Wednesday, 22 May 2024

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހުވެސް!

ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުންއުފުލާފައިވާ ދައުވާގެ އަޑު އެހުމެއް އާދިއްތަ ދުވަހަށް ވެސް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، މި ދިޔަ ބުރާސްފަތި ދުވަހުވެސް މި މައްސަލައިގެ އަޑު އެހުމެއް އޮތެވެ.

ބުރާސްފަތި ދުވަހު އޮތީ، ފުއްގިރި މައްސަލައިގައި ހިމެނޭ ކްރިކް ރިޒާގެ ދައުވާގެ ބައި ނަގައި، ރައީސް ޔާމީންގެ ދައުވާގެ ބައި ވަކިން ގެންދަން ނިންމި ފަހުން އޮތް ފުރަތަމަ އަޑު އެހުމެވެ. އެއީ ފުއްގިރި މައްސަލައިގެ ޝަރީއަތް، އަހްމަދު ކްރިކް ރިޒާއާ ހެދި ލަސްވަމުންދާތީ ކަމަށް ޕީޖީން ބުނެއެވެ. އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިގެން އެ ބައި ނެގުމަށްފަހު، ޔާމީންގެ ބައި ކުރިއަށް ގެންދަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފުއްގިރި މައްސަލައިގައ ޔާމީންގެ ބައި ވަކިން ގެންދަން ނިންމުމުގެ ކުރިން އެންމެ ފަހުން ތާވަލު ކުރި ހުރިހާ އަޑު އެހުމެއް ކެންސަލް ކުރަން ޖެހުނީ، ކްރިކް ރިޒާ ބަލިވެ އުޅޭތީ ކަމަށް މަޢުލޫމާތު ލިބެއެވެ. އީދު ބަންދުގެ ކުރިންވެސް މި މައްސަލައިގެ ދެ އަޑުއެހުމެއް ކެންސަލް ކޮށްފައިވެއެވެ. އަދި އީދު ފަހުން ތާވަލު ކުރި އަޑު އެހުންތައްވެސްވީ ކެންސަލެވެ.

މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ޕީޖީން ދެކޭތީ،  ޕީޖީން އެދިފައިވަނީ ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ގެންދިޔުމަށެވެ.

ފުއްގިރި މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ހިމެނެއެވެ.

މި ޝަރީއަތް އަވަސް އަވަހަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އަނެއްކޮޅުން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

މި ހިނގާ ޖުލައިމަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ޢާންމުކުރައްވާފައިވާއިރު، ކެންޑިޑެންސީ ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ އޮގަސްޓްމަހުގެ 3 ވަނަ ދުވަހުއެވެ. ރައީސް ޔާމިންގެ މައްސަލަތައް މި މުއްދަތު ހަމަވުމުގެ ކުރިން ނިމޭނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު ޑރ. އަހުމަދު ޖަމީލް ވަނީ ވިދާޅުވެފައެވެ. އެެހެންކަމުން، މި މައްސަލަ ވީހާވެސް އަވަހަކަށް ވަކި ގޮތަކަށް ނިމިގެންދިއުމަކީ ރައީސް ޔާމީނަށް ތާޢީދުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *