ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށްފައިވާ ބޭންކު ސްޓޭޓްމަންޓެއް ފެނުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކޯޓުގައި ވިދާޅުވެއްޖެއެވެ.
ރ. ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާތަކުގައި އޮތް ހެކިބަސް ނެގުމުގެ މަރުހަލާގައި މިއަދު ބޮންޑޭ ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު އޭނާއަކީ އަމިއްލައަށް މަސައްކަތް ކުރާ ފަރާތެއް ކަމަށާއި، އޭނާ ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން ކަމަށެވެ.
އޭރު ކުންފުންޏެއް (އައިބީއާރް މޯލްޑިވްސް) ރަޖިސްޓްރީ ކޮށްގެން ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުއްގިރީގެ ކޮންސެޕްޓް ޑިޒައިނިންގ އާއި އީއައިއޭއާ ގުޅޭ ކަންކަމުގައި ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާގެ ކުންފުނިން ފައިސާ ދައްކާފައިވާނެ ކަމަށާއި، އެ ފައިސާއަކީ ބޭރުގެ ކުންފުނިން ފޮނުވި ފައިސާކަމަށް ބޮންޑާ ވިދާޅުވިއެވެ. އެގޮތުން އެ މުއާމަލާތާއި ގުޅިގެން 150،000 ޑޮލަރު އިނިޝަލް ޕޭމަންޓެއްގެ ގޮތުން ބޭރުގެ ކުންފުނިން ދެއްކިކަމަށް ބޮންޑާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީއަށް އެ ފައިސާ ޖަމާކުރުމަށް އަލީ ސަލީމް ނަމަކަށް ކިޔާ މީހެއް އަތަށް ޗެކެއް ދީފައިވާނެކަމަށް ބޮންޑާ ވިދާޅުވިއެވެ. އަލީ ސަލީމަކީ ކްރިކް ރިޒާއާއެކު އުޅޭމީހެއްގެ ގޮތުގައި ފެނިފައިވާކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާގެ ލިޔެކިޔުންތައް ބޭންކުން ހޯދަން ދިޔުމުން، އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބަދަލުގައި އެސްއޯއެފްގެ އެކައުންޓަކަށް ކަން އެނގުނެވެ. އެހެންކަމުން އޭގައި މައްސަލަތަކެއް އުޅޭ ކަމަށް ޝައްކު ކުރެވުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅުއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުރަތަމަ އެ ބޭންކް ސްޓޭޓްމަންޓްގެ މައުލޫމާތުތައް ހާމަކުރި ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ޖަލަށް ލާން ހުކުމް ކުރި ކަން ފާހަގަ ކުރައްވައި ބޮންޑެ އިތުރަށް ވިދާޅުވީ އޭނާ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރަން ވެސް ފެށި ކަމަށެވެ. އެހެންވެ އޭރު އަދީބާއި، ސަރުކާރުގެ އެހެން އިސް ބޭފުޅުންނާ މެދު ހިޔާލު ތަފާތުވުންތަކެއް އުޅުނު ކަމަށް އޭނާއަށް ބެލެވުނު ކަމަށެވެ.
ބޮންޑާ އިތުރަށް ވިދާޅުވީ، އަގެއް ކަނޑައެޅުމަށްފަހު، ކުއްލިއަކަށް ރަށުގެ އަގު ކުޑަވުމުން ބޭރުގެ ކުންފުނިންވެސް އެ ސުވާލު އުފެއްދި ކަމަށާއި، ކުންފުނިންވެސް އޮތީ ރަށުގެ އަސްލު އަގުގައި ރަށް ގަންނަ ގޮތަށް ކަމަށެވެ. ރަށުގެ އަގު ކުޑަވުމުން އެކަމުގައި ގޯސްތަކެއް ހުރިކަމަށް ޝައްކު ކުރެވޭކަން އޭރު ބޭރުގެ ކުންފުނީގެ ސަމާލުކަމަށްވެސް ގެނެވިފައިވާނެކަމަށް ބޮންޑާ ވިދާޅުވިއެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގައެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގައެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.