އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއިން އެއްބަސްވާ ކަމުގައިނަމަ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްއެންޕީއާއި، ޑިމޮކްރެޓްސް، އަދި ޖޭޕީ އެއްބަސްވެއްޖެއެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްއާ ދާދި ފަހުން ގުޅިވަޑައިގެންނެވި މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ ޖޭޕީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ބޭފުޅުން މަޝްވަރާ ކުރެއްވީ އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުންނެވެ.
މަޝްވަރާތަކަށް ފަހު މީޑިއާއާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ތިން ޕާޓީއަށް އެއްބަސްވެވުނު ކަމަކީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކާ އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އަދި އެ ކަމުގައި އިިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރުހުން ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް.
– ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދުގެ މަޝްވަރާ ބައްދަލުވުމަކީ އެންމެން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާއެއް އޮތްތޯ ބެލުން ކަމަށެވެ. އަދި ޖޭޕީ އާއި ދަ ޑިމޮކްރެޓްސް އާއި އެމްއެންޕީން އެއްބަސްވެފައި ވަނީ ޕީޕީއެމާއި އެމްއާރުއެމްއާ ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެވޭ ކަމުގައިވާ ނަމަ، އެގޮތަށް ތިބުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ކާނަލް ނާޒިމްގެ އެމްއެންޕީއާ ބައްދަލު ކުރީ. ދެން ރައީސް ނަޝީދާ ބައްދަލު މި ކުރީ. ޕީޕީއެމް އާއި އެމްއާރުއެމްއާ ވާހަކަ ދައްކާލާފައި އެއް ކެންޑިޑޭޓަކު ގޮވައިގެން ދާން ބޭނުން ވަނީ އަޅުގަނޑުމެން ރިޔާސީ އިންތިހާބަށް. އެއީ މި ދެއްކި ވާހަކައަކީ.
– މި ބައްދަލުވުން ލީޑް ކުރެއްވި ގާސިމް ވިދާޅުވިއެވެ.
އެ މަޝްވަރާއަށް ކުނޫޒަށް ވަޑައިގަތުމުގެ ކުރިން ގާސިމާއި ނާޒިމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފައެވެ. ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައިވީ ނަމަވެސް އަދި ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެއެވެ.