Friday, 11 October 2024

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

ދާދިފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޓިކެޓަށް ހުޅުވާލުމާ އެކު ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައެވެ.

އެޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޑިމޮކްރެޓުން ވަނީ ނިންމާފަ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީ ހުޅުވާލުމުން، އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރާނެ ކަމަށާއި މެންބަރުންގެ ތާއީދަށް އެދޭ ކަމަށެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ހިމެނޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތް ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ހާމަކުރައްވާފައެވެ.
ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުވެސް ވާދަކުރައްވާނެ ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެކަން އަދި ކަށަވަރުވެފައެެއް ނުަވެއެވެ.
އެމްޑީޕީގައި ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އިން ގެންދަނީ އެ ޕާޓީގެ ސިޔާސަތުތައް އާންމުންނަށް ބުނެދިނުމަށް ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު