Thursday, 18 April 2024

ތަކެތީގެ އަގު އުފުލިއްޖެ! ނަމަވެސް ރައީސް ވިދާޅުވީ އަގު ދިޔައީ ދަށަށް ކަމަށް

ވާދަވެރިން ކިތަންމެ އަޑަށް ބާރު ލާފައި ތަކެތީގެ އަގު އުފުލޭ ކަމަށް ބުނި ނަމަވެސް ތަކެތީގެ އަގު މިހާރު ކުރިއަށް ވުރެ ވެސް ދަށް ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މ. އަތޮޅުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، މ.މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައެއް ކަންކަން ކުރިއަށް ގެންދިޔަ ގޮތުންނާއި އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން މަތިވާނެ ކަމަށް ބުނެ ވާދަވެރިން ގިނަ ވާހަކަތަކެއް ދެއްކިނަމަވެސް ފެންނަ އޮތީ އެއާ ތަފާތު މަންޒަރު ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.

"ކިތަންމެ ބާރަށް ތަކެތީގެ ބޮޑު ވެޔޭ ބުނިޔަސް، އެމްއެމްއޭއިން ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ،"

ރައީސް ވިދާޅުވިއެވެ.

އޮޅުވާލަން ވާހަކަ ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް ޕްލޭނެއް އޮވެ ރޭވުންތެރިކަމާއެކު ކަންކަން ކުރުމުން އެ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެން ބައެއް ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިގްތިޞާދު އަޑި އަޅާނުލީ ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ކޮވިޑަށް ފަހު ދެން ކުރިމަތިވި ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން ވެސް އިގްތިޞާދަށް ބޮޑެތި ބަދަލުތަކެއް އައިސް އަގު ބޮޑުވެގެން ދިޔަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ބަޖެޓަށް ވުރެ އިތުރަށް ކޮންމެ މަހަކު ހޭދަކޮށްފައިވާނެ ކަމަށެވެ.

"އެ ތަކުލީފު ރައްޔިތުންނަށް ނުޖެއްސުން ބޭނުމަކީ ސަރުކާރުން އެ ބުރަ އުފުލުން،"

ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދަށް އައި ބަދަލުގެ ސަބަބުން ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ މި އަހަރު ވަނީ އިތުރުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުވަނީ އެތައްތަނެއް އުފުލި، ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ.

ފިނޭންސް މިނިސްޓްރީގެ އިތުރުން އައިއެމްއެފްއާއި ވޯލްޑްބޭންކްއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގައި ތަކެތީގެ އަގު އުފުލޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *