އާރުޑީސީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅުއްވާ ހުންނަކަން ވަރަށް ގިނަ ފަހަރަށް ފާހަގަވާ ކަމަށް ޕީޕީއެމް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނެފައިމިވަނީ ނ. ހޮޅުދޫގައި ފާރެއް ވެއްޓި، މަގު ހަދަން އުޅުނު އާރުޑީސީގެ 3 މުވައްޒަފަކަށް އަނިޔާވުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ ނ. ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފާރެއް ވެއްޓި އަނިޔާ ލިބުނު ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ހަމްދަރުދީ ފާޅުކޮށްފައެވެ.
އާރުޑީސީގެ ފަރާތުން މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅުއްވާ ހުންނަކަން ވަރަށް ގިނަ ފަހަރަށް ފާހަގަ ކުރެވޭ ކަމަށާއި ހޮޅުދޫގައި ހިނގި ފާރު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައިވެސް ފާރު ބުޑު ކޮންނަމުން ދިޔައިރު ފާރު ވެއްޓުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މިފަދަ ހާދިސާތަކުން ގެއްލުން ލިބެމުން ދަނީ ނިކަމެތި ދިވެހި ރައްޔިތުންނަށްކަން ފާހަގަކޮށް އިދިކޮޅުން ވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ ރައްކާތެރި ކަމަށް އިސްކަން ދިނުމަށް ގޮވާލާ ކަމަށެވެ.
އަދި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުމެ އެޅުމަށާއި ހޮޅުދޫގެ ފާރު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ފުރިހަމަ ފަރުވާއެއް ދިނުން އަވަސް ކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.