ކުރީގެ ޓޫރިޒަމް މިނިސްޓަރ ވަޒީރު ޢަލީ ވަހީދަށް ދިމާވީ ހަސަވެރިންގެ އެތިފަހަރެއް ކަމަށާއި އެއީ އޭނާގެ ބޮލުގައި އެޅުވި އިލްޒާމެއްކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއައުމަށްފަހު އަލީ ބައްދަލުކުރެއްވި ފުރަތަމަ ސިޔާސީ ލީޑަރަކީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމެވެ.
މިބައްދަލުވުމަށް އިއްޔެ، ޢަލީ ވަހީދު ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމެވެ.
ޤާސިމާ ބައްދަލު ކުރައްވަން މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް އަލީ ވަޑައިގަތުމުން އެއާޕޯޓުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ޤާސިމްވަނީ އަލީ ވަހީދުގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވި އެކަންތަކުގެ ސަބަބުން ނިކަމެތި ކަމެއް ލިބިގެން ދިޔަ ކަަމަށާއި އެކަމުން އޭނާ ބަރީއަ ކުރުމަށް އެމަނިކުފާނަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
"އަލީ ވަހީދަކީ ވަރަށް ވިސްނުންތެރިކަމާއެކު ކަންކަންކުރަ ބޭފުޅެއް. އަމަލީ ގޮތުން ކަންތަކާ އުޅޭނެ. މިކަމާ ގުޅިގެން ހަސަދަވެރިންގެ ހަސަދައާވެސް ކުރިމަތިލާން ޖެހޭނެ. އެކަހަލަ އެތިފަހަރެއް މިފަހުން މި ދިޔައީ."
ޤާސިމް އިބްރާހިމް
އަދި ޢަލީ ވަހީދު އިނގިރޭސިވިލާތުގެ ޖަލުގައި 20 ވަރަކަށް ދުވަހު ހޭދަކުރެއްވިއިރު، މިއީވެސް ބައެއްގެ ނުކިއްސަރު ރިޕޯޓެއް ލިބިގެން ދިމާވި ކަމެއް ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ އެއީ އެއްވެސް ހައްގުން ކަމަކާ ނުލާ ކުރެވުނު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ކަމާއި ބެހޭ ފަރާތްތަކަށް ފަހުން އެނގިގެން ދިޔަ ކަމަށެވެ.
ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ ކުށަށް ދައުވާކޮށް، ފަހުން އެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތްކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާތައް އަނބުރާ ގެންގޮސްފައިވާތީ އޭނާ ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. މިކަމުގެ ސަބަބުން އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، އެކިދުވަސް މަތިން ޖިންސީ އަނިޔާއާއި، ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ޢަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އެ ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަދިނުމުން ފުރައިގެން ދިޔަގޮތަށް އެނބުރާ އައިސްފައިނުވާތީ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީއެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ، އެ އޮފީހުން އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމީ، އަނިޔާލިބުނު ފާރާތުގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސްކަމަށް ވާތީ، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ކަމަށެވެ.
މިނިވަނެއްގެ ގޮތުގައި އަލީ މާލެ ވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާކަމުގެ ލިޔުން އެބައޮތްކަން އަލީ ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި ވަނީ ފާހަގަކުރައްވާފައެވެ.