ޅޮހީ ހަނގުރާމަ ފަސްގަނޑު އުފެދުނު ގޮތް ކަމަށް ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކަ އަސްލަކަށް ބަލައިގެން، ލިޔެފައިވާ ޚިޔާލީ ވާހަކަ "ހަހަރުވެތި ކަމަނާ" (ފުރަތަމަ ބައި)
ފަތިހަށް ގޮވާލި ހާލާއެކު ދެލިބެ ފުންމައިގެން އެނދުން ތެދުވިއެވެ. އާދައިގެމަތިން މިއަދުވެސް ފަތިހު މުނާޖާ ކޮނޑުއަޅައިގެން ދެލިބެ ޖިފުޓީގެ ފުޅަލި ދުރުކޮށްލުމަށްފަހު ބޭރަށްނުކުތީ ބިންމަތި އަލިވާންވާއިރަށް ހަރުބަނދެފައިވާ ރުއްތަކަށް އަރާ ނިންމާލުމުގެ މަޤްޞަދުގައެވެ.
އުނަގަނޑަށް ބޮޑުވަޅި ޖަހާލުމަށްފަހު ރާދަނޑި ކޮނޑުއަޅައިގެން ހަލުއި ފިޔަވަޅު ތަކަކާއެކު ރަށުގެ ފުއްޓަރާ ދިމާލަށް ހިނގައިގަތެވެ. ހޭޅިފަށުގައިހުރި ރުއްތަކަށް އަރާ ނިންމާލުމަށްފަހު ދެލިބެ ހުރަޔާ ދިމާލަށް މިސްރާބުޖެހިއިރު ބިންމަތި އަލިވާ އަތަށް އަޅައިފިއެވެ. ޅޮއްސާގުޅިގެން ރަށުގެ ފުއްޓަރު ފަރާތުން ހިކިފައިވާ މިކުޑަ ހުރަޔަށް ދެލިބެ ހުރާގެ ނަމުން މީހުން މުޚާތަބުކުރަންފެށީ ހުރާގައި ހެދިފައިހުރި ތިން ރުށް ދެލިބެ ލިޔުއްވައިގެން އުޅޭތީއެވެ.
ހަރުގަންނަވާފައި ހިނގާފައިދިޔަ ދެލިބެގެ ނަޒަރުގޮސް ހުއްޓުނީ ގާތަކުގެ ތެރޭގައި ރާޅާއި ތަޅަތަޅާއޮތް އާދަމުގެ ދަރިޔަކާ ދިމާލަށެވެ. ވަތަށްއޮތްފުށް މައްޗަށް ޖަހާލިއިރު ހަށިގަނޑުން ބިޔަ ދޮން ފިރިހެނެކެވެ. އޭނާގެ މޫނު ދެއަތަށް ހަލުވާލިއިރުވެސް އެއްވެސް ޚަބަރެއް ނުވިއެވެ. ނަމަވެސް ދެލިބެގެ ހިތް ބުނަނީ އޭނާ ދިރިހުރިކަމަށެވެ. އެހެންކަމުން ބަލާކަށްނުހުރެ އެ ބިޔަ ހަށިގަނޑު ނަގާ ކޮނޑަށް ލައިގެން އަވަށާ ދިމާލަށް ހިނގައިގަތްއިރު ދެލިބެގެ ބަދަވި ހަށިގަނޑަށް ގުޑުމެއްވެސް އަރާނުލައެވެ. ކޮނޑުމައްޗަށް އެއްލާފައިއޮތް ތެތްގޯންޏެއްހެން އިންސާނަކު ގޮވައިގެން އޭތް، އޯތް ގޮވަމުން ދެލިބެ އަންނަ މަންޒަރު ފެނުނު ކޮންމެ މީހަކު މޭގައި އަތް އަޅަނީ ދެލިބެގެ ބިރުކުޑަ ކަމާއި ޖެހިލުން ކުޑަކަން ފެނިފައެވެ.
އެދިޔަ ބާރުމިނުގައި ގޮސް ދެލިބެ ކޮނޑުމަތީގައި އޮތް ހަށިގަނޑު ތިރިކޮށްލީ މުދިންބެ ގޯތި ގޭދޮރުމަތީ ހަދާފައިހުރި އޮށި އަށިމައްޗަށެވެ. އޭރު ރަށުގެ ރައްޔިތުންވަނީ މުދިންބެ ގޯތިދޮށަށް ޖަމާވެފައެވެ. އެއްވެފައި އޮތް މީހުންތައް ދުރުކުރަމުން މުދިންބެ ލައްގާފައި އޮތް އިންސާނާގެ ހަށިގަނޑުގެ ވިންދު ބަލައިލިއެވެ. ދިރިހުރިކަން އެނގުމުން ނޭވާ ލެއްވުމަށް އަތު ފަރުވާ ދޭން ފެށިއެވެ. ހަށިގަނޑަށް އައި ލުއި ހަރަކާތަކާ އެކު ޒުބޭރުގެ ލޯ މަޑުމަޑުން ހުޅުވާލިއެވެ. ނަމަވެސް ވަރު ދެރަކަމުން މާބޮޑު ހަރަކާތެއް ނެތެވެ. މުދިންބެ އޭނާގެ އަންހެނުން ކަތްދައަށް ހަކުރު ފަނި ގެނައުމަށް އެންގިއެވެ. ކަތްދަ ހަކުރުފަނި ހިފައިގެން އައިސް ސަމުސަލަކުން ސަމުސަލަކުން ފަނި ފޮދުފޮދު ޒުބޭރުގެ އަނގައަށް އަޅަމުން ގެންދިއެވެ. އެއާއެކު ޒުބޭރުގެ ހަށިގަނޑުގައި ހަކަތަޖެހި މަޑުމަޑުން ހިއްސުތައް މަސައްކަތް ކުރަންފެށުމުން މުދިންބެ ޒުބޭރުގެ ބޯދަށަށް އަތްލައްވާ ކޮޅަށްނެގޭތޯ ބެލިއެވެ. ނަމަވެސް ފެނިގެން ދިޔައީ އެހަށިގަނޑު ގާތަކުގައި ތެޅުމުގެ ސަބަބުން ވެފައިވާ ޒަހަމްތަކެވެ. މުދިންބެގެ އަންހެނުން ކަތްދައަށް ބޭސްފުޑަން އެންގުމަށްފަހު މަސައްކަތްފެށީ ޒުބޭރު ފެންވަރުވާ ހަށިގަނޑުގައިވާ ލޮނުކަން ފިލުވާލުމަށެވެ. މިމަސައްކަތް މުދިންބެ ހަވާލުކުރީ ދެލިއާއެވެ. އެހެންކަމުން ޒުބޭރުގޮވައިގެން އެހެން ދެފިރެހެނުންނާއެކީ ދެލިބެ ދިޔައީ އޭނާގެ ޖިފުޓިއަށެވެ. ޒުބޭރު ފެންވަރުވާ ނިމުންއިރު މުދިންބެ ލާން ގެންގުޅޭތަނުން ކޮއްޗޭ މުންޑަކާ ބޭސްގަނޑު ހިފައިގެން މުދިންބެހުރީ އެގޭގައެވެ.
ޒުބޭރުގެ ޒަހަމްތަކުގައި ބޭސްއެޅުމަށްފަހު އަރާމުކޮށްލުމަށް ދެލިބެ ޖިފުޓީގެ ބޮޑުއަށީގައި ޒުބޭރު ބާއްވާލިއެވެ. އެއާއެކު ޒުބޭރަށް އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭގައި ވިސްނާލެވުނެވެ. އޭނާ އަކީ ނަވުގައި ދަތުރުކުރާ މާލިމީއެކެވެ. ޒުބޭރު ދަތުރުކުރަމުންދިޔައީ އުތުރުކަރައިން ފުރައިގެން ކަރާޗީއަށް ދާށެވެ. ކަނޑުމެދުގައި ހުއްޓާ ރޭގަނޑު ކަނުއަނދިރީގައި އައި ކޮޅިގަނޑެއްގައިޖެހި ނާ ފުނޑު ފުނޑުވީއެވެ. ކަނޑުމަތީގައި ފިލާގަނޑެއްގެ އެހީގައި އޭނާއަށް ހޭދަކުރެވުނީ ކިތައް ދުވަސްކަމެއްވެސް ނޭނގެއެވެ. ޒުބޭރު އޭނާގެ ޚިޔާލުތަކުން ބޭރުވީ ދެލިބެ ބަނދެގެންގެނައި ކުރުނބާ އޭނާއާ ދިމާލަށް ދިއްކޮށްލުމުންނެވެ. ކުރުބަނލުގެ މަދު އެތިފޮދުފޮދުން ޒުބޭރުގެ ކަރު ތެންމަމުންދިޔައިރު އޭނާއަށް ވިސްނެމުންދަނީ ގޮތްނޭގޭ މިބައިމީހުންނާ ދޭތެރޭގައެވެ. އޭނާއަށް އާދެވިފައި މިވަނީ ކޮންތަނަކަށްކަމެއް ވާހަކަދައްކަމުންދަނީ ކޮންބަހަކުންކަމެއް ދެނެގަންނާކަށް އޭނާއަކަށް ނޭގެއެވެ. ނަމަވެސް މި ބީރައްޓެހިންގެ ހިތްހެޔޮކަމާއި އެހީތެރިކަމަށް ޒުބޭރު ދިޔައީ ހިތާހިތުން ޝުކުރުވެރިވަމުން ނެވެ.
ޒުބޭރު ނިދާފައި އޮތް ޖިފުޓީގެ ތެރެއަށް އިރުގެ ދޯދިތައް ފާއްދާލުމާއެކު ގަޔަށް ހޫނުގެ އިހުސާސްވާންފެށުމާއެކު ވަރުބަލިވެފައިވާ ހަށިގަނޑާއެކީ ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން އޭނާއޮތް ޖިފުޓީގެ ތެރެއިން ބޭރަށް ނިކުތެވެ. ކުރިމަތިން ފެންނަން އޮތީ ހިތްގައިމު ގޮނޑުދޮށެވެ. ގޮނޑުދޮށަށް ބިންދަމުންދާ ބިޔަ ރާޅުތަކުގެ އަނެއް ފަރާތުން ކުދިކުދި ފުށި ތަކެއް ފެނެއެވެ. މިއީ އަނެއްކާ މަހަލްދީބު ނޫންބާއޭ ޒުބޭރުގެ ހިތާ ހިތާ ކިޔާލެވުނެވެ. އޭނާގެ ދަތުރު ތަކުގައި މިރައްތަކުގެ ކައިރިން ކިތަންމެ ފަހަރަކު ދަތުރު ކޮށްފައިވެއެވެ. ޒުބޭރުގޮސް އަތިރިމަތީގައި ހުރި ރުކެއްގައި ލެނގިލައިގެން އިށީންދެލީ ހަޔާތުގައި ބާކީއޮތްދުވަސްތަކާމެދު ވިސްނާލާށެވެ. ރަނގަޅަށް ރުކުގައި ބުރަކަށި ޖައްސާ ހަމަޖެހިލިއެވެ. ވަށައިގެން މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އެއްގަމުން ފެންނަނީ ގާތްގާތުގައި ފަނުން ހަދާފައިވާ ކުދި ގެތަކެވެ. ޒުބޭރުގެ ކަޅި ގޮސް ހުއްޓުނީ ފަންގެތަކާ ދިމާލުން އޭނާ އާ ދިމާލަށް ބަނޑިބަނޑި ލަމުން އަންނަ ހޫރު ޕަރީއަކަށެވެ. އެއީ އާދައިގެ އިންސާނެއްކަމަށް އޭނާ އަށް ޤަބޫލު ކުރަން ދަތިވީ ކަރާޗީގެ ކާރޫ ބާރޫ ބޮޑު މަގުތަކުން ވެސް އެފަދަ ރީތި ކަމެއް ލިބިފައިވާ ދެވަނަ ޖިންސުއްލަތީފަކު އޭނާ ދެކެފައި ނުވާތީއެވެ. އެދެކޯތާ ފަތްމައްޗަށް އަރަމުން ދިޔަ ދޮން ޖަންބުކުލަޔާއި ކަޅިރަވައިގެ ރީތިކަމަށް ގެއްލިފައި އިން ޒުބޭރު ސިހިގެން ދިޔައީ މުދިންބެގެ ހިޔަލަ ހިފައިގެން އައި ހިއްތަލަފުށު ފުއްޕަނިތަށި ޒުބޭރާ ދިމާލަށް ދިއްކޮށްލަމުން މަންމަނުންނަށް އެއްޗެހި ބުއިމަށް އިޝާރާތް ކުރާ ގޮތަށް އިޝާރާތް ކުރުމުންނެވެ. ހިޔަލައެއައީ އޭނާގެ ޕައްޕަގެ އެދުމުގެ މަތިން ލެއްގި މހާއަށް ނާސްތާ ހިފައިގެންނެވެ. ހިޔަލަގެ ހަރަކާތް ހުރިގޮތުން ޒުބޭރުގެ ކުރަކި ވެފައިވާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހިޔަލަ ގެނެސް ދިން ބުއިމަކީ މީގެ ކުރިން ޒުބޭރު ދުވަހަކުވެސް ބޮއެފައި ނުވާ ފަދަ މީރު ބުއިމަކަށް ވިއެވެ. ޒުބޭރު ފިއްޕަނިތަށި ބޯލުމުން ހިޔަލަ އޭނާގެ އެފަރި ހިނގުމުގައި ގޮސް އޮބާލަންދެން ޒުބޭރު ބަލަން އިނެވެ. އޭނާ އެންމެ އަޖައިބުވީ މިފަދަ ފުށި ރަށްގަނޑެއްގައި ގުދުރަތުގެ އެފަދަ އަގުބޮޑު ޖަވާހިރެއް ރައްކާ ކުރެވިފައިވާތީއެވެ.
އޭގެފަހުން ފާއިތުވި ދެތިން ދުވަހުގެ ތެރޭގައިވެސް ހިޔަލައެއް ޒުބޭރަކަށް ނުފެނެއެވެ. ނަމަވެސް ދެލިބެ އޭނާގެ އެކުވެރިންނާ އެކު ޒުބޭރުގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރެއެވެ. އެކި މީހުންގެ ގައިގައި ވަކި ވަކިން އަތް ޖައްސާ ނަންތައް ކިޔައި ދެއެވެ. އެގޮތުން ދެލިބެއާއި ދޮންތަކުރު، އަދި ކާސިމްފުޅު މިހާރު ޒުބޭރަށް އެނގެއެވެ. ޒުބޭރުވެސް މޭގައި އަތް ޖައްސާ އޭނާގެ ނަން ބުނެދިނެވެ. ދެލިބެ ބަރާބަރަށް ޒުބޭރުގެ ޒަޚަމް ތަކުގައި ބޭސް އަޅައިދީ ހަދައެވެ.
އާދައިގެ މަތިން ޒުބޭރު މިއަދުވެސް އިނީ އަތިރިމަތީ ހުރި ރުކެއްގައި ލެނގިލައިގެންނެވެ. އެއާއެކު ޒުބޭރުގެ ހިތް ނަށައިގަތީ ހިޔަލަ ދެއަތަށް ދެތަށި ލައިގެން ޒުބޭރާ ދިމާލަށް ހިނގަމުން އަންނަމަންޒަރު ފެނުމުންނެވެ. ހިޔަލަގެ އެއް އަތުގައި ދިއްގާމަލަށް ކޮށާފައިހުރި ޅަގަބުޅި ހުރިއިރު އަނެއް އަތުގައި ދިޔާ ހަކުރު ތައްޓެއް ހުއްޓެވެ. ހިޔަލަ އައިސް ރަޙުމަތްތެރި ގޮތަކަށް ޒުބޭރާ ދާދިގާތަށް ހުއްޓި އިށީނދެލިއެވެ. އަދި ލުއި ހިނިތުންވުމަކާއެކު ތަށިތައް ޒުބޭރާ ދިމާލަށް ދިއްކޮށްލިއެވެ. އޭރު ޒުބޭރު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ނަޒަރުތައް މިހިތްހެޔޮ އަންހެން ކުއްޖާ އަށް ފޮރުވޭތޯއެވެ. ވާނުވާ ނޭނގި އިން ޒުބޭރު ހިޔަލަ ދިއްކޮށްލި ދިޔާހަކުރު ތަށީގައި ތުންޖަހާފައި ބޯންފެށިއެވެ. އެއާއެކު ހިޔަލަ ހިނި ފަޅައިގެން ދިޔައެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ބާރަށް ހެމުންދާ ހިޔަލަގެ މޫނުމައްޗަށް ވެރިވަމުންދާ ކުލަތަކަށް ޒުބޭރު ނަޒަރު ހުއްޓާލައިގެން އިނީ ހިޔަލަގެ ރިތިކަން އެތައްގުނައެއް އިތުރުވެފައިވާ މަންޒަރު ފެނި ޝޯޚުވެފައެވެ. ހިޔަލަ ހެމުން ހެމުން ވަރަށްމަޖާވެފައި އިނދެ ގަބުޅި ފޮއްޗެއް ނަގާ ދިޔާހަކުރުގައި ޖެއްސުމަށްފަހު ޒުބޭރުގެ އަނގައަށް ލެވިއެވެ. އެއާއެކު ކުރެވުނު ކަންތައް އެނގުމުން ޒުބޭރުގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިއަދު ޒުބޭރު ބޭނުންވީ ހިޔަލައާ ވާހަކަ ދައްކާށެވެ. ޒުބޭރު އޭނާގެ އަމިއްލަ މޭގައި އަތް ޖައްސާލާފައި ޒުބޭރުއޭ ބުނެލިއެވެ. އަދި ހިޔަލައަށް އިޝާރާތްކޮށް އަތުން ނަން އަހާލިއެވެ. "ހިޔަލަ" ޒުބޭރު ހިޔަލަގެ އަޑު ދަށުން ތަކުރާރު ކޮށްލިއެވެ.
ދުވަސްތައް ތަކުރާރު ވަމުން ދިޔަވަރަކަށް ހިޔަލައާއި ޒުބޭރުގެ އެކުވެރިކަން އާލާ ވަމުން ދިޔައެވެ. އަދި ހަމައެފަދައިން ރަށުގެ އެހެން ޒުވާނުންނާވެސް ގުޅުން ބަދަހިވެ ދިވެހި މާހައުލަށް ހޭނެމުން ދިޔައެވެ. މީސްކޮޅުމަދު މި ކުޑަ ރަށްގަނޑުގެ އަހުލުވެރިންގެ ހިތް ހެޔޮކަމާ އަޚުލާޤު ރަނގަޅުކަމުން ޒުބޭރުގެ ހިތުގައި އެބައިމީހުންނަށް ޚާއްސަ ޤަދަރެއް ދެވުނެވެ. ރަށުގެ ހުރިހާ ޒުވާނުންވެސް ޒުބޭރާ ވަރަށް ގުޅެއެވެ. މަސް ހިފަންދިއުމާއި ކުރުނބާ ބުއިންފަދަ ކަންކަމުގައި ޒުބޭރު ބައިވެރިވެއެވެ. އަދި ޒުބޭރުގެ ޤައުމުގައި ކުޅެ އުޅޭ ބައެއް ކުޅިވަރުތައް ރަށުގެ ޒުވާނުންނަށް ދަސްކޮށްދިނެވެ. ޚާއްސަކޮށް ވަށައިގެން ކަނޑު އޮންނަ ރަށަކަށްވާތީ މަސްހިފޭނެ އާ ގޮތެއް ޒުބޭރުގެ ފަރާތުން ރަށުގެމީހުންނަށް ދަސްވިއެވެ. އައްސޭރިފަށުގައި ދިރިއުޅޭ މީހުން ކޮށް އުޅޭ ރޮދުލުމުގެ މަސްވެރިކަން ޒުބޭރު މިބައިމީހުންނަށް ދަސްކޮށްދިނެވެ. ކޮންމެއަކަސް ޒުބޭރު ހިމެނިގެން ދިޔައީ ރަށުގެ މީހުންނަށް ވަރަށް މަޤުބޫލު ޝަޚުޞިއްޔަތަކަށެވެ.
(ނުނިމޭ، ދެވަނަ ބައި އަންނަ ހުކުރު ދުވަހު)