އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް އަދި ނުދެކެވޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިއްޔެ ޕީޕީއެމް/ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ކޮލިޝަން ހެދުމާބެހޭ ގޮތުން އަދުރޭ އިއްޔެ ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ އެންމެންވެސް ބޭނުންވަނީ ރައީސް ޞާލިހު ވެރިކަމުން ދުރު ކުރުމަށް ކަމަށާއި އެކަމުހެ ވާހަކަތައް ހުރިހާ ފަރާތްތަކާއެކުވެެސް ދެކެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
“އަޅުގަނޑުމެންނާ ބަޔަކާ ކޯލިޝަން ހަދާ ވާހަކައެއް އަދި އަޅުގަނޑުމެންނެއް ނުދައްކަން، ފުރަތަމަ ބުރަކުއެއް. އެކަމު ގައުމީ މައްސަލަތަކުގައި ވާހަކަ ދައްކަމޭ. ގައުމީ މައްސަލައަކަށް މިވަގުތު ދިވެހި ގައުމަށް ކުރިމަތި ވެފަ އޮތް އެންމެ ބޮޑު މައްސަލައަކީ އިބްރާހިމް މުހައްމަދު ޞާލިހު މި ގައުމުގެ ވެރިކަމުގައި ހުރުމުގެ މައްސަލަ” އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމް ކޯލިޝަނުން އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކާއި ރިޔާސީ ކެނޑިޑޭޓުންނާ މަޝްވަރާ ކުރަމުންދާއިރު ގާސިމް އިބްރާހިމްއާ ވެސް ވަނީ ބައްދަލުކޮށްފިއެވެ.
ޤާސިމްއާ އެކު ބޭއްވުނު ބައްދަލުވުން ތަކަށްފަހު، އަދުރޭ ވިދާޅުވެފައިވަނީ، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި މިއަދު މުހިންމު ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި އެ ބައްދަލުވުން ބޭއްވުނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ކަމަށެވެ.
ޕީޕީއެމް ކޯލީިޝަނުން ޤާސިމްއާ ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ކޯލީޝަންގެ ކެނޑިޑޭޓް ކަމުގައިވާ ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެވިދާނެ ކަމާއިމެދު އަނެއްކާވެސް މިވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެނީ، އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުގައި އޮތް މައްސަލަ ކުރިއަށްދަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ޗުއްޓީއާއި ގުޅިގެން ވަނީ މަޑުޖައްސާލެވިފައެވެ.