ތަރައްޤީީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި، ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަން ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުންމައްޗައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ތަރައްގީއާއި އުފާވެރިކަމާއި އަމާންތަނަކަށް މި ރާއްޖެ ބަދަލުކޮށް ދިނުން ކަމަށެވެ. އެ ނޫން އެޖެންޑާއެއް އެމްޑީޕީ އަދި ގުޅިފައިވާ ކޯލިޝަންގައެއް ނެތް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި އެ ހާލަތާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްޤީ ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ ތަސައްވުރެއް އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ވޭދުވެދިޔަ ފަސް އަހަރު އެމަނިކުފާނު ހޭދަކުރީ ހޯރަފުށީ ރައްޔިތުންގެ ތާއީދާއިއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްގީކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަށަށް އަންނަ ބަދަލު އުލިގަމުންދާއި ތުރާކުނުންވެސް އެބަ ފެނޭ. އިހަވަންދޫއިން ވެސް ފެނޭ. މުޅި ބޮޑު ތިލަދުންމަތިން ފެންނަމުންދަނީ. މުޅި ރާއްޖޭގެ އުތުރާއި މެދާ ދެކުނުގެ އައްޑޫއިން ވެސް ފެންނަނީ މި ބަދަލު.
– ރައީސް ވިދާޅުވިއެވެ.
ހޯރަފުށީގެ ތަރައްޤީއާމެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ނިމިފައިވާ ކަމަށެެވެ. މީގެ އިތުރުން ރައީސް ވަނީ އެ ރަށުގައި ނިމިފައި ހުރި ރަށްރަށުގެ އިތުރުން، އެހެން މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި ނިންމަވާދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. ކުރިއަށް އޮތް ދައުރުގައި އެ ރަށުގައި ރޯހައުސް އާއި ފްލެޓް އަޅާނެ ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނޭ ކަމަށާއި އެ ރަށުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުން އެ މަނިކުފާނަށް ވޯޓު ދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެފަދަ އިތުރު އެއާޕޯޓްތަކުގެ މަސައްކަތްތައް ރާއްޖޭގައި މިހާރު ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ކުރައްވަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ޚިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.