މިގޮތަށް ނިންމީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން އާރްޑީސީ އިން އަމީނީ މަގު ހަދަމުންދާ ގޮތާ މެދު ބައެއް ކައުންސިލަރުންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެންނެވެ. މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލަރުން މަޝްވަރާކުރުމަށްފަހު، މާލެ އާއި ވިލިމާލޭގައި ހަލާކުވެފައި ހުރި ހަނިގޯޅިތަކާ މަގުތައް ރަގަޅު ފެންވަރެއްގައި ހެދުމަށް ވަނީ ނިންމަވަފައެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލޭގެ މަގުތައް މިހާރު ހުރި ގޮތުން އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް ކައުންސިލަށް ލިބެމުންދާ ކަމަށާއި، މަގު ހެދުމަށް ކުރިން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްގެން ބޮޑެތި މަގުތައް ނުހިމެނޭ ގޮތަށް ކުދި ގޯޅިތައް މަރާމަތުކޮށްލެވިދާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އަމީނީ މަގު މިހާރު ހަދަމުންދާ ގޮތުން އަމީނީމަގާ ގުޅިފައި ހުރި ކުދި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.
"މިހެން ދިމާވަނީ އަމީނީ މަގާ ހަމައިން ބައެއް މަގުތަކުގައި ކޮޅުބެދިފައިވާތީ، އަދި އަމީނީ މަގު ހެދިއިރު އެހެން މަގުތަކަށް ވުރެ އެ މަގު އުސްކޮށް ހަދާފައިވާތީ،"
މުއިއްޒު ވިދާޅުވިއެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީ އަށެވެ.
ކައުންސިލަރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ މާލޭގެ މަގުތަކާއި ކާނުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ކައުންސިލުން ކަމާ ގުޅޭ މުވައްޒަފުން ހޯދައިގެން އެއް އަހަރު ވަންދެން އެ މަސައްކަތް ކުރުމަށާއި، އަދި ކައުންސިލަށް ލިބޭ އާމްދަނީ އަކުން މިމަސައްކަތަށް ބަޖެޓެއް ކަނޑައެޅުމަށެވެ. ނަމަވެސް މިކަމަށް ބަޖެޓް ކަނޑައެޅުމަށް ބައްދަލުވުމެއް ބާއްވަން ނިންމީ ޖުލައި 26ގެ ފަހުންނެވެ.
މާލޭ ސިޓީގެ 16 މަގެއްގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ކުރިން ހަވާލުކޮށްފައިވީނަމަވެސް އެއްބަސްވުމާ އެއްގޮތަށް މިމަސައްކަތް ކުރިއަކަށް ނުދެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޔަކަމާއި ތިޔަ އުޅެނީ ވަރަށް ބޮޑު ކަމިޝަނެއް ލިބޭތީއެވެ. މިހާރު އޮންނާނީ ތިމަސައްކަތް ލިބޭނެ ބަޔަކުވެސް ނިންމާ އެޑްވާންސްވެސް ނަގާފައެވެ. ހަމަ ތިކަންވެސް ވާނީ އީދުދުވަހު މާލާގައި ދެމި ބޮކިފައަްޗަށް ވީހެންނެވެ. އިއުލާން ކުރީ ނަމަކަށެވެ. އޭރު އޮތީ ދީބަޔަކަށް ދީ ކަޓްނަގާ ނިންމާފައެވެ.