2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީއޭ އޮތީ ހަޤީގަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެކުގައިކަމަށާއި އެމަނިކުފާނާ އެކު ސިއްރު ބައްދަލުވުންތަކެއް ބޭއްވި ކަމަށް، އެމްޑީއޭގެ ނައިބުރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
މުލަކަތޮޅު މުލަކުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފު ވިދާޅުވީ، ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް، އެމްޑީއޭގެ މުއައްސިސުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިންގަޕޫރުގައި ރައީސް ޞާލިހާއެކު ސިއްރު ބައްދަލުކޮށްފައިވާ ކަަށާއި، އަދި އެ ބައްދަލުވުމުގައި މައުރޫފުގެ އިތުރުން ޚުދު އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ފަހަރުގެ މަޝްވަރާތަކަށްފަހު ރިޔާސީ އިންތިޚާބުގައި ސިޔާމު ހުންނެވީ ރައީސް ޞާލިހުގެ ފަހަތްޕުޅުގައިކަމަށް ވިދާޅުވެ، އެ އިންތިޚާބު ކާމިޔާބުކުރުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެމްޑީއޭއިން ކޮށްފައިވާނެކަމަށް މައުރޫފު ވަނީ ފާހަގަކުރައްވާފައެވެ.
"ސިންގަޕޫރަށް ގޮސް ހޮލިޑޭއިންގައި ސިއްރު ބައްދަލުވުމެއް ބޭއްވިން، އިސްލާމް ދީނުގައިވެސް ހުއްދަ ކަމެއް ބިރުވެރިކަމުގެ ހާލަތުގައި ސިއްރިއްޔާތުގައި ކަންތައް ކުރުމަކީ އެންމެ ބުއްދިވެރިންގެ ގޮތް ކަމުގައި އަޅުގަނޑުމެން ދެކުނިން. އަޅުގަނޑުމެން ޔަގީންކަން އެރުވިން މިތިބީ ރައީސްއާ އެކީގައޭ 2018ގައި"
އެމްޑިއޭގެ ނައިބު ރައީސް މައުރޫފު
މައުރޫފު ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޔާމިނަކީ ހަރުކަށި ބޭފުޅެއްކަމަށް ސިފަކުރައްވައި، އެ ވެރިކަމަކީ މަސައްކަތް ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރަން އުނދަގޫ ވެރިކަމެއް ކަމަށާއި، ފާޅުގައި ރައީސް ޔާމިނާއި ދެކޮޅަށް ތެދުވި ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާތީ ކަމަށް ފާހަގަކުރެއްވިއެވެ.
މައުރޫފު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކިބައިން ފެނިގެންދަނީ ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރާ މަންޒަރުކަމަށާއި، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އޮތް ބޭފުޅުންނާއި އެކުވެސް ގުޅިގެން މަސައްކަތްޕުޅު ކުރައްވާ މަންޒަރު ރައީސް ޞާލިޙުގެ ކިބައިން ފެންނަ ކަމަށެވެ.
މައުރޫފް ވިދާޅުވީ، އެމްޑީއޭއަށް މަސައްކަތް ކުރެވޭނީ އެފަދަ ލީޑަރަކާއި އެކުގައި ކަމަށާއި، ކުރިއަށް ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުކޮށްދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް އެމްޑީއޭއިން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.