ފަނޑިޔާރުންނާއި، ސިޔާސީ ވާދަވެރިންނާއި ނޫސްވެރިން ޖަލަށްލީ ޒަމާން މާޒީވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ކެމްޕޭނަށް ކުރައްވާ ދަތުރުގައި، ގުޅިއަށް ވަޑައިގެން ގުޅީ ރައްޔިތުންނާއި މުޚާތަބް ކުރައްވާ ރައީސް ޞާލިހު ވިދާޅުވީ 2018ގެ ރިޔާސީ އިންތިޚާބުގައި ކަންކަން އޮތް ގޮތާއި، މިއަދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަންކަން އޮތްގޮތް ވަޒަން ކޮށްލުމުން ރައްޔިތުންނަށް ކަންކަން ސާފުވާނެކަމަށެވެ.
ސިޔާސީ ކަމެއްގައި އޭރުގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލި ކޮންމެ މީހަކު، އެއީ ފަނޑިޔާރެއް، ސިޔާސީ މީހެއް، އާންމު ރައްޔިތެއް ތަފާތެއް ނެތި އޭރު ލީ ޖަލަށް. މަޖިލީހަށް އަޅުގަނޑުމެން ވަންނަން ދިޔާމަ ސިފައިން ފޮނުވައިގެން ނުވެއްދި. މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި. ފަނޑިޔާރުގެއެއް އޭރުވީ ގޮތް ކިޔާދޭކަށް ނުޖެހޭ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ ވެރިކަމުގައި ތިބެ މުޒާހަރާ އަށް ނުކުންނަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެ ސިޔާސަތާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ދުވަސް ވެސް މިއަދު މާޒީ ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވެރިކަމައި ދެކޮޅަށް މުޒާހަރާ ކުރުމުން އެކަމުގެ ހަނދާންތައް އާކޮށެވެ. ރައީސް ނަޝީދު ވަނީ އަމިއްލަ ވެރިކަމުގައި 2008 ވަނަ އަހަރު މުޒާހަރާކޮށްފައެވެ. އަދި މުޅި ކެބިނެޓް އެކީ އިސްތިއުފާ ދެއްވައި ވެރިކަން ނިމިގެންދިޔައީ އެހަލަބޮލި ކަމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދުވަސްވީ ގާތް އެކުވެރިޔާ ރައީސް ނަޝީދު ރައީސް ޞާލިހާއި ދެކޮޅަށް ހުންނެވުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅި އަށް ވަޑައިގަންނަވާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ކ.އަތޮޅުގެ ތިން ރަށަކަށް ރައީސްކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ކަންމަތީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އާއްމުންނާއި ބައްދަލުކުރައްވާ އާއްމުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް ކ.އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅީގެ އިތުރުން ގުރައިދޫ އަދި މާފުއްޓެވެ.
މި ދަތުފުޅުގެ ތެރެއިން ރައީސް ޞާލިހު ވަނީ ކ.ގުރައިދޫގެ އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހުޅުވާދެއްވާފައެވެ. ގުޅިއަށް ކުރައްވާ ދަތުރުފުޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ކ.ގުރައިދޫ އަށެވެ. އެއަށް ފަހު ދެން ވަޑައިގަންނަވާނީ ކ.މާފުށްޓަށެވެ.



