16 ފެބުރުވަރީ 2025

އިންޑިއާގައި ޓޮމާޓޯގެ އަގުތައް މެކުހަށް!

އިންޑިއާގައި ޓޮމާޓޯގެ އަގު މައްޗައް ދަމުންދާ ވާހަކައަކީ މި ދުވަސްކޮޅު އެންމެ ގިނައިން ދެކެވެމުން އަންނަ އެއް ވާހަކައެވެ. އޮންލައިން ނޫސް ވެބްސައިޓަކަށް ވަދުނަސް، ޓީވީ ހުޅުވާލިޔަސް، ރޭޑިޔޯ އަޅުވާލިޔަސް، އިންޑިއާގައި ޓޮމާޓޯގެ އަގުތައް މައްޗަށް ދަމުންދާ ވާހަކަ ފެންނަލެއް އަދި އަޑުއިވޭލެއް މަދެއް ނޫނެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ "ނިއުސް18″ އިން ވަނީ މިކަމާއި ގުޅިގެން ހާއްސަ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. އިންޑިއާގެ އާބާދީގެ 87 އިންސައްތަ މީހުން ނިސްބަތްވާގޮތަށް ހިންގާފައިވާ އެ ދިރާސާއިން އެނގުނު ގޮތުގައި، ފާއިތުވެ ދިޔަ 2-3 ހަފްތާގެ ތެރޭގައި، ގިނަ މީހުން ޓޮމާޓޯ ގަނެފައިވަނީ ކިލޯއެއް 100 އިންޑިއަން ރުޕީސްއަށެވެ. މިއީ އާދައިގެ މަތިން ޓޮމާޓޯ ގަންނަން ލިބެން ހުންނަ އަގާއި އަޅާ ބަލާއިރު ވަރަށް ބޮޑު އަގެކެވެ. އެ އަގަށްވުރެ ހެޔޮ އަގުތަކުގައި ޓޮމާޓޯ ގަނެފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ އެންމެ 13 އިންސައްތަ މީހުންނެވެ. މި 13 އިންސައްތަ މީހުން މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ، ދަނޑުވެރިކަން އާންމު ގޮތެއްގައި އެންމެ ގަދަޔަށް ކޮށްއުޅޭ އަވަށްތަކުގައި ދިރިއުޅޭ މީހުން އެކަންޏެވެ. ޓޮމާޓޯ އަގުބޮޑު ސަހަރުތަކުގައި ދިރިއުޅޭ މީހުން، ޓޮމާޓޯ ގަތުމަށް އެމީހުންގެ އަތުންދާ ހަރަދު މަދުކުރުމުގެ ގޮތުން، ކައިރީގައިވާ އެހެން ގައުމުތަކުން ޓޮމާޓޯ އެތެރެކުރުމުގެ މަސައްކަތް ވަނީ ފަށާފެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޤައުމަކީ އިންޑިއާއާއި އިންވެގެން އޮންނަ ޤައުމެއް ކަމުގައިވާ ނޭޕާލެވެ.

އާދެ! ޓޮމާޓޯއަކީ އިންޑިއާގެ ރައްޔިތުން އެންމެ ގިނައިން ކެއިންބުއިމުގައި ބޭނުން ކޮށްއުޅޭ ތަރުކާރީއެވެ. ކަންމިހެން އޮތުމާއިއެކު، ޓޮމާޓޯގެ އަގުތައް އުފުލުން ވެގެން ދިޔައީ ގިނަބަޔަށް އޭގެން އަސަރުކުރި ކަމަކަށެވެ. ޓޮމާޓޯގެ އަގުތައް އުފުލުމުން ގެއްލުން ލިބިފައިވަނީ ހަމައެކަނި އާންމު ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ގެއްލުން ލިބުނު ފަރާތްތަކުގެ ތެރޭގައި ވިޔަފާރިތައްވެސް ހިމެނެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރިއަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު "މެކް ޑޯނާލްޑްސް" އެވެ.

ގިނަ ބައެއްގެ މެދުގައި އުފެދިފައިވާ ސުވާލެއް އެބަ އޮތެވެ. ޓޮމާޓޯގެ އަގުތައް ކުއްލިއަކަށް މާ މައްޗަށް ގޮސްގެން މިއުޅެނީ ކިހިނެތް ވެގެންބާވައެވެ؟ އާދެ! އިންޑިއާއަކީ ޓޮމާޓޯގެ ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ގައުމެވެ. އިންޑިއާގައި އެންމެ ހަލުވި ދުވެއްޔެއްގައި ޓޮމާޓޯގެ ދަނޑުވެރިކަން ކުރަމުން އަންނަނީ ޑިސެންބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށެވެ. އެއައްފަހުގައި، ޓޮމާޓޯގެ ދަނޑުވެރިކަން އާންމު ގޮތެއްގައިވެސް ހީނަރުވެގެން ދެއެވެ. އެހެންނަމަވެސް، މާޒީވެ ދިޔަ ތަނުގައި، މިހާރުގެ އަގުތަކާއި ގާތަށްވެސް ޓޮމާޓޯގެ އަގުތައް މައްޗަކަށް ނުދެއެވެ.

އާދެ! ދެން ފާހަގަ ކޮށްލެވޭ އަނެއް ސަބަބަކީ، ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާއަށް މޫސުން ގޯސްވެ، ގިނަ އަދަދެއްގެ ދަނޑުބިންތައް ހަލާކުވުމެވެ. މީގެ ސަބަބުން ޓޮމާޓޯގެ މުޑުވަށް ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. ނަތީޖާއެއްގެ ގޮތުން، މާރުކޭޓަށް ވިއްކަން ނެރޭ ޓޮމާޓޯގެ "ސަޕްލައި" ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން، އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ސިޓީކަމުގައިވާ ދެއްލީގެ "އަޒަދްޕުރް މަންޑީ" އަކީ އާންމު ގޮތެއްގައި އޭޝިޔާގެ ސިޓީތަކުގެ ތެރެއިން އެންމެ ގިނައިން ތަރުކާރީގެ ބާވަތްތައް ވިއްކާ މާރުކޭޓު ކަމުގައި ވީނަމަވެސް، އެތަނުގައިވެސް ޓޮމާޓޯގެ "ސަޕްލައި" ވަނީ 25 އިންސައްތަ ދަށަށް ގޮސްފައެވެ. ވުމާއެކެ، ލަފާކުރެވޭ ގޮތުގައި، ކުރިއަށް އަންނަން އޮތް ދުވަސްތަކުގައި ޓޮމާޓޯގެ އަގުތައް ދާނީ މައްޗައް ދަމުންނެވެ.

އިންޑިއާއަކީ އާންމު ގޮތެއްގައި މުދަލާއި ކާބޯތަކެތީގެ އަގުތައް ރަނގަޅު މިންވަރެއްގައި ހުންނަ ޤައުމެއް ކަމުގައިވީނަމަވެސް، ޓޮމާޓޯގެ އަގުތައް އުފުލެމުންދާ ދިއުމާއެކު، ހިނގަމުން މިދާ ޖުލައި މަހުގެ ތެރޭގައި އިންޑިއާގައި ކާބޯތަކެތީގެ އަގުތައް މަތިވެ، އިންފްލޭޝަން ރޭޓުތައް މައްޗައް ދިއުމުގެ ބިރު މިހާރު އޮތީ އަތްނުފޯރާ ފަށުގައެވެ. އެގޮތުން، އިންފްލޭޝަނުގެ އެންމެ މުހިންމު އެއް "އިންޑިކޭޓާރ" ކަމުގައިވާ "ކޮންސިއުމާ ޕްރައިސް އިންޑެކްސް"، ހިނގަމުންމިދާ ޖުލައިމަސް ނިމޭ އިރު ހުންނާނެކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 6.4 އިންސައްތައިގައި ކަމަށް ކަމާބެހޭ ވުޒާރާތަކުން މައުލޫމާތުދެއެވެ. މީގެ ސަބަބުން، އިންޑިއާގެ އުފެއްދުންތެރިކަން ދަށަށް ހިނގައިދާނޭ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

އާދެ. އިންޑިއާގައި ޓޮމާޓޯގެ އަގުތައް މަތިވަމުން ދިޔަކަމުގައިވިޔަސް، ދުނިޔޭގެ މާކެޓުގައި ޓޮމާތޯގެ އަގުތައް ހުރީ ހިފެހެއްޓިފައެވެ. އާންމު ގޮތެއްގައި، އިންޑިއާގައި މުދަލާއި ކާބޯތަކެތީގެ އަގުތައް މައްޗައް ދިއުމުން، އެކަމުގެ އަސަރު، އެންމެ ބޮޑަށް ކުރާ އެއްބަޔަކީ އަހަރެމެން ދިވެހިންނެވެ. ސަބަބަކަށް ވެފައިވަނީ، ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެތި އެތެރެކުރަނީ އިންޑިއާއިން ކަމުގައިވުމެވެ. އެހެންނަމަވެސް، އުންމީދަކީ އަވަސް މުސްތަގުބަލެއްގައި، އިންޑިއާގެ މާކެޓުގައި ޓޮމާޓޯގެ އަގުތައް ދަށަށް ދިއުމެވެ. އެހެން ނޫންކަމުގައި ވަނީނަމަ، އެކަމުގެ ލޮޅުން ދުނިޔޭގެ މާކެޓުތަކަށް އައުމަކީ ވަރަށް ގާތް ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު