ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭ ކަމަށް ބުނެ، އެ ކޯލިޝަންގެ އިސް ބޭފުޅުން ޖުމްހޫރީ މައިދާނަށް ޖަމާވަންފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޖުމްހޫރީ މައިދާނުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ހިމެނިވަޑައިގަންނަވައެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ރައީސް ޔާމީން މިނިވަންކުރުމަށް ޕީޕީއެމް ކޮލިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުަރައްވަމުންނެވެ.
ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އޮތްއިރު، ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތު ގެއްލޭ ކަމެކެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީ ޝަރީއަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންވެއްޖެ ނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލިގެންދާނެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުއެވެ.