ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ނިމެންދެން މި އަހަރުގެ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަންގެ ވެރިޔާ ޢަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށާއި، ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ.
"ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ.ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން."
އަދުރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ.ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން
— Abdul Raheem Abdulla (@Banafsaa) July 17, 2023
ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އޮތްއިރު، ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތު ގެއްލޭ ކަމެކެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީ ޝަރީއަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންވެއްޖެ ނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލިގެންދާނެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުއެވެ.