށިގެން މިދަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފޯރިއެވެ. މި މޫސުމުގައި ސިޔާސީ ގޮތުން ކުޅެވެން އޮތް ކޮންމެ ކަޑެއްމެ ބޭނުންކުރާނެ ކަމާމެދަކު ޝައްކެތް ނެތެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތައް ފެށިގެން އައިއިރު، އަދީބުގެ ޕާޓީ އެމްޓީޑީއިން ޖުމްހޫރީ ޕާޓީއާ ބައްދަލުކުރެއްވިއެވެ. އަދި އެމްޓީޑީގެ އިސް ބައެއް ބޭފުޅުން ޖުމްހޫރީ ފާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާއީދުކުރަމުންވެސް ގެންދެވިއެވެ. އޭގެ ހަފުތާއެއް ފަހުން އެ އަޑުތައް މަޑުވެ، އަނެއްކާވެސް ރައީސް ޞާލިޙަށް ތާޢީދުކުރާކަން ހާމަވާ ޕޯސްޓްތައް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ކުރައްވަމުން ގެންދެވިއެވެ.
ދެން އޭގެފަހުން އަދީބު ބަލިވެއްޖެއެވެ. ހޮސްޕިޓަލުގައި އެނދުމަތި ކުރެވި، އެންމެ ފަހުން އިއްޔެ ފުރައިގެން އެ ދިޔައީ ސިންގަޕޫރަށެވެ. ގިނަ ރައްޔިތުން ތިބީ ވާން މިއުޅޭ ގޮތެއް ނޭނގި ސުވާލެއްގެ ތެރޭގައެވެ.
މި ދެބޭފުޅުންގެ ދަތުރު، އެއް ދުވަހަކަށް މި ދިމާވީ ކީއްވެބާއެވެ. އަލީ ވަހީދު ރާއްޖެ ވަޑައިގެން ދުވަހު، އަދީބު ފުރާވަޑައިގަންވަން މި ޖެހުނީ، މިއީ އިއްތިފާޤެއް ބާވައެވެ.
މި ދެބޭފުޅުންގެ ދަތުރުގެ ކަންތައްތައް އިންތިޒާމްވެގެން މިއައީ ދުރާލާ ރޭވިގެން ކަމަށް ބެލެވެއެވެ. އެއީ ދެ ބޭފުޅުންގެ ދަތުރު ގުޅިފައި މިވަނީ ދައުލަތުގެ އިދާރާތަކެއް ނިންމުމާއެވެ.
މިއީ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކާއި، ލޯތައް އަމާޒުވެފައިވާ ދެ މައްސަލައެވެ. އަދި މި ދެބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށްވުމުން، ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް އަންނާނެ ކަން ސަރުކާރަށް ވަޒަންކުރެވޭނެއެވެ.
އެހެންކަމުން، ދެބޭފުޅުންގެ ދަތުރު އެއް ދުވަހަކަށް ހަމަޖެހުމުން، އެއް ކަމަކަށް ފޯކަސް ދިނުމުގެ ބަދަލުގައި ދެ ކަމަށް ފޯކަސް ދޭން މީޑިއާތަކަށާއި، އާންމުންނަށް ޖެހި، ދެކަމުން ކުރެ އެއްކަމަކަށްވެސް ފޯކަސް ނުދެވި، މި ދެ ކަންތަކުގެ ފޯކަސް ގެއްލުވާލުމަކީ މިކަމުގައި ފޮރުވިފައި އޮންނާނެ ހިކުމަތެއް ކަމަށް ބެލެވެއެވެ.
އަދީބު ފުރައިގެން ދިޔަ އަޑަށްވުރެ، އަލީ ވަހީދު މާލެ ވަޑައިގެން، މީޑިއާގައި ޖެއްސި ސްޓަންޓްތަކުގެ ކުލަވަރާއި އަޑުގަދަވެ އަދީބަށް ދިން ފޯކަސް ކުޑަވެއްޖެނަމަކަށްވެސް ބެލެވޭ ހިސާބަށް ގޮސްފިއެވެ. އެތައް އަހަރެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ، އަދި ޤައުމުގެ ނައިބު ރައީސް ކަން ކޮށްފައިވާ، އަދި މީގެ އިތުރުން ރައްޔިތުންގެ ފައިސާގައި ޖެހިފައިވާ ކަމަށް ކުށް ސާބިތުވެފައިވާ ފަރާތަކާ މެދު އޮންނަ ނުރުހުން ބޮޑުވާނެއެވެ.
އަލީ ވަހީދު ދޫކޮށްލީ ޝަރުޢީ ނިޒާމުގެ ތެރެއިން ކަމަށް ކުލަވަރު ދައްކައި، ސަރުކާރުގެ އަތެއް އެކަމުގައި ނެތްކަމަށް މެސެޖު ދެމުންދާއިރު، ކޮންމެގޮތެއްގައިވެސް އަދީބަށް ފުރައިގެން ދެވޭނީ، ސަރުކާރު އިދާރާއަކުން ހުއްދަ ލިބިގެން ކަމަށްވުމުން، އަދީބު ފުރައިގެން ދިއުމުން ސަރުކާރަށް ދިއްކުރާ އިގިލިތައް އިތުރުވެ ޝަކުވާތައް ބޮޑުވާނެކަން ޚުދު ސަރުކާރަށްވެސް ޤަބޫލުކުރެވޭނެއެވެ.
އެހެންވެ، މިފަދަ ޚައްސާސް ކަމެއް އޮތް ދެ މައްސަލައެއްގައި ޝާމިލުވާ ދެ ފަރާތް ފުރުވާލުމާއި އެތެރެ ކުރުމުގައި ސަރުކާރުން ވިސްނާފައި އޮތް ގޮތަކީ ކޮބައިކަން އާންމު މީހާއަށް ވިސްނޭ ވަރަށްވެސް ކަންކަން ތިލަވެގެން ގޮސްފިއެވެ.
އަލީ ވަހީދުގެ މައްސަލަ އޮބުމާއެކު، ރައީސް ޞާލިޙުގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އަޑުތައް ފެތުރުނެވެ. އިއްޔެ އަލީ ވަހީދު ރާއްޖެ ވަޑައިގެން ދެއްކެވި، ވާހަކަތަކުގައި، ވަރަށް ބޮޑަށް ރައީސް ޞާލިޙް ދިފާޢު ކުރެއްވިކަމީ ރައީސް ޞާލިޙުގެ ކެމްޕެއިންނާ މައުނަވީ ގޮތުން، އަލީ ވަހީދު ގުޅިވަޑައިގަތްކަމަށް ބެލެވޭނެ ކަމެކެވެ. ދެން އޮންނާނީ އަމަލީ ގޮތުން، ރައީސް ޞާލިޙުގެ ކެމްޕެއިންގައި އުޅުއްވާ މަންޒަރު ފެނުންކަމުގައި ބަލަންޖެހެއެވެ.
އަދީބު އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއެކު އޭނާ ރާއްޖެއިން ބޭރަށް ފުރުވާލަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އާޚިރުގައި ހަމަ އެ އަޑުތައް އިވުނު ގޮތަށް އޭނާވެސް ފުރުވާލެވިއްޖެއެވެ. ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުންދަނީ، އަދީބު ފުރުވާލުމުގެ އަޑީގައި ވަނީ، ރައީސް ޞާލިޙުގެ ކެމްޕެއިނަށް ޚަރަދުވާ ފައިސާ އަދީބު އަތުން ހޯދުން ކަށެވެ. އޭނާ ފުރުވާލެވުނީ، ރައީސް ޞާލިޙުގެ ކެމްޕެއިނަށް ޚަރަދުކުރަމް އެއްބަސްވުމުން ކަމަށް އަޑުތައް ފެތުރުނެވެ. މިއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ޔަޤީންކުރެވޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ނިއުޅެމުންދާ މަންޒަރުތައް ތަމްސީލުވާ ގޮތަކުންނެވެ.
ކޮންމެއަކަސް، އަލީ ވަހީދު އެތެރެވެއްޖެއެވެ. އަދީބު ބޭރުވެއްޖެއެވެ. މި ދެ ކަންތައް މިހިނގީ ހަމަ އެއްދުވަހެއްގައެވެ. މިކަމަކީ އިއްތިފާޤަކަށްވުރެ ބޮޑަށް، ރޭވިގެން އިންތިޒާމުވެގެން އައި ކަމެއް ކަމަށް ބެލެވެއެވެ.
މިކަންކަމުގައި ރައްޔިތުންގެ ހިތުގައި ބަންޑުންވަމުންދާ ސުވާލުތައް އެހާމެ ގިނައެވެ. އެހެންނަމަވެސް، މިކަންކަމުން އެނގި ހާމަވެގެންދާ އެންމެ މުހިއްމު ކަމަކީ ރިޔާސީ އިންތިޚާބު ކުރިމަތިވެއްޖެ ކަމާއި، ކެމްޕެއިންތައް ފެށިއްޖެ ކަމެވެ. މީގެ ކުރިންވެސް މި ދެބޭފުޅުން ތިއްބެވިއެވެ. ކޮންމެ ސިފައެއްގައި ނަމަވެސް، އެ ތިއްބެވި ތަނެއްގައި ތިއްބެވީއެވެ. ޖޫންޖުލައި ކޮޅިގަނޑާއެކު ކެމްޕެއިނުގެ ފޯރިގަދަވެ، ކޮޅުކޮޅު މައްޗަށް ދަތުރުތައް ފަށައި، ސިޔާސީ ފޯރީގައި ރައްޔިތުން ޖޯޝް އުފައްދައި، މަމެންގެ ޕާޓީއަށް ބޮޑު ސަޕޯޓް ހޯދެން އޮތް ކޮންމެ ކަމެއްވެސް ކުރާން ފޫގަޅާލައިގެން ތިބި ދަނޑިވަޅެއްގައި، ރައްޔިތުންނަށް ރަގަޅާއި ގޯސް ނުވިސްނޭ ފަދަ ކުންނަކަށް ގެނެސް ފޯރި ހިއްޕައި، ނަށައި ވަޖިދުވާން ފެށުމުން ކަންކަން ފަސްއަޅައި ފޮރުވާން ފަސޭހަވާނެ ކަމުގައި ޤަބޫލުކުރާންޖެހެއެވެ.
މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސިޔާސީ ކަންކަން ކައްކައި، ހޫނުކޮށް، ރައްޔިތުން އެ އުދާސްގަނޑުގެ ތެރޭގައި ވަޖިދުކޮށް ގެންގުޅުމުން، މާޒީގެ ކިލަނބުކަން ފަސް އަޅައި ފޮރުވުމަށް، އެ ހިނދުކޮޅުގެ ފައިދާ ނެގޭނެއެވެ.