"އާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއުގެ މައްޗަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައިވަނީ، މުހައްރަމް މަހުގެ 10 ވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން ބަޔާންކޮށްދީފައެވެ.
އާޝޫރާ ދުވަހުގެ ހާދިސާތަކުން ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ މާތް ﷲއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން ބޮޑެތި މުސީބާތްތަކުންނާއި ބަލާތަކުން ސަލާމަތްކުރައްވާގޮތް އެނގި އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވެއެވެ.
އެގޮތުން ސަލާމް ލެއްވި އާދަމްގެފާނުގެ ތައުބާ މާތް ﷲ ގަބޫލުކުރައްވައި ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީސްތަކުން ތޫފާނުން ސަލާމަތްކުރައްވީ އާޝޫރާ ދުވަހުކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، އިބްރާހީމްގެފާނު އަންދާލުމަށް ލައުނަތްލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އެކަލޭގެފާނު ސަލާމަތްކުރައްވައި ޔޫސުފްގެފާނުގެ އަހުންގެ ނުބައި ރޭވުމުން މާތް ﷲ އެކަލޭގެފާނު ސަލާމަތްކުރައްވައި ބައްޕާފުޅު ޔައުގޫބުގެފާނާ އަލުން ބައްދަލުކުރެއްވީ އާޝޫރާ ދުވަހުކަމަށް ހުތުބާގައި ބުނެދިނެވެ. އަދި ޔޫނުސްގެ ފާނު ބޮޑުމަހުގެ ބަނޑުތެރެއިން ސަލާމަތް ކުރައްވައި އައްޔޫބުގެ ފާނު އިމްތިހާނުކުރެއްވުމަށް ޖެއްސެވި އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތްކުރެއްވީވެސް އާޝޫރާ ދުވަހުކަމަށް ހުތުބާގައި ބުންޏެވެ. އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން ސަލާމްލެއްވި މޫސާގެފާނާއި ބަނީ އިސްރާއީލުގެ މީހުން ސަލާމަތްކުރި ދުވަސްކަން ވަކިން ހާއްސަގޮތެއްގައި ފާހަގަކޮށް އެ ހާދިސާގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި ހުތުބާގައިވަނީ އަލިއަޅުވާލާފައެވެ.
ހުތުބާގައިވަނީ މިފަދަ ހާދިސާތަކުން ބަލާތަކާއި މުސީބާތްތަކުން މާތް ﷲ މުއުމިނުން ސަލާމަތްކުރައްވާގޮތް އެނގިގެންދާކަމަށެވެ.
" ދެން ތިމަންރަސްކަލާނގެ ރަސޫލުންނާއި އީމާންވި މީސްތަކުން ސަލާމަތްކުރައްވަމެވެ. ހަމަ އެފަދައިން މުއުމިނުން ސަލާމަތްކުރެއްވުމަކީ ތިމަންރަސްކަލާނގެއަށް އޮތް ހައްގެކެވެ."
ހުތުބާ
ހުތުބާގައިވަނީ ފިރުއައުނު ޣަރަގުކުރެއްވި ހާދިސާއިން އެނގެނީ މާތް ﷲއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތް ﷲ ގަދަފަދަ އަޒާބު ދެއްވާނެކަންކަމަށާއި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވަންޖެހޭނެކަންކަމަށެވެ. އީމާންވާ މީހުންނަށް އާހިރުގައި ކާމިޔާބު ލިބޭނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ.