އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު، އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ވިދާޅުވީ،
"އަޅުގަނޑަށް ވަރަށް، ވަރަށް ޔަގީންކަން އެބައޮތް، ބޮޑު ނަތީޖާއަކުން، އެއް ބުރުން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަން."
މާލޭގައި އިިއްޔެ ބޭއްވި އެމްޑީޕީގެ ދޮރުންދޮރަށް ހަރަކާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، މަސައްކަތް ކުރައްވަނީ 2018ގެ ނަތީޖާ ތަކުރާރު ކުރެވޭތޯ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެއްބުރުން އަޅުގަނޑުމެން، ކުރީގެ ޓާގެޓަށް ދެވޭތޯ، 2018 ގައި ލިބުނު ހިސާބަށް ދެވޭތޯ މަސައްކަތް މި ކުރަނީ. އަޅުގަނޑަށް އެ މަންޒަރު މިހާރު އެބަ ފެނޭ،"
ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދޭން އެބަޖެހޭ ކަމަށާއި، ބައެއް ފަރާތްތަކުން އެކަންކަން އޮޅުވާލައިގެން ރައްޔިތުންނަށް ކިޔައިދިނުމުގެ ސަބަބުން އޮޅުން އަރާފައިވާ ކަމަށެވެ.
ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި، ރައީސް ޞާލިހުގެ ކެމްޕޭންގެ ތެރެއިން އިއްޔެ މާލޭގެ ގޭގެއަށް ޒިޔާރަތްކުރައްވަން ވަނީ ފައްޓަވާފައެވެ. އެގޮތުން އެ ހަރަކާތުގައި ރައީސް ޞާލިހު ވަނީ މިއަދު ގަލޮޅު އަވަށުގެ ބައެއް ގެތަކަށް ވަޑައިގެންނެވި އެވެ.
މިދިޔަ ހަފުތާގައި ވަނީ އެ ޕާޓީގައި ކެމްޕެއިން ރަސްމީކޮށްފަށާފައެވެ. އެގޮތުން، ރައީސް ޞާލިޙް ވަނީ ށ. އަތޮޅުގ ބައެއް ރަށްތަކަށް ވަޑައިގެން ކެޕްއިން ޙަރަކާތެއް ހިންގަވާފައެވެ.