Thursday, 12 September 2024

މުސްހަފު އެންދުން ރާއްޖެއިން ކުށްވެރިކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުގައި ހިޔާލު ފާޅުކުރުމުގެ ނަމުގައި ހިންގާ މުސްހަފު އެންދުމުގެ ހަރަކާތްތަކާ ގުޅޭގޮތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ބައިވެރިވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިކަން ކުށްވެރިކޮށްފައިވަނީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން (އޯއައިސީ) ހިނގަމުންދާ އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމަށް ހުށަހެޅި ގަރާރާ ގުޅިގެންނެވެ.  އެކަމަށް ހުޅުވާލި ބަހުސްގައި ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ކީރިތި ގުރުއާނުގެ މުސްހަފު އެންދުމުގެ ހަރަކާތްތަކާ ހިންގާތީ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ފަރާތުން އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އާސިމް އަހުމަދެވެ.

ޑރ. އާސިމް ދެއްވި ހިތާބުގައި ވިދާޅުވީ އެފަދަ އަމަލުތަކަކީ ހިޔާލުފާޅު ކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމު ކުރުމަށް އެފަދަ އަމަލުތައް ނިމުމަކަށް ގެންނަށް ޖެހޭ ކަމަށެވެ.

ދިވެހިރާއްޖެ ހިމެނޭހެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެންބަރު ގައުމެއްގެ ތާއީދާ އެކު ބޮޑު އަގުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްވެފަ އެވެ.

ސްވިޑެންގައި މިފަހުން ގުރުއާން މުސްހަފެއް އަންދާފައި ވަނީ މިދިޔަ ބޮޑު އީދުގެ ތެރޭގައި އެ ގައުމުގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައި އެ ގައުމުގެ ފުލުހުންގެ ހިމާޔަތް ވެސް ލިބިގެންނެވެ. އެ ހަރަކާތާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑުކިޔުން އެ ގައުމަށް ވަނީ އަމާޒުވެފައެވެ. ދަތި ކުރުމުގެ ފިޔަވަޅު އަޅައިފާނެ ކަމުގެ ބިރު ހީވުމުން ސްވިޑެންގެ ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ.އެ ބަޔާނުގައި ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ އެ ގައުމުގެ ގާނޫނު އަސާސީން ހަމަ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ ހައްގެއް ކަން ފާހަގަކޮށް، ގުރުއާން އެންދުމަކީ ވެސް އެއީ ހިޔާލުފާޅު ކުރުމުގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ.

ސްވިޑެންގައި މީގެ ކުރިން ވެސް ވަނީ ގުރުއާން މުސްހަފު އަންދާ ހަދާފައެވެ. އެކަންކަމާ ދެކޮޅު ހަދައި، އިސްލާމީ ގިނަ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުގައި ދިރިއުޅޭ މުސްލިމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު