7 ޑިސެންބަރު 2024

ނަމާދުގައި ހިމެނޭ ރޫޙާނީ ފައިދާތައް

ނަމާދުގެ މަތިވެރިކަން

1- ނަމާދަކީ އިސްލާމް ދީނުގެ އެންމެ މުހިއްމު ރުކުން؛

2- ނަމާދު ފަރުޟުކުރެވުނީ، ހަތްވަނަ އުޑުގައި؛

3- ޤިޔާމަތްދުވަހު، އަޅާގެ އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދުގެ؛

4- ކީރިތި ރަސޫލާގެ ލޯފުޅުގެ ފިނިކަމަކީ ނަމާދު؛

5- ނމާދަކީ އިންސާނަގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އޭގެ ފައިދާ ލިބޭ އަޅުކަމެއް؛

ނަމާދުން އިންސާނާއަށް ލިބޭ ރޫޙާނީ ފައިދާތައް:

1- ދުނިޔަވީ ހިތާމަތަކުން މިންޖުވެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބިގެން ދިއުން:

މިކަމުގެ އެއް ދަލީލަކީ، ކީރިތި ރަސޫލާގެ އަންނަނިވި ޙަދީޘެވެ.

"الصَّلاَةُ مِعْرَاجُ الْمُؤْمِنِيْنَ" މާނައީ: [ނަމާދަކީ މުއުމިނުންގެ މިޢްރާޖެވެ.]

ކީރިތި ރަސޫލާއަށް ލިބިވަޑައިގެންނެވި ހިތާމަތަކަށް ތަސައްލީ ދެއްވައި، އެއްވެސް ނަބީ ބޭކަލަކަށް ނުދެއްވާފަދަ މަތިވެރި ޝަރަފެއް އެކަލޭގެފާނަށް ދެއްވިފަދައިން، ނަމާދުގެ  ސަބަބުން، މުއުމިނުންގެ ނަފްސު، މިޢްރާޖު ކުރެވި، ހިތާމަތައް ފިލައިދެއެވެ.

2- ނަމާދަކީ އެންމެހައި ނުރައްކާތަކާއި ބިރުވެރިކަމުން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނައެވެ. އަދި އެފަދަ އެންމެހައި ނުރައްކާތަކުން މުއުމިނުން ސަލާމަތްކޮށްދޭ ކިއްލާއެވެ.

ޙުޛައިފާ ބިން އަލް ޔަމާން ވިދާޅުވިއެވެ. "كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا حَزَبَهُ أَمْرٌ صَلَّى" މާނައީ: [ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބޮޑު ކަމެއް ކުރިމަތިވެވަޑައިގެންފިނަމަ، ނަމާދަށް އަވަސްވެވަޑައިގަންނަވައެވެ.]

އަދި ކެތްތެރިކަމާއި ނަމާދުން ވާގި ލިބިގަތުމަށް މުއުމިނުންނަށް އަމުރުކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. "وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ" މާނައީ: "ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ!"

އަދި ހަމަ އެހެންމެ، މައްކާގެ މުޝްރިކުންގެ ފަރާތުން ކީރިތި ރަސޫލާއަށް ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކަށް ތަސައްލީ ހޯއްދެވުމުގެގޮތުން ﷲ ތަޢާލާ އެކަލޭގެފާނަށް އަންގަވާފައިވަނީ ނަމާދުކުރެއްވުމަށެވެ. އެކަން އަންގަވާފައިވަނީ އަންނަނިވި އާޔަތްތަކުންނެވެ. "وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُون * فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ* وَاعْبُدْرَبَّكَ حَتَّى يَأْتِيَكَ الْيَقِينُ*" މާނައީ: [ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ސަޖިދަކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ]!

އަދިވެސް އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ތަކުރާރުކޮށް އަލްޙަމްދު ކިޔެވޭއިރު، އަޅުގަނޑުމެން މި ކިޔަނީ "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن". މާނައީ: [އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.]

އިސްވެދިޔަ ވާހަކަތަކުން އެނގެނީ، ނުރައްކާތަކާއި ބިރުވެރިކަމާއި، ހިތާމަތަކުން ތަސައްލީ ހޯދުމުގައި ނަމާދުގެ ދައުރުގެ މުހިއްމުކަމެވެ. މިކަން ކަން ނޭނގޭނަމަ، ހިތާމަތަކާއި މުޞީބާތުގެ ވަގުތުތަކުގައި އަތުން ފައިން ގޯސްހެދި، ދިރިއުޅުމުން އުއްމީދު ކެނޑި، އަމިއްލަ ނަފްސު ހަލާކުގެތެރެއަށް އެއްލައިލެވޭ ހިސާބަށް ކަންތައްތައް ގޯސްވެގެން ހިނގައިދާނެއެވެ.

3- ނަމާދުން ލިބޭ ރޫޙާނީ ފައިދާތަކުގެތެރެއިން އަނެއް ފައިދާއަކީ، ނަމާދު ކުރާ މީހާގެ ފާފަ ފޮހެވި، އޭނާގެ ދަރަޖަ މަތިވެރިވެގެން ދިއުމެވެ.

މިކަމުގެ ދަލީލަކީ: عَنْ أَبِيْ هُرَيْرَةَ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ"؟: [އެކަމެއްގެ ސަބަބުން ފާފަތައް ފޮހެވި ދަރަޖަ މަތިވެރިވެގެންދާނެ ކަމެއް، ތިޔަބައިމީހުންނަށް ދައްކަވަންހެއްޔެވެ؟] قَالُوْا بَلَى يَا رَسُوْلَ اللهِ، [އެ ބޭކަލުން ދެންނެވިއެވެ. އޭ، ﷲގެ ރަސޫލާއެވެ! އަންގަވައިދެއްވާށެވެ!] قَالَ: "إِسْبَاغُ الْوُضُوْءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ، فَذَلِكُمُ الرِّبَاطُ" [رواه مسلم]. ޙަދީޘްކުރެއްވިއެވެ. [އެއީ، ފިނީގެ ސަބަބުން ނުވަތަ ވުޟޫގެ ގުނަވަންތައް ފާރުވެފައި ހުރުމުގެ ސަބަބުން ވުޟޫގެ ގުނަވަންތަކުގައި ފެންޖައްސަން އުނދަގޫ ޙާލަތުގައިވެސް ފުރިހަމައަށް ވުޟޫކުރުމާއި، ގިނަގިނައިން މިސްކިތަށް ދިއުމާއި، އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ނަފްސު ކޮންޓްރޯލްކޮށް ހިފެހެއްޓުމަކީ އެއީއެވެ.]

ވީމާ، އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ނަމާދުކަން މި އާޔަތްތަކުންނާއި ޙަދީޘްތަކުން ވަރަށް ސާފުކޮށް ބަޔާންވެ ހިނގައްޖެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީވެސް ނަމާދަށް ރައްކާތެރިވާ، ނަމާދުން ތަސައްލީ ލިބިގަންނަ ބަޔަކުކަމުގައި ﷲ ތަޢަލާ ލެއްވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު