އަންނަ ސެޕްޓެންބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ އޯގަސްޓު 13، ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި, އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުމާއި، އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ވުމާއި، އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުމާއި، އަދި ވޭތުވެދިޔަ ފަސް އަހަރު ތެރެ, ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުން ހިމެނެއެވެ.
މޮނިޓަރުންނަށް ވެވެނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން, އެކަމަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު އީސީއަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އިންތިޚާބު ދެ ވަނަ ބުރަކަށް ގޮސްފިނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހު 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ. އަދި, ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ.
އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އާބާދީއެއްގެ ގޮތުގައި އީސީއިން ލަފާކުރާ އަދަދަކީ ގާތްގަނޑަކަށް 285،000 މީހުންނެވެ. އަދި އެ މީހުން ވޯޓުލުމަށް ޖުމްލަ 604 ވޯޓުފޮށި ބަހައްޓަން އީސީން ވަނީ ނިންމާފަ އެވެ. އެ ހުރިހާ ފޮށިތައް ކައިރީގައި އޮފިޝަލުންނާއި, އޮބްޒާވަރުން އަދި މޮނިޓަރުން ވެސް ހަރަކާތްތެރިވާނެ އެވެ.