ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރެއިން ލާދީނިއްޔަތަށް ފިކުރު އުވިގެން ނުދާކަމަށް، ޖަމިއްޔަތުލް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަބްދުﷲ މިހެން ވިދާޅުވީ، އެންމެ އުފާކުރައްވަނީ އެމްޑީޕީއިން ލާދީނީ ފިކުރު ފިލައިގެން ދިއުމުން ކަމަށް ކ. މާފުށީގައި ބޭއްވި ރައީސް ސާލިހްގެ ކެމްޕޭނު ޖަލްސާގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
ރައްޔިތުން އެމްޑީޕީ ބަލައިގަންނަ ސަބަބަކީ ދީނަށް ފުރައްސާރަ ކުރާ ލީޑަރަކު ނެތުން ކަމަށް ވިދާޅުވަމުން، ސިޔާމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ދީނީ ކަންކަމަށް އިސްކަން ދެއްވައި، އެ އުސޫލުން ކަންކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އެމްޑީޕީއާއި އެމްޑީއޭއަށް ރައްޔިތުން ވަންނަނީ މިހެންވުމުގެ ސަބަބުން ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.
ސިޔާމަށް ރައްދު ދެއްވައި ޝައިހް އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ތެރެއިން ލާދީނީ ފިކުރު އުވިގެން ނުދާކަމަށް ވިދާޅުވެ އެ ކުރައްވަނީ، ޕާޓީ ތެރެއިން ލާދީނިއްޔަތު ހިމާޔަތް ކުރުން ކަމަށް ޝައިޚް ސިފަކުރެއްވިއެވެ. މުސްލިމުންނަށް އޮޅުވާލައިގެން އުޅެވުނަސް މާތްﷲ އަށް އޮޅުވައެއް ނުލެވޭނެ ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.