އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިތުރު 23 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އިލެކްޝަން ކޮމިޝަން ނިންމައިފިއެވެ.
އިންތިހާބުގައި މާލެ ސަރަހައްދުގައި ޖުމްލަ 187 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބެހެއްޓުމަށް ނިންމާފައިވަނީ 319 ވޯޓު ފޮށްޓެކެވެ. މީގެއިތުރުން ރިސޯޓުތަކުގައި ޖުމްލަ 78 ވޯޓު ފޮށްޓެއް ބެހެއްޓުމަށް އީސީން ނިންމާފައިވާއިރު، ޖަލުތައް ހުންނަ ދޫނިދޫގައި އެއް ފޮށި، މާފުށީ ޖަލުގައި ދެ ވޯޓު ފޮށި، އައްސޭރި ޖަލުގައި އެއް ވޯޓު ފޮށި އަދި ހުޅުމާލޭ ޖަލުގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވެއެވެ.
އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަމުން އަންނަ ތިލަފުށީގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވެއެވެ. އަދި ހުޅުލޭގައި ވެސް ވޯޓު ފޮށްޓެއް ބަހައްޓަން އީސީން ނިންމާފައިވެއެވެ. ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓު ފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އީސީން ބުނެފައިވެއެވެ.
ރީ-ރަޖިސްޓާވާ އަދަދަށް ބިނާކޮށް, މިހާތަނަށް ފޮށި ބަހައްޓަން ބޭނުންވެގެން އެދިފައި ނުވާ 23 ރިސޯޓެއްގައި ފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް ކޮމިޝަނުން ނިންމާފައިވާކަން ފަތުރުވެރިކަމާ ބޭހޭ ވުޒާރާއަށް މިހާރު އަންގާފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. އިތުރު ވޯޓު ފޮށި ބެހެއްޓޭނީ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންއާ އެއްގޮތަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 މީހުން ރީ-ރަޖިސްޓްރޭޝަން ފޯމު މިމަހު 31ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުންކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
މިއަހަރުގެ އިންތިހާބުގައި އިތުރު 132 ވޯޓު ފޮށި ބަހައްޓާއިރު މި އަދަދު އިތުވުމަކީވެސް ވެދާނެކަމެއް ކަމަށް ކޮމިޝަނުން ލަފާކުރެއެވެ. ރިޔާސީ އިންތިހާބުގައި 282،672 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.