ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރިޔާސީ ކެމްޕޭނަށް މާދަމާ އިން ފެށިގެން އަތޮޅުތަކަށް ދިއުމަށް ނިންމަވައިފިއެވެ. އެގޮތުން މާދަމާ ދިއުމަށް ހަމަޖެހިފައިވަީ ވ. އަތޮޅަށެވެ.
އުމަރު ނަޞީރު ހިމެނިވަޑައިގަންވާ ގޮތަށް ކެމްޕޭން ޓީމް އަންނަ ހުކުރު (14 ޖުލައި) ދުވަހު ވ.އަތޮޅުގެ 3 ރަށަށް ކުރާ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުގައި ވ. ފެލިދޫ، ވ. ކެޔޮދޫ އަދި ވ. ފުލިދޫ އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ނަޝީރަކީ އަބަދުވެސް މަސްތުވާތަކެއްޗާއި ގޭންގްތަކާ ދެކޮޅަށް އަޑު އުފުއްލަވާ ބޭފުޅެކެވެ. އަދި އޭނާގެ މިފަހަރުގެ ކެމްޕެއިންގައިވެސް އެކަންކަމަށް ފޯކަސް ކުރައްވާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެއާއެކު، އިސްލާމީ ޝަރީޢަތް ތަންފީޒުކުރެއްވުމަށް ވަކާލާތުކުރައްވައި، މަސްތުވާއެއްޗެތީގެ ސަބަބުން މިޤައުމަށް ލިބެމުންމިދާ ގެއްލުމާއި، ޤައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލު ކުރުމަށް އަޑު އުފުއްލަވައެވެ.
ރިޔާސީ ކެމްޕޭންގައި އުމަރާއި، އޭނާގެ ޓީމުން ކެމްޕެއިން ހަރަކާތްތައް ފުޅާކުރަން ނިންމަވާފައިވާ މި ދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުން މި އިންތިޚާބަށް ހިންގާ ކެމްޕެއިންތަކުގެ ފޯރިވަނީ ގަދަވެފައެވެ.