ރައްޔިތުންގެ މަޖިލިހުގެ މެންބަރުންތަކެއް ހައްޔަރުކޮށްފިއެވެ.
އިދިކޮޅު މަޖިލިސް މެމްބަރުން ހައްޔަރު ކޮށްފައިވަނީ އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިންނެވެ.
ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު، މާލެ ސިޓީ ކައުންސިލަރ އިބްރާހިމް ޝުޖާއުގެ އަދި މާލެ ސިޓީ ކައުންސިލަރ އަދި ޕީޕީއެމްގެ ސެނެޓަރ، އަހުމަދު އައިފާން ހިމެނެއެވެ.
ޕީޕީއެމުން ބުނީ، މިބޭފުޅުންގެ އިތުރުން ވެސް އެހެން ބޭފުޅުން ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ރައީސް ޔާމީން މިނިވަންކުރުމަށް ޕީޕީއެމް ކޮލިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުަރައްވަމުންނެވެ.
ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އޮތްއިރު، ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތު ގެއްލޭ ކަމެކެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީ ޝަރީއަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންވެއްޖެ ނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލިގެންދާނެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުއެވެ.