ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމުގައި ހީވާގި ވަމާ!

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ގިނަ ބަޔަކު ނުހަނު ފަރުވާތެރިކަމާއި އެކު، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ގަވާއިދުން ކުރަމުން އަންނަ ކަމެކެވެ. އެހެންނަމަވެސް، އަހަރެމެންގެ ތެރޭގައި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ބޭނުން ނުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. އެއްވެސް ޝައްކެއްނެތް ގޮަތުގައި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާލުމަކީ ނުހަނު ފަސޭހަ ކަމެކެވެ.

ފަތިސް ނަމާދަށް ފަހުގައި ހެނދުނުގެ ޛިކުރުތައް ކިޔުމަށް އާދަކުރާށެވެ. އަދި ހަވީރުގެ ޛިކުރުތައް، އިރުއޮއްސުމުގެ ކުރިން ކިޔަން އާދަކުރާށެވެ. ގަވާއިދުން، އެންމެ ދުވަހެއްވެސް ވައްޓާނުލާ، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމުގެ ވައްޓަފާޅިއެއް ބިނާކޮށްފިނަމަ އެ ރަނގަޅު އާދަ ކޮންމެ މީހެއްގެ ކިބައިގަވެސް އަށަގެންނެވޭނެއެވެ.   އެހެންކަމުން، މި ލިޔުމުގައި އަލި އަޅުވާލާނީ  ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ މައްޗަށެވެ. އަދި ތަފާތު ޛިކުރުތަކުން ލިބޭ ފައިދާތަކަށްވެސްމެއެވެ.

ހެނދުނާއި ހަވީރު ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ދުއާތަކެއް، ކީރިތި ޤުރުޢާނުންނާއި ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ސުންނަތުން އަހަރެމެންނަށް އެނގެން އެބަހުއްޓެވެ. ޒަމާނަށް އައިސްފައިމިވާ އިންގިލާބީ ބަދަލު ތަކާއެކު، މި ތަކެތި ހޯދުމަކީވެސް ނުހަނު ފަސޭހަ ކަމެކެވެ. އަހަރެމެން ތެރެއިން ގިނަ ބައެއްގެ އަތުގައި ސުމާޓްފޯން އެބަ އޮތެވެ. ވުމާއެކު، ގޫގުލް ޕްލޭ ސްޓޯރުގެ އިތުރުން، އެޕަލްގެ އެޕް ސްޓޯރުން، ހެނދުނާއި ހަވީރުގެ ޛިކުރު އެޕްލިކޭޝަންތައް ލިބިލައްވާނެއެވެ.

ހެނދުނާއި ހަވީރުގެ ކިޔުން މުހިންމު ބައެއް ޛިކުރުތައް:

1. اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاواتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

މި އާޔަތް ހެނދުނު ކިޔައިފިމީހާ، ހަވީރުވަންދެން ޖިންނީންގެ ކިބައިން ރައްކާތެރިކުރެވޭނެއެވެ.

2. اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ

ﷲ އަށް އީމާންވެހުރެ، ޔަޤީންކަމާއެކު، މި ދުޢާ ހަވީރު ކިޔައިގެން ހުއްޓައި، ހެނދުނު ނުވަނީސް މަރުވެއްޖެނަމަ، އޭނާ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި އެފަދައިން ހެނދުނު ކިޔައިގެން ހުއްޓައި، ހަވީރު ނުވަނީސް މަރުވެއްޖެނަމަ، އޭނާ ސުވަރުގެ ވަންނަ ހުއްޓެވެ.

3. اللّهُـمَّ إِنِّـي أَصْبَـحْتُ أَُشْـهِدُك، وَأُشْـهِدُ حَمَلَـةَ عَـرْشِـك ، وَمَلائِكَتِك ، وَجَمـيعَ خَلْـقِك ، أَنَّـكَ أَنْـتَ اللهُ لا إلهَ إلاّ أَنْـتَ وَحْـدَكَ لا شَريكَ لَـك ، وَأَنَّ ُ مُحَمّـداً عَبْـدُكَ وَرَسـولُـك .(أربع مرات حينَ يصْبِح أوْ يمسي)

ހެނދުނު ނުވަތަ ހަވީރު ހަތަރުފަހަރު މި ޒިކުރުކޮށްފި މީހާ ދަންނައެވެ. މާތް ﷲ އޭނާ ނަރަކައިން މިންޖުކުރަށްވާނެތެވެ.

4. اللّهُـمَّ ما أَصْبَـَحَ بي مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر

މި ޒިކުރު ހެނދުނު ކޮށްފި މީހާ، ހަމަކަށަވަރުން އޭނާ އެދުވަހުގެ ޝުކުރުއަދާކޮށްފިއެވެ. އަދި ހަވީރު މި ޒިކުރު ކޮށްފި މީހާ، ހަމަކަށަވަރުން އޭނާ އެރޭގެ ޝުކުރުއަދާކޮށްފިއެވެ.

5. حَسْبِـيَ اللّهُ لا إلهَ إلاّ هُوَ عَلَـيهِ تَوَكَّـلتُ وَهُوَ رَبُّ العَرْشِ العَظـيم . ( سبع مَرّات حينَ يصْبِح وَيمسي)

ހެނދުނާއި ހަވީރު ހަތް ފަހަރު މި ޒިކުރުކޮށްފި މީހާ ދަންނައެވެ. ދުނިޔެއާއި އާޙިރަތުގައި އޭނާ އެދޭ ކަންތައްތަތް ﷲ އޭނާއަށް ފުއްދަވައިދެއްވާނެތެވެ.

6. بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم . (ثلاثاً)

ހެނދުނާއި ހަވީރު ތިންފަހަރު މި ޒިކުރުކޮށްފި މީހާއަށް އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެތެވެ.

رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ نَبِيّـاً . (ثلاثاً)

ހެނދުނާއި ހަވީރު ތިންފަހަރު މިޒިކުރުކޮށްފި މިހާ ދަންނައެވެ. ޤިޔާމަތްދުވަހުގައި މާތް ﷲ އޭނާ ރުއްސަވައިދެއްވާނެކަން ކަށަވަރެވެ.

7. سُبْحـانَ اللهِ وَبِحَمْـدِهِ . (مائة مرة)

ހެނދުނާއި ހަވީރު ސަތޭކަފަހަރު، މަތީގައިވާ ޛިކުރުކޮށްފި މީހާ ދަންނައެވެ. އޭނާ އެޛިކުރު ކުރިވަރަށް ނުވަތަ އެއަށްވުރެ ގިނައިން ޛިކުރުކުރި މީހަކު މެނުވީ އޭނާއަށްވުރެ މާތް ޢަމަލެއްކޮށްގެން ހަމަ އެކަކުވެސް ޤިޔާމަތްދުވަހު ނާންނާނެތެވެ.

8. اللهم صلِّ وسلم على نبينا محمد

ރަސޫލާ محمد صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. " ހެނދުނުވާ ހިނދު ދިހަފަހަރު އަދި ހަވީރުވާހިނދު ދިހަފަހަރު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފި މީހާ ދަންނައެވެ. ޤިޔާމަތްދުވަހުގައި ތިމަންކަލޭގެފާނުގެ ޝަފާއަތް އޭނާއަށް ލިބޭނެއެވެ".

މަތީގައި އެވާ ޛިކުރުތަކުގެ އިތުރުންވެސް ގިނަ އަދަދެއްގެ ހެނދުނާއި ހަވީރުގެ ޒިކުރުތައް އެބަ ހުއްޓެވެ. ވުމާއެކު، ކުރިއަށް އަންނަން އޮތް ލިޔުންތަކުގައި އެފަދަ އިތުރު ޛިކުރުތަކަށް، ﷲގެ އިރާދަފުޅާއިއެކު އަލިއަޅުވާލާނަމެވެ.

މިލިޔުމުގެ މަޤްސަދަކީ، ހެނދުނާއި ހަވީރުގެ ޒިކުރުތައް ގަވާއިދުން ކުރަމުން އަންނަ މީހުން، އެމީހުން އެ އަޅުކަމުގައި ކުރިއަރައިގެން ދިޔުމަށް އެއްބާރުލުން ދިނުމެވެ. އަދި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމުގައި ފަރުވާކުޑަކުރެވޭ ނުވަތަ ނުކުޅެދިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. ހުރިހާ ޒިކުރެއް ނުކުރެވުމަކީ އެއްވެސް ޒިކުރެއް ނުކޮށް ދޫކޮށްލަންވީ ސަބަބެއް ނޫންކަން ބަޔާން ކޮށްދިނުމެވެ. ތިބާއަށް ކުޅަދާނަވީ މިންވަރަކުން ވަރަކުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުއްތަންވާށެވެ! ﷲ، އެއްވެސް އިންސާނަކަށް އޭނާއަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވައެވެ.

وصلى الله على نبينا محمد.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު