ވަށައިގެންވާ މާހައުލުން އިވެމުން ދިޔައީ މީހުންގެ ރުއިމުގެ އަޑެވެ. އެންމެންގެ ލޮލުން ހިލެމުންދިޔައީ ވޭނީ ކަރުނައެވެ. އޮހޮރަމުން ދިޔަ ކަރުނައިގައި ވަނީ ހިތްތަދި ކަމާއި މާޔޫސް ކަމެވެ. ދުވަހަކުވެސް އުންމީދު ނުކުރާ ފަދަ ގޮތަކަށް ލޯބިވާ މީހަކު ދުނިޔެއަށް އަލްވަދާއު ކިޔުމަކީ ދިރިތިބީންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ގަބުރުސްތާނުގައި ތިބި އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ހަމްދަރުދީއެވެ.
ގަބުރުސްތާނުން ބޭރުގައި މަންޒަރު ބަލަން ތިބި އަންހެނުންގެ ތެރޭގައިވެސް ހާލަތު ހަމަ އެފަދައެވެ. މުޅި ޖައްވަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
ގަބުރުސްތާނުގައި ހާޒިރުވެ ތިބި އެންމެން މައްޔިތާގެ މައްޗަށް ހެޔޮ ދުއާކުރުމަށް މުދިންބެ އެދުނެވެ. އެންމެން ދުޢާކޮށް ނިމުމުން، ކޮނެފައިވާ ވަޅައް ސަންދޯއް ތިރިކުރަން ފެށިއެވެ.
"މި ވަޅަކަށް ތިޔަ ސަންދޯކެއް ނުކަތާނެ." ވަޅު ކޮނުމުގައި ހަރަކާތްތެރިވަމުން ދިޔަ ޖަމާއަތްތެރިއެއް ބުންޏެވެ.
"އަދި ދެ އިންޗިއެއްވަރު ބޮޑު ކޮށްލަނިކޮން ފުދޭނެ؟" ކޮނެފައިވާ ވަޅަށް ސަންދޯއް ތިރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން، ޖަމާޢަތްތެރިޔާގެ ބަހަށް އިޖާބަދީ، ސަންދޯއް މައްޗަށް ނަގައި ބެހެއްޓިއެވެ. އެއާކު، ވަޅު ކޮނުމުގައި ހަރަކާތްތެރިވަމުން ދިޔަ ދެ މީހުން ވަޅަށް ތިރިވެ، ސަންދޯކަށް ކަތާނޭ ވަރަށް ވަޅު ފުޅާކުރިއެވެ. އެއަށްފަހު، އަނެއްކާވެސް، ކޮނެފައިވާ ވަޅަށް ސަންދޯއް ތިރިކުރުމުގެ މަސައްކަތުގައި އުޅުން މީހުން، އެމީހުންގެ މަސައްކަތުގައި މަޝްއޫލުވިއެވެ.
މަންޒަރު ބަލަން ގަބުރުސްތާނުން ބޭރުގައި ހުއްޓި ހުރި ހަސީނާގެ ފައިން ވަރު ދޫވާން ފަށައިފިއެވެ. ހިތުގައި އެޅިފައިވާ ޒަޚަމުގެ ފުންކަން އޭގެ އިމުން ފަހަނައަޅައިގޮސް، މުޅި ހަށިގަނޑުން ވާގިދޫވާން ފަށައިފިއެވެ. އެވަގުތު އޭނާއަށް މެހެސޫސް ކުރެވުނީ ފައިދަށުން ބިންގަނޑު ދަމައިގަނެގެން ދިޔަ ފަދަ އިހުސާސެކެވެ. ވާނީވެސް އެހެންތާއެވެ. ހަޔާތަށް އައި ލޮޅުމެއްގެ ބޮޑުކަމުންނެވެ. ދެން ވީ ގޮތެއް، ޚުދު އޭނާއަށް ވެސް ނޭނގުނެވެ. ހޭވެރިކަމެއް ވީއިރު އޮތީ ރަށު ހަސްފަތާލުގެ ވާޑުގެ ވާތުފަޅިއަށް ވާގޮތަށް ހުރި އެންދެއްގައި ތަންމަތި ވެފައެވެ. ހަސީނާ އޭނާގެ ލޯ ހުޅުވާލުމާއެކު މުޅި މީހާގެ ކޯތާފަތް ފުރާލީ ލޮލުން ނީރާލި ކަރުނައިގެ ކޯރުންނެވެ. އެ ހިނދު އޭނާއަށް ގިސްޖެހެން ފެށުނެވެ. ހަސީނާ ތަހައްމަލް ކުރަމުން ދިޔަ ވޭނަށް ކުޑަ ނަމަވެސް ލުޔެއް ދެވޭތޯ، އޭނާގެ ފިރިމީހާ، ގާސިމް ދިޔައީ މަސައްކަތް ކުރަމުންނެވެ. ލިބފައިވާ ހިތާމައަށް ކުޑަ ނަމަވެސް އަރާމެއް ލިބުނީ އޭނާގެ ބޮލުގައި ގާސިމް ފިރުމާލި ފިރުމާލުމަކުންނެވެ.
"މީ އަހަރެމެން އެންމެންނަށްވެސް އުނދަގޫ ދަނޑިވަޅެއް. މިވަގުތު އަހަރެމެންނަށް އޮތީ ހިތްވަރުކުރުން. ކެއްތެރިވުން. މާތް ﷲ އެއްވެސް އަޅަކަށް ދެރަ ގޮތެއް މިންވަރެއް ނުކުރަށްވާނެ. މިއީ ކެއްތެރިކަން އިސްކުރަންވީ ވަގުތު. އިންޝާ ﷲ، ކުރިއަށް އޮތްތާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!"
ބަދަލުގައި އެއްވެސް އެއްޗެއް ބުނާނޭހާ ހިތްވަރެއް ހަސީނާގެ ގަޔަކު ނެތެވެ. ދުލުގެ ހަރަކާތްވެސް ވަނީ ހުއްޓިފައި ފަދައެވެ. ހަސީނާގެ ހާލަތު ފެނި، ގާސިމްގެ ހިތަށްވެސް ކެއްކުރަން ދަތި ވިއެވެ. ބޭއިހްތިޔާރުގައި ރޯން ފެށުނެވެ. އެހެންނަމަވެސް ގާސިމަކީ ހިތްވަރު ގަދަ މީހެކެވެ. ހަސީނާއެކޭ އެއްފަދައިން، ގާސިމަކީވެސް ދިރިއުޅުގައި ގިނަގުން ގަންތައްތަކަކާއި ކުރިމަތިލާން ޖެހިފައިވާ މީހެކެވެ. ހަސީނާއާއި ގާސިމް، ދެމީހުންވެސް ކުރިމަތި ލަމުން ދިޔައީ ހަމަ އެއް ކާރިސާތަކަކާއެވެ. އެ ކޮންމެ ކާރިސާއަކުން ލިބެމުން ދިޔަ ވޭން ހިއްސާކުރަމުން ދިޔައީ ދެމަފިރިން އެކު އެކީއެވެ. އެއް ހަށިގަނޑެއްގައިވާ ދެ ފުރާނަ ފަދައެވެ.
ގާސިމަކީ ހިތްވަރު ގަދަ މީހެކެވެ. ދިރިއުއުޅުމުގެ ހާލަތާއި މެދު ހިތާމަކޮށް ދިރިއުޅުމާއި މެދު މާޔޫސްވެ، ހިތްވަރު އެލުވާލުމަކީ ގާސިމުގެ މިޒާޖާއި މުޅިން ބީރައްޓެހި ސިފައެކެވެ.
'ބޭބޭ. މެންދުރު ނަމާދު ބަންގި ގޮވަން ކުޑަތަން ވެއްޖެ. ބޭބެ ދޭ ފެންވަރާލައި ހަދައިން ނަމާދު ކޮށްލައިގެން އަންނަން. ބޭބެ އަންނަންދެން އަހަރެން ހަސީނާއްތަ ކައިރީގައި އިންނާނަން". ހަސީނާ ބާއްވާފައި އޮތް އެނދުގެ ވާތްފަޅީގައި ބައިންދަފައި އިން ގޮނޑީގައި އިށީންނަމުން ނީޒާ ބުންޏެވެ. ނީޒާއަކީ ހަސީނާގެ އެއްބަޑު ނާޒިޔާގެ ދަރިއެކެވެ.
ގާސިމް ނީޒާގެ އެދުމަށް އިޖާބަ ދިނުމަށްފަހު، އިށީންދެ އިން ގޮނޑިން ތެދުވެ، ވާޑުން ބޭރަށް ނުކުތުމަށް މިސްރާބު ޖެހިއެވެ. އެހެންނަމަވެސް، ދެތިން ފިޔަވަޅު އެޅުމަށްފަހު ފަސްއެނބުރި ބަލައިލީ ހަސީނާއަށެވެ. ހަސީނާއަށް އެވަގުތު އޮތީ ނިދިފައެވެ. ވާނީވެސް އެހެންތާއެވެ. ހަޔާތުގައި ކުރިމަތިލާން ޖެހުނު ގިނަގުނަ އަޑިގުޑަން ތަކެއްގެ ސަބަބުން ހަމަނިދި ނުލިބޭތާވެސް އެތައް ޒަމާނެއް ވަނީ ވެފައެވެ. އެތަކެއް ދުވަސްތަކެއް ވަންދެން ހަށްޓައް އަރާމެއް ނެތި، ހާސްކަމާއި، ވޭނާއި، ތަދާއި ކެކުޅުމުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ތަހައްމަލްކުރަން ޖެހުން ވެގެން ދިޔައީ، ގާސިމަށްވެސް އަދި ހަސީނާއަށް ވެސް ނަފްސާނީ ގޮތުން އަދި ޖިސްމާނީގޮތުންވެސް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ކުރިމަތި ކުރުވި ކަމަކަށެވެ.
"އެއްވެސް ކަމެއް ބޭނުން ވަންޏާ ބޭބެއަށް ގުޅާލަންވާނެ އިނގޭ." ގާސިމް ނީޒާއަށް ބަލާލަމުން ބުންޏެވެ.
"އާނ ބޭބޭ! އަހަރެން ދައްތައަށް ވަރަށް ރަނގަޅަށް ބަލާނަން. މަންމަވެސް އަންނާނެ އިރުކޮޅަކުން ހޮސްޕިޓަލަށް. އެއްވެސް ކަމެއް ގޯސް ވަންޏާ އަހަރެމެން ބޭބެއަށް ވަގުތުން އަންގާނަން. ބޭބެ ދެން ދޭ ގެއަށް. ގޮސް ނަމާދު ކޮށްލައިގެން ނިދާލާ! އަސުރު ނަމާދަށް ކައިރި ވީމަ އަހަރެން ސާމީއަށް އަންގާނަން ބޭބެއަށް ގޮވަން." ސާމީއަކީ ނިޒާގެ ފިރިމީހާއެވެ. އެއީ ހަމައެކަނި ރަނގަޅު ފިރިއެއް ނޫނެވެ. ނީޒާގެ އާއިލާއާއި ގާތްތިމާގެ މީހުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް މަދަދުވެރިންގެ އެންމެ ކުރީ ސަފުގައި ދެގޮތެއް ނުވެ ހުންނަ އެކަކީ ސާމީއެވެ. ސާފުތާހިރު ސާދާ ހިތެއްގެ ވެރިއެކެވެ. އެއީ ހަމަ ނީޒާގެ ނަސީބެވެ.
"ޝުކުރިއްޔާ ނީޒާ! އަހަރެމެންގެ ހާލަތައް ހަމްދަރުދީވެ، އަހަރެމެންނާއި މެދު ތިޔަ ބަހައްޓާ ގާތް ކަމާށް، އަދި ކޮށްދެމުން ތިޔަ އަންނަ ހިދުމަތަށާއި، ދެމުން އަންނަ އޯގާތެރިކަމަށްޓަކައި އަހަރެމެން ދެމަފިރިން އަބަދުވެސް ޝުކުރުވެރިވާނަން". މިފަދައިން ނީޒާއަށް ޝުކުރުއަދާކޮށް ނިންމާލި އިރު ގާސިމްގެ ދެލޯ ވަނީ ކަރުނުން ފުރި ބާރު ވެފައެވެ. އެއާއި އެކު، ގާސިމް އޭނާގެ ޖީބުގައި އޮތް ރުމާ ނެގުމަށްފަހު މޫނު މައްޗަށް ފާއްދަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.
"އަހަރެމެން ދަތި ހާލުގައި އުޅުނު އިރު އަހަރެމެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ބޭބެ. އެދުވަސްތައް އަހަރެމެންގެ ހިތުން ކިހިނެއް ފިލާނީ. އަހަރެން ގަބޫލު ކުރާ ގޮތުގައި، ބޭބެ އަހަރެމެންނަށްޓަކައި ވަރަށް ގިނަ ގުރުބާނީތަކެއް ވަނީ ވެފައި. ބައްޕައަކާ ނުލާ މަންމަ، އަހަރެމެން ހަތަރު ދަރިން ބަލާ ބޮޑުކުރީ ބޭބެގެ ފުށުން ލިބެމުން ދިޔަ އެހީތެރިކަމާއެކު. އެކަންކަން އަހަރެމެން އަބަދުވެސް ދަންނާނަން. އެއީ އަހަރެމެން މުޅި އުމުރު ދުވަހު މަސައްކަތް ކޮށްގެންވެސް އޭގެ އަގު އަދާ ނުކުރެވޭނޭ ކަމެއް. މިއަދު ބޭބެމެންގެ ހަޔާތައް އައިސްފައި މިވާ ލޮޅުމުގައި، ބޭބެމެންނަށް އަޅާލާ އޯގާތެރިވާން ތިބި ބަޔަކީ އަހަރެމެން. މި ދަނޑިވަޅުގައި އަހަރެމެން ފަހަތަކަށް ނުޖެހޭނަން." ނީޒާގެ ޝުކުރުން ފުރިފައިވާ ބަސްތައް އަމުނާލުމުން ގާސިމްގެ ހިތައް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އެހެންނަމެސް ރައްދުގައި އިތުރަށް ވާހަކަ ދައްކާނޭހާ ހިތްވަރެއް ގާސިމްގެ ގަޔަކު ނެތެވެ. ބަދަލުގައި، ފަނޑު ހިނިތުންވުމެއް މޫނު މަތިން ދައްކާލުމަށް ފަހު ގާސިމް މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. އޭރު ގަޑިން މެންދުރު 12 ޖަހަނީއެވެ. އާދައިގެ ބާރުމިނެއްގައި ހިނގާފައިދިޔަ ގާސިމަށް ގެއަށް ނުދެވި އުޅެނިކޮށް މެންދުރު ނަމާދު ބަންގިގޮވިއެވެ. އެހެންކަމުން، ގެއަށް ދިއުމުގެ ބަދަލުގައި ގާސިމް އެރީ މިސްކިތަށެވެ. ނަމާދުކޮށް ނިންމާލުމުން، ގާސިމްގެ ބޮލަށް ވެރިވެފައިވާ ނުތަނަވަސްކަމާއި ހިތްދަތިކަމަށް ކުޑަވަރެއްގެ ނަމަވެސް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ގާސިމް މިސްކިތުން ނިކުމެ، ފައިވާނަށް އަރަން ފައިވައްދާލި ތަނުން، މީހަކު އޭނައަށް ގޮވާލިހެން ހީވިއެވެ. ފަހަތަށް އެނބުރި ބަލާލިއިރު ހުރީ ނީޒާގެ ފިރިމީހާ، ސާމީއެވެ.
"އަހަރެން މިއުޅެނީ ސައިކަލުގަ އައިސް. ހިނގާ، އަހަރެން ބޭބެ ގެއަށް ލައިދޭނަން. ބޭބެ ގެއަށް ގެންގޮސްދީފައި ދެން އަހަރެން ދާނީ ހަސްފަތާލަށް. ދެންމެގަ ނީޒާ ގުޅި. ބުނީ ދައްތަގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅޭ. ހާސްނުވޭ! އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ދާނީ ވަރަށް ރަނގަޅަށް." ގާސިމްގެ ކޮޑުގައި އަތްއަޅާލަމުން ސާމީ ބުންޏެވެ. އެއަށްފަހު، ސާމީ އަވަސްވެގަތީ ގާސިމް ގޮވައިގެން ގެއަށް ދިއުމަށެވެ.
ގާސިމް ގެއަށް ލުމަށްފަހު ސާމީ މިސްރާބު ޖެހީ ހަސްފަތާލަށް ދިއުމަށެވެ. ގާސިމް މަޑު ހިނގުމެއްގައި ހިނގާފައި ގޮސް ގޭގެ މައި ދޮރާށިން ވަދުނެވެ. ގާސިމާއި ހަސީނާ ދިރިއުޅެމުން ދިޔަ ގެއަކީ އެމީހުން ނުހަނު މަސައްކަތުން ބިނާކުރި ދިރިއުޅުމުގެ އެއް ނިޝާނެވެ. މުޅިގޭތެރެ މާލެމާލިން ޖަރީކޮށްފައި އޮތް ގޯތިތެރޭގައި މިއަދު އެއްވެސް ކަހަލަ ތާޒާކަމެއް، އާރޯކަމެއް ނެތްފަދައެވެ. ވަށައިގެން ހުރި ގަސްތަކުގައި އަޅާފައި ހުރި އެކި ކުލަކުލައިގެ ފިނިފެންމާތަކާއި ސައިމާތަކުން މިއަދު ގާސިމްގެ ހިތަށް ޒައްރެއްގެ މިންވަރުވިޔަސް ހިތްހަމަ ޖެހުމެއް ލިއްބައިނުދިނެވެ.
ގާސިމް ގެއަށް ވަދުނު ގޮތަށް، ގޭގެ ފާރުތަކުގައި ހަރުކޮށްފައި ހުރި ފޮޓޯ ފުރޭމް ތަކާއި ދިމާލުގައި ހުއްޓުނެވެ. އެވަގުތު އޭނާގެ ދެލޯ ފެންކަޅިވެ، ކަރުނުން ފުރާލިއެވެ. "އަންދާލާ. ހަލާކުކޮށްލާ. ނައްތާލާ. މިއަދު ތިޔަ ފޮޓޯ ފްރޭމްތަކަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. ދިޔަ ތަކެތި ބަހައްޓައިގެން ހިތަށް ޒަޙަމެއް ލިބުން ނޫން ކަމެއް ނުވާނެ. އޭނަގެ ހަނދާންތައް ކަލޭގެ ދިރިއުޅުމުން ނެތިކޮށްލާ. އެއީ ކަލެއަށް އެންމެ ފައިދާހުރި ގޮތް.". ގާސިމް ގާތުގައި އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. "އާން. މިތަކެތި އަހަރެންގެ ލޮލުކުރިމަތީގައި ހުރިހާ ހިންދަކު އަހަރެންގެ ހިތާއި ނަފްސަށް ލިބެމުންދާނީ އިތުރު އަނިޔާތަކެއް. މިއީވެސް އަހަރެމެންގެ ދިރިއުޅުމުގައި ފާއިތުވެސް މާޒީގެތެރެއަށްގޮސް ގެއްލިނިމިފައިވާ ސަފްޙާއެއް." ގާސިމަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ.
ގާސިމް ބާރު ހިނގުމެއްގައި ގޮސް ވަނީ ބަދިގެއަށެވެ. އައަށްފަހު، ބަދިގެ ފާރުގައި ހަރުކޮށްފައި ހުރި ކަބަޑުތައް، ފަހަރަކު ކަބަޑެއް ހުޅުވަމުން ދިޔައެވެ. އޭނާ ހޯދަމުން ދިޔައީ ލައިޓަރެކެވެ. ގޭގެ ސިޓިން ރޫމުގައި ހަރުކޮށްފައި ހުރި ފޮޓޯތައް އަންދާލުމުގެ ބޭނުމުގައެވެ. ގާސިމުގެ އަތުގައި ލައިޓަރު އަތުޖެހުނުތަނާހެން، ބަޑިއަކަށް ބަދިގޭ ކަބަޑުސެޓުގެ ދޮރު ޖެހުމަށް ފަހު ނިކުތީ ސިޓިން ރޫމަށެވެ. އެއަށްފަހު، ފާރުގައި ހަރުކޮށްފައި ހުރި ހުރިހާ ފޮޓޯ ފުރޭމްތަކެއް، ފަހަރަކު އެއްޗެއް ނަގަމުން ދިޔައެވެ. ހުރިހާ ފޮޓޯ ފްރޭމްތައް ނަގާ ނިމުމުން އެތަކެތި ހިފައިގެން ގޭގެ ބިއްދޮށު ފަރާތަށްގޮސް، އެ ހުރިހާ ތަކެތި ބިންމައްޗައް އުކާލިއެވެ. އެއަށްފަހު، އޭގެ މައްޗަށް ޕެޓްރޯލުއަޅާ ރޯކޮށްލިއެވެ. ފޮޓޯ ފްރޭމްތައް އަންދަމުން ދިޔައިރު އެ މަންޒަރު ބަލަންހުރި ގާސިމްގެ ހިތަށް ކިތަންމެހާވެސް އަސަރު ކުރިއެވެ. އެހެންނަމަވެސް، އޭނާ އިސްކުރީ ހިތްވަރުގަދަކަމެވެ. އެހެންނަމަވެސް، ހިތުގައި އަޅަމުންދިޔަ ވޭނެއް ނުފޮރުވުނެވެ. ލޮލުން ނީރަމުންދިޔަ ކަރުނަތައް އެކަމަށް ހެކިދިނެވެ.
"ތިޔަ ފޮޓޯ ފްރޭމްތައް އަނދާ އަޅިއަށްވެދިޔަޔަސް، އެމީހުންނާއި ގުޅިފައިވާ ހަނދާންތައް، މިގޭގެ ހަތަރު ފާރުތެރެއިން ފިލައިދާނެހެން ހީވޭތަ؟" މާޔޫސީ ރާގަކުން ބުނި ބުނުން އަޑު އިވުމާއިއެކު ގާސިމަށް އެއީ އާފިޔާގެ އަޑުކަން އެނގުނެވެ. "ނޫން. ކިހިނެއް އެމީހުންގެ ހަނދާންތައް ފިލައިގެން ދާނީ. މި ގޭގެ ހަތަރު ފާރުތެރޭގައިވެސް، އަހަރެމެންގެ ހިތާއި ސިކުނޑީގައިވެސް، އެދެމީހުންގެ ހަނދާންތައް އާވެ އާލާވާނެ. މިކަންވެސް މިކުރީ، އެ ފޮޓޯ ފްރޭމްތައް މިގޯތީގައި ފެންނަން ހުންނަ ނަމަ، އަހަރެމެންގެ ހިތްދަތި މާޒީ އަބަދުވެސް ހަނދުމަވާނެތީވެ! އެހެންނޫންނަމަ، އަހަރެމެންނަށް ލިބިފައިވާ ޒަހަމްތަކުގައި އަބަދު ވޭން އަޅައަޅާ ހުންނާނީ. އަހަރެން ކަންތައް މިކުރީ އަހަރެމެން އެންމެން ތިން މީހުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމުގައި އަހަރެންނަށް ޤަބޫލުކުރެވޭތީ! މަށައްވެސް، ޢާފިޔާއަށްވެސް، ހަސީނާއަށްވެސް!" ގާސިމަށް ވާހަކަދެއްކެނީ ހަމަކިރިރިޔަ ކިރިޔާއެވެ. އިތުރަށް ބަސްބުނާނޭހާ ހިތްވަރު އެދުލުގައި ނެތުމުން ޤާސިމްގެ ވާހަކަ މަޑުޖައްސާލިއެވެ.
"އަހަރެންނަކަށް ނޭނގެ އަހަރެން މި ކެކުޅުމުގައި ކެއްކުރާނީ ކިހިނަކުން ކަމެއް. އަހަރެން މިއަދު ކޮޅަށް މި ހުރެވެނީވެސް ވަރަށް ހިތްވަރުން. ދެފައިކޮޅުން ވަރުނެތި ހަމަ ދެންމެ ދެންމެ ވެއްޓިދާނެހެން ހީވަނީ. ރޯންވެސް ބޭނުން. ހިތުގައިވާ އުދާސްތައް ބޭރުކޮށްލަންވެސް ބޭނުން. އެކަންވޭތޯ އަހަރެން ވަރަށް މަސައްކަތްވެސް ކޮށްފިން. އެކަމަކު އަހަރެންނަކަށް ނުރޮވުނު. އަހަރެން ދެން މިގޭގައި އިތުރަށް އުޅޭކަމުގައިވާނަމަ ކަންތައްތައް ދާނީ ގޯހުން ގޯހަށް. އެކަމަކު އަހަރެން ވަކި ގޮސް ވަންނާނީވެސް ކޮންތާކަށް.". ޢާފިޔާގެ އޭނަގެ ހިތުގައިވާ އުދާސްތައް ގާސިމަށް ކިޔާދެމުން ދިޔައެވެ. ދެމީހުންވެސް ތިބީ ގޮތް ހުސްވެފައެވެ. ގާސިމް ހުރީ ބަސްހުއްޓިފައެވެ. ޢާފިޔާއަށް އިތުރަކަށް ކެތެއް ނުކުރެވެނެވެ. ބޭއިޙްތިޔާރުގައި ރޯން ފެށުނެވެ. ގާސިމް ޢާފިޔާގެ ކޮނޑުގައި އަތްވިއްދާލިއެވެ. އަދި ޢާފިޔާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ކުއްލިއަކަށް ގޭދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނެވެ. ޢާފިޔާގެ ކޯތާފަތް މަތީގައިވާ ކަރުނަތައް ފޮހެލުމަށްފަހު ގާސިމް ގޮސް ދޮރުހުޅުވިއެވެ. އެވަގުތު ގެއަށް އައިސް ހުރީ ޖާވިދެވެ. ޖާވިދަކީ ޢާފިޔާގެ ކުރީގެ ފިރިމީހާއެވެ. "ޖާވިދް. އަހަރެންނަކަށް ހިއެއްނުވޭ މާކަ ރަނގަޅު ގަޑިއަކު ހެނެއް ތިޔަ އައީ. މިވަގުތު އަހަރެމެން މިތިބީ ވަރަށް ނާޒުކު ފައްތަރެއްގައި. އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކާ ބަހުސެއް ކުރާކަށް. މިވަގުތު އަހަރެމެން އަހަރެމެންގެ ހާލައިގެން ތިއްބަދީ!" ޖާވިދުގެ އަނގައިން ބަހެއް ބޭރުކުރުމުގެ ފުރުސަތެއްވެސް ނުދީ، ގާސިމް އޭނާގެ ހިތުގައިވާ ޝުއޫރުތައް ހާމަކުރިއެވެ. ޖާވިދުގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. "އަހަރެން މިއައީ މީހަކާ ބަހުސްކުރާކަށް ނޫން ގާސިމް. އަހަރެންމިއައީ އަހަރެންނަށް ކަންތައް ކުރެވުނު ގޮތާއި މެދު މާޔޫސްވެގެން. ކަލޭމެންގެ ކިބައިން މައާފަށް އެދެން. އަހަރެން މިއަދު މިގެއަށް މިއައީކީ މީހަކާ ޖަދަލުކުރާކަށް ނޫން. އަހަރެންގެވެސް ހިތެއް އޮވޭ. އަހަރެންވެސް ކަލޭމެންގެ ހާލަތު ދަންނަން. ކަލޭމެންގެ ހާލަތައް ހަމްދަރުދީވެސް ވަން. އަހަރެންނަށް އެންމެ ފުރުސަތެއް ނަމަވެސް ދީ. އަހަރެން މިއަދު މިގެއަށް މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާތީ. އަހަރެންނަށް އެފުރުސަތުދީ!. ގާސިމް ގޮތްދޫކޮށްފައި، ޖާވިދު އެގެއަށް ވަނުމުގެ ހުއްދަ ދިނެވެ.
ޖާވިދު އެގެއަށް ވަނުމާއިއެކު، ޢާފިޔާގެ ނަޒަރު ހުއްޓިފައިހުރީ ޖާވިދަށެވެ. "ޖާވިދް. އަހަރެންނަށް މާފުކޮށްފަ، އަހަރެން ބަލައިތަ ތިޔައައީ؟. އުންމީދީ ރާގަކުން ޢާފިޔާ ފުރަތަމަވެސް ކުރީ ސުވާލެކެވެ. "އާނ އާފިޔާ! އަހަރެންނަށް ވިސްނިއްޖެ. އަހަރެމެންނަކީ އިންސާނުން. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން. ކުއްކުރެވޭނެ އެންމެނަށްވެސް. އަހަރެންނަށް ކުރެވުނު ކުއްތަކަށް ޢާފިޔާވެސް ކެއްކުރީމެންނު. އެކަމަކު، ޢާފިޔާއަށް ކުރެވުނު އެންމެ ކުށަކަށްޓަކައި އަހަރެންދެކެ ޢާފިޔާވީ ލޯބީގައި ކޮޅުފައިން ޖަހާފައި ދިޔައީ. އަހަރެންނަށް ކުރެވުނު ކުށަށް އަހަރެން އިޢުތިރާފްވަން. އަހަރެންނަށް އަދި އިތުރު އެންމެ ފުރުސަތެއް ނަމަވެސް ދީބަލަ ޢާފިޔާ. ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެން ރަނގަޅު ފިރިއަކަށް ވެވޭތޯ އަހަރެންގެ ޖާނާއި މާލުން ގުރުބާންވާނަން. އަހަރެންނަކީ ޢާފިޔާއަށް އަޅާލައި ލޯބިދޭ ރަނގަޅު ފިރިއެއްކަން ސާބިތު ކޮށްދޭނަން. އަހަރެން ބޭނުންވަނީ ހަމަ އެންމެ ފުރުސަތެއް. އަހަރެންގެ ހިތުގެ އާދޭސް އަޑުއަހާލަދީ. އެންމެ ފަހަރަކަށް ނަމަވެސް!" ޢާފިޔާގެ މޫނަށް ނަޒަރު ހުއްޓިފައިހުރި ޖާވިދުގެ ދުލުން ބޭރުވެގެން ދިޔައީ އާދޭހުގެ ބަސްތަކެވެ.
"ހަޤީޤަތުގައި ކުއްކުރެވުނީ ޖާވިދަކަށް ނޫން. އަހަރެންނަށް. ޖާވިދުނޫން އެހެން ފިރިހެނަކު ނަމަވެސް ކަންތައް ކުރާނީ ހަމަ އެކަހަލަ ގޮތަކަށް. އަހަރެންގެ ހިތުގައި ޖާވިދަށް ޓަކައި ލޯތްބާއި ޤަދަރު ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުވޭ. އަހަރެން ބޭނުން އަހަރެމެން ދެމީހުން އަލުން ގުޅެން. ވޭތުވެދިޔަ 30 އަހަރި އަހަރެން ހޭދަކުރީ ޖާވިދާއި އެކު. ޖާވިދުގެ ސިފައާއި މިޒާޖު އަހަރެންނަށް ވުރެ ރަނގަޅައް ދަންނަ މީހަކު މިދުނިޔެއަކު ނޫޅޭނެ. ޖާވިދަކީ އޯގާތެރިކަމުގެ ލާމަސީލް ނަމޫނާއެއް. ތިޔަފަދަ ފިރިއަކު ލިބޭނީ މަދު މީހަކަށް. އަތްފުނަ އަޅައިގެންވެސް ތިޔަފަދަ ރަނގަޅު، ހިތްހެޔޮ ހިތެއްގެ ވެރިއެއް ނުލިބޭނެ. އަހަރެން މިހުރީ ޖާވިދު އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގަ."
ޖާވިދުގެ އާދޭހަށް އިޖާބަދިނުމުގެ ގޮތުން ޢާފިޔާ އޭނާގެ ހިތުއިވާ އިހުސާސްތައް ބަންޑުން ކޮށްލިއެވެ. އެއަށްފަހުގައި ޢާފިޔާ ނަޒަރުހިންގާލީ ގާސިމްގެ މޫނަށެވެ. އެމޫނުގައި ވަނީ މާޔޫސްކަމެވެ. "އަހަރެންނަށް މާފްކުރޭ ޤާސިމް. އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާންވެސް މިއަދު އަހަރެމެންނާއި ވަކިވެގެން އެދިޔައީ. އަހަރެން އެއް ގޮތަކަށްވެސް މި ދަނޑިވަޅުގައި ގާސިމް ދޫކޮށްލާފައި ދާކަށް ބޭނުމެއްނޫން. އެހެންނަމަވެސް، މިވަގުތު ގާސިމްގެ ބޭނުން އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ހަސީނާއަށް. އަހަރެން ތިޔަ ދެމަފިރިންގެ ދޭތެރޭގައިވާ ހުރަހެއްގެ ގޮތުގައި އެއްވެސް މީހަކު ދެކޭކަށް ބޭނުމެއް ނޫން. އަހަރެން މިގެއިން ދިއުމަކީ އަހަރެންނަށްވެސް، ގާސިމަށްވެސް އަދި ހަސީނާއަށްވެސް އެންމެ ފައިދާ ހުރި ގޮތް! އަހަރެންނަށް މާފުކުރޭ! އަހަރެން ބޭނުންވަނީ މާޒީގައި ހިނގާފައިވާ ހާދިސާތައް ހަނދާން ނައްތާލާފައި އައު ފެށުމަކުން ދިރިއުޅުން އަލުން ފަށަން. އަހަރެން ދެން ދަނީ އިނގޭ! އަހަރެންގެ ދުޢާގައި ކަލޭމެން އަބަދުވެސް ވާނެ. އަހަރެން އެދެނީ ތިޔަ ދެމަފިރިންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރެއްވުން!" ގާސިމް ހުރީ ޢާފިޔާގެ ވާހަކަ ކަނުލާ އަޑު އަހާށެވެ. "އަހަރެންގެ ހިތުގައިވެސް ޢާފިޔާއަށްޓަކައި އެއްވެސް ހިތްބަރުކަމެއް ނެތް. އަހަރެންވެސް އެދެނީ ޢާފިޔާއަށް ރަނގަޅު ދިރިއުޅުމެއް ލިބުން. އަދިވެސް އެއް ފަހަރު އަހަރެން ޖާވިދުގެ ކިބައިން މައާފަށް އެދެން". ގާސިމް ބުނި ބަހުގެ ބަދަލުގައި ޖާވިދު ބުންޏެވެ. "އަހަރެންނަށް އިނގޭ ގާސިމް ކުރި ކުށަށް ތަޢުބާ ވެއްޖެކަން. އަހަރެންގެ ހިތުގައި ގާސިމަށްޓަކައި އެއްވެސް ރުޅިވެރިކަމެއް ނެތް. ވީކަމެއް ވީ! ވެފައި އޮތް ކަމެއް ކިތަންމެ ބަދަލުކުރަން ބޭނުން ނުވިޔަސް އެކަމެއް ބަދަލެއް ނުކުރެވޭނެ. އެންމެ ބުއްދިވެރި ގޮތަކީ މާޒީ ހަނދާން ނައްތާލައި އާފެށުމަކުން ފެށުން."
އެއަށްފަހު، ޢާފިޔާ ވަނީ އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރިއަށެވެ. މާގިނަ އިރުތަކެއް ނުވެ، އޭނާގެ އަންނައުނުތައް ދަބަހަކަށް އަޅައިގެން ނިކުތެވެ. ޢާފިޔާ އަތުގައި އޮތް ދަބަހުގައި ޖާވިދު ހިފިއެވެ. އަދި އޭނާގެ ކޮނޑަށް ދަބަސް ހެޔޮވަރު ކޮށްލުމަށްފަހު ޢާފިޔާގެ އަތުގައި ހިފިއެވެ. އަދި އެގެއިން ނިކުމެގެން ދިޔައެވެ. މަންޒަރު ބަލަން މެދުގޭގައި އެލުވާފައި ހުރި އުނދޯލީގައި އިށީންދެލައިގެން ގާސިމް އިނެވެ.
— ވާހަކަ ނުނިމޭ —
** ކުރިއަށް އޮތް އެޕިސޯޑް، ހޮނިހިރު ދުވަހު އަޕްލޯޑް ކުރެވޭނެ! **