އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު، ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ޕާޓީގެ އިސް ބޭފުޅުންނާއެކު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޞާލިޙް އިއްޔެ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވ. އަދި މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައ،ި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ.
"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،"
ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި އިންތިޚާބުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ކޯލިޝަނަކުން ވާދަކުރައްވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުއްވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.
2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ރަނިންގ މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް ހަމަޖައްސައިގެންނެވެ.
މި އިންތިޚާބުގައި ޖޭޕީން ނިންމާފައިވަނީ ވަކިން ވާދަކުރާށެވެ. އަދި ޖޭޕީގެ ރިޔާސީ ޓިކެޓު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވައިފައެވެ.
މި އިންތިޚާބުގައި ރައީސްގެ ރަނިން މޭޓެއް އަދި ކަނޑައަޅާފައިނުވާއިރު، އެމްޑީޕީގެ ތެރެއިން އިސް ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމުގެ މަޢުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.