ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ކަމަށް އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާގެ ގޮތުގައި 800 އެއްހާ ޝަކުވާ ހުށަހަޅާފައިވާކަމަށް ފްލެޓާއި ގޯތިދޫކުރުމުގެ ކަންކަމަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމެޓީން ހާމަކުރައްވައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލި ފުރުޞަތުގައި ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯތިލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް ސަރުކާރުން އާއްމުކުރެއްވީ 26 ޖޫން 2023 ގައެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމުކުރުމަށް ފްލެޓާއި ގޯތީގެ ކަންކަމަށް ސަރުކާރުން އެކުލަވާލެއްވި ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ލިސްޓާއެކު ޝަރުތު ހަމަވެ، އިތުރު މީހަކާއި ގުޅިގެން ފޯމު ހުށަހެޅުމުން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ. ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތު އިއްޔެގެ 23:59 އަށް ހަމަވެފައިވާއިރު، ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވާ ގޮތުގައި، ޝަކުވާގެ މުއްދަތުގައި 800 އެއްހާ ޝަކުވާ ލިބިފައިވާކަމަށާއި، ޝަކުވާތަކަށް ހަފްތާއެއްގެ މުއްދަތުގައި ޖަވާބުދިނުމަށްފަހު، މިމަހުގެ ތެރޭގައި ލިސްޓު ފައިނަލްކޮށް އާއްމުކުރައްވާނެކަމަށެވެ.
މާލޭ ސަރަޙައްދުން ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި ވަކިވަކި އެޕްލިކޭޝަނާއި ޖޮއިންޓް އެޕްލިކޭޝަންތަކުގެ ގޮތުގައި ޖުމްލަ 15164 ފޯމް ހުށަހަޅާފައިވެއެވެ. އެއީ 23088 މީހުނެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށާއި، އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ކުރިން ހާމަކުރައްވާފައިވެއެވެ.