އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެކަމުގެ ޔަޤީން އަނެއްކާވެސް އަދުރޭ ދެއްވައިފި

މިއަހރު ސެޕްޓެންބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުފައިވަނީ ޕީޕީއެމުން ރޭ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ ރެލީގައި ވާހަކަ ދައްލަވަމުންނެވެ.

އަދުރޭ ވިދާޅުވީ އެ ޕާޓީގެ މެންބަރުން މާޔޫސްވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަން ދެމި އޮންނާނީ އެގޮތަށް ކަމަށެވެ.

މާޔޫސްވުމެއް ނެތި، މި ސަރުކާރުގެ ގޯސްތައް ބުނެދީ ޔާމީން ވެރިކަމަށް ގެނައުމަށް ކެރިގެން ނުކުތުމަށް ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ. މި ސަރުކާރުގެ ވައްކަންތަކާއި ކޮރަޕްޝަންތަކުގެ ވާހަކަ ހުއްޓުވުމެއް ނެތި ދައްކަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް ކޮލިޝަނުން މިހެން ވިދާޅުވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕާޓީ، "ދަ ޑިމޮކްރެޓްސް"އާ އެކު ޕީޕީއެމް ގެންދިޔައީ މަޝްވަރާތަކެއް ކުރަމުންނެވެ.

ޔާމީން އަންގަވައިގެން ޕީޕީއެމް އިން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވެސް ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށްފަހު، ޤާސިމަށް މީގެކުރިން ޕީޕީއެމްގެ އިސްބޭފުޅުން އަމާޒު ކުރެއްވި ބޮޑެތި ތުހުމަތުތައް، އެއީ މާޒީ ކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންއަކީ ޖިނާއީ ކުށެއް ސާބިތުވެ ޖަލުގައި ހުރުމުގެ ސަބަބުން،  އަންނަ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނީ ހައި ކޯޓުން ސަލާމަތްވެއްޖެނަމައެވެ. އެހެންނަމަވެސް، އެ މައްސަލަ އިންތިހާބަށް ފުރުސަތު އޮއްވައި ނިމޭނެ ކަމަކަށް ނުބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު