ކުރިއަށް އޮތް ހަފްތާ ބަންދުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯހެވެ.
މެޓް އޮފީހުން ވަނީ، ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު އިރުއޮއްސި 6:00 ޖަހަން ދެން ވައިޓް އެލާޓްވެސް ނެރެފައެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ މާދަމާވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، މާދަމާ ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މޫސުން ގޯސް ވަގުތުތަކުގައި ރާޅުގެ އުސްމިން ދެފޫޓާއި ހަފޫޓާއި ދެމެދަށް އުފުލޭނެ ކަމަށްވެސްވެސް ބުނެފައިވެއެވެ.ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވެގެން ނޫނީ ދަތުރުތައް ނުފެށުމަށް ކަމާބެހޭ އިދާރާތަކުން ވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.