60 އަހަރު ކުރި، 2 ޖޫން 1964
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ވަށައިގެންވާ މާހައުލަށް ވެރިފައިވަނީ ހަމަހިމޭންކަމެވެ. އެހެންނަމަވެސް ދަލޭކަގެ ހިތުގައިވި ހަމަހިމޭންކަން ގެއްލިދިޔަތާ ފުދޭވަރަކަށް ވަގުތު ވެއްޖެއެވެ.
ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރު ހިންގަމުން، ދަލޭކަ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. ސިކުނޑީގައި ހަރުލާފައިވަނީ އެންމެ ޚިޔާލެކެވެ. ހިތުގައި އުފެދިފައިވަނީ އެންމެ ސުވާލެކެވެ.
"ދަރިފުޅާ! މިހާރު ގަޑިން އެހެރަ މެންދަމުން އަލިވެ 2 ޖަހަނީ! އަދިވެސް ނިދަން އޮށޯންނާކަށް ނުވޭތަ." މެދުގޭގައި އެލުވާފައި ހުރި އުނދޯލި ހެއްލާލަ ހެއްލާލައިން އާދަނު އިނީ ދަލޭކަގެ ހަރަކާތްތަކަށް ސަމާލުވެއެވެ. އާދަނަކީ އުމުރުން 53 އަހަރުގެ މެދުއުމުރުން މައްޗަށް އަޅާފައިވާ ފިރިހެނެކެވެ. އޭނައަކީ މާ ފުދުންތެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ނޫނެވެ. ގިނައީ އަނގަޔާއި އަތާއި ދިމާނުވާ ފަހަރެވެ. 3 ދަރިން ތިބޭއިރު، ދަލޭކައަކީ އާދަނުގެ އެންމެ ދޮށީ އަންހެން ދަރިއެވެ. އާދަނުގެ ބަލިހާލަތު ހުންނަ ގޮތުން، ގައިބާރު ދެރަވެ، މަސައްކަތެއް ކޮށްގެން ލާރިއެއް ހޯދާނެހާ ގާބިލްކަން އޭނާގެ ކިބަޔަކު ނެތެވެ. ގޭތެރޭގެ ޚަރަދުބަރަދު ބަލަހައްޓަމުން އެދަނީ ދަލޭކަގެ ފިރިމީހަ ސައްތާރު މަސްވެރިކަން ކޮށްގެން ލިބޭ މަދު ލާރިކޮޅުންނެވެ. އާދަނާއި، އާދަނުގެ އަންހެނުން ފާތުމަގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓަނީ ދަލޭކަގެ ދެމަފިރިންނެވެ. ބާކީ ތިބި 2 ދަރިން ދިރިއުޅެނީ ރަށާއި މާދުރުނޫން އެހެން ރަށެއްގައި، މީހުންނާއި އިނދެ ވަޒަންވެރިގެންނެވެ.
ދަލޭކަ ކަންބޮޑުވެފައި އެހުރީ، ސައްތާރު މަހަށްގޮސް ނައިސްގެންނެވެ. އާންމު ގޮތެއްގައި ސައްތާރު މަހަށްދާން ފުރަނީ ފަތިސް ނަމާދަށް ފަހުގައެވެ. އެންމެ ލަސްވެގެންވެސް އިރުއޮއްސޭ އިރު މަސް ބާނައިން ރަށަށް ލަފައެވެ. އެހެންނަމަވެސް، މިރޭ ވީގޮތެއް، ދަލޭކަ ވިސްނާ ވިސްނާވެސް ނޭނގުނެވެ. ޒަމާނުގެ ގޮތުން މުވާސަލާތީ އެއްވެސް ވަސީލަތެއް ނެތެވެ. ސައްތާރަށް ވީނުވީއެއް ނޭނގުމުން ދަލޭކަގެ ހިތްނުތަނަވަސް ވާން ފަށައިފިއެވެ. އުނދޯލީގައި އިން އާދަނު އިނީ ދަލޭކަގެ މޫނު މައްޗަށް ވެރިވަމުންދިޔަ ނުތަނަވަސް ކަމުގެ ކުލަވަރު ބަލާށެވެ. އެ މަންޒަރު ބަލަން އިންނަން އާދަނަކަށް ކެތެއް ނުވިއެވެ. "ދެލޯފުޅާ! ހާސްނުވޭ! ސައްތާރު އަދި އަންނާނެ. ފަހަރެއްގައި ވެދާނެ ކަނޑުގަދަ ވެގެން މިތާ ކައިރި ރަށެއްގައި މަޑުކުރީ ކަމަށްވެސް. ބައްޕަމެންވެސް ކުރީގައި މަހަށްނިކުމެ އުޅުނު އިރު މާބޮޑަށް ކަނޑުގަދަވެ، ރަށަށް ނާދެވޭ ވަރުވާހެން ހީވީމަ، އެންމެ ކައިރިން ފެންނަން އޮންނަ ހިކިފަސް ބިމަކަށް ހޭރިޔާ ކުރަނީ!"
ބަދަލުގައި ދަލޭކަ ބުންޏެވެ. "އެކަމަކު ބައްޕާ! މި ދުވަސްވަރު މޫސުން ތިޔަ ބުނާހާ ގޯހެއްވެސް ނޫން. އަނެއްކާ މިއީ ހުޅަނގު މޫސުމެއްވެސް ނޫނެއްނު. އިރުވައި މޫސުމުގެ އެންމެ ކަނޑު މަޑު ދުވަސްކޮޅު މިއީ! މިއަދު އިރުއޮއްސުނު އިރުވެސް އަހަރެން ތުނޑިއަށް ދިޔައިން. އެގަޑީގައިވެސް ކަނޑުގައި ހީވަނީ ތަރަފާލި އަޅާފައި އޮތްހެން. އެހާވެސް އޮމާންކޮށް އޮތީ!"
"އެކަމަކު ކޮންމެ ކަމެއްގައިވެސް ވިސްނަންވާނީ އެކަމެއްގަ ވިސްނެން އޮތް އެންމެ ރަނގަޅު ގޮތަށް ދޯ! ކަންކަމާ މާބޮޑަށް ވިސްނަންޏާ، ވިސްނާފައި ބާކީއެއް ނޯންނާނެ. ވިސްނާވަރު ވާނީ!" އާދަނު ދަލޭކަގެ ހިތަށްވެރިފައިވާ ނުތަނަވަސްކަން ފިލުވައިލެވޭތޯ މަސައްކަތް ކުރިއެވެ.
"ކަލޭމެން ނުވިހާއިރު މިކަލޭގެ ބަފަޔާއެކީ މަހަށް ދިޔަ ރެއަކު ކަނޑުމަތި އަޅާފައި، ބޮއްކުރާ ބަންޑުން ޖަހާލާފައި، ކިރިޔާ ސަލާމަތްވެފަ އެހުރީ!" ފާތުމަ ވާހަކަ ދެއްކި އަޑު އިވިފައި ދަލޭކަ ދިޔައީ ސިހިގެންނެވެ. ފާތުމައަކީ އާދަނުގެ އަންހެނުންނެވެ. ދަލޭކަގެ މަންމައެވެ. "އާން. އެއީ ބިރުވެރި ރެއެއް. އޭގެ ފަހުން ހަނދުވަރުނުދޭ ރެއަކު ކަނޑުމައްޗަށް އަރައިފިއްޔާ އެކަހަލަ ކާރިސާއެއް ކުރިމަތި ވެދާނެތީ އަހަރެން ވަރަށް ފަސްޖެހޭ ރޭގަނޑަކު ކަންޑުމައްޗަށް އަރަންވެސް." ދަލޭކަ ބުނި ބަހަށް ބާރު ދިނުމުގެ ގޮތުން އާދަނު ބުންޏެވެ.
"ހެޔޮނުވާނެ މަންމާ! އާދޭސް ކޮށްފައި ބުނަން. ތިޔަކަހަލަ ވާހަކަ ނުދައްކާ. އަހަރެން ވަރަށް ބިރުގަނޭ އެބަ. ސައްތާރަށް ގޮތެއް ވެއްޖިއްޔާ އަހަރެން ދުނިޔެއިން މޮޔަވެދާނެ." ދަލޭކަ ރުޅިއައިސް ބުންޏެވެ.
"ހޫން. މަގޭ އެއްވެސް ހާލަތެއްގައި އެ މާނައިގައި ބުނި އެއްޗެއް ނޫނޭ އެއްޔަކީ. އެހެން ނޫނަސް، ސައްތާރަކީ މި އާދަނު ކަހަލަ ފިނޑި މީހެއް ނޫން. އެއީ ފިސާރި ކެރޭ މީހެއް. ކަންކަމާ ކުރިމަތިލާން ކެރޭ މީހެއް. ކަނޑުމައްޗައްވެސް މަރެއް ފަދަ، މޫދަށް މަހެއް ފަދަ މީހެއް އެއީ. ކަމެއް ދިމާވިޔަސް، ސައްތާރަށް އެނގޭނެ އެކަމުން ސަލާމަތްވާނެ ގޮތް." ސަމާސާ ރާގަކަށް ފާތުމަ ބުންޏެވެ. ރުންކުރުވެފައި އިންފަދަ ގޮތަކަށް ފާތުމަގެ މޫނަށް ބަލައިލަމުން އާދަނު ބުންޏެވެ. " ބަލަ އަހަރެންނާ ދިމާލަށް ފިނޑިއެކޭ ތިޔަ ބުނަނީ. އަހަރެންގެ މުޅި އުމުރު ހޭދަމިކުރީ ކަނޑުމަތީ. އަހަރެންނަށް ނޭނގޭ ކަމެއް ސައްތާރަކަށް ވަކި ނޭންގޭނެ."
ފާތުމައާއި އާދަނުގެ ވާހަކަ އަޑުއަހަން ހުރި ދަލޭކަ ގާތަށް ރުޅިއަތުވެއްޖެއެވެ. އެކަން އޭނާގެ މޫނަށް ބަލާލުމުން އެނގި ހާމަވާން ހުއްޓެވެ.
"މަންމާ! ދެން ތިޔަ ވާހަކަ ތަންކޮޅެއް މަދުކޮށްލަބަލަ. ތިޔަ އަޑުވެސް މަޑުކޮށްލަބަލަ. މާބާރަށް ވާހަކަ ދައްކާ އަޑު އިވެންޏާ ގާސިމް ހޭލަފާނެ. އާދަނު ހެއްލަން އިން އުނދޯލީގައި ނިންދަވާފައިއޮތް ގާސިމަށް ނަޒަރު ހިންގާލަމުން ދަލޭކަ ބުންޏެވެ.
"އަހަރެން ވަރަށް މަސައްކަތުން ގާސިމް ނިންދަވާފައި އެއޮތީ. މިރޭ ދައިތަ ގޯއްޗަށް ފިލާލިޔަން ގޮސް އައިސްސަވެސް އަހަރެންނާ ވަރަށް ސުވާލު ކުރި. ސައްތާރު ކޮބައިހޭ ކިޔާފައި. ސައްތާރު އައީމައި ސައްތާރާ އެކީގައޭ ކާނީ ކިޔާފައި، ނުކާންވެސް ވަރަށް ގަދަ ދެއްކި. މިގަޑީގައި ހޭލެވުނަސް ސައްތާރު ކޮބައިހޭ ކިޔާފަ އަހާނެ. އަނެއްކާ ނިންދަވަން އުނދަގޫ ވާނެ. އޭނަ އެ ސުވާލު ކޮށްފިއްޔާ އަހަރެން ކޮން ޖަވާބެއް ދޭނީ. ސައްތާރު ވީތަނެއް، އަންނާނޭ އިރެއް ޚުދު އަހަރެންނަށްވެސް ނޭނގޭ! ބައްޕާ! އަހަރެން އެބަ އަންނަން ޙަމްދީ އުޅޭތޯ އެގެއަށް ގޮސްލާފައި."
އެހެން ބުނުމަށްފަހުގައި، ކަންބޮޑުވެފައިހުރި ދަލޭކަ، އަވަސް ހިނގުމެއްގައިގޮސް ގޯތި ދޮރުން ބޭރަށް ނިކުންނަން މިސްރާބުޖެހި ހިނދު އާދަނު އެހިއެވެ. "ޙަމްދީ އޭ! ޙަމްދީއާއި އެކީގަތަ ސައްތާރު މަހަށް ދިޔައީ. އަހަރެން މިހާރު އެތަކެއް ފަހަރު މަތިން ބުނެފިން ޙަމްދީއާއި އެކު ތަންތަނަށް ނުދާށޭ! އޭނަ އެއީ މީހުން ގުޅިގެން އުޅެން ހެޔޮވާވަރުގެ މީހެއް ނޫނެއްނު".
ޖަވާބުގައި ދަލޭކަ ބުންޏެވެ. "އާން ބައްޕާ. އަހަރެންވެސް ވިސްނާދޭން ވަރަށް މަސައްކަތް ކޮށްފިން. އެކަމަކުވެސް އަޑުއަހާ ގޮތެއް ނުހުރޭ. ކޮންމެ ފަހަރަކުވެސް ވިސްނާދިނީމަ ބުނޭ އާންއެކޭ. ދެނެއް ނުދާނަމޭ. އެކަމަކު އަމަލުތައް ހުންނަނީ މުޅިން އިދިކޮޅަށް. އަހަރެން އަބަދު އަބަދު މިކިޔަނީ، ޙަމްދީއާއި އެކީ މާގިނައިން އުޅެންޏާ، ޙަމްދީއޭ ކިޔައިގެން ރަށުތެރޭގައި ދައްކާ ވާހަކަތަކުގައި ސައްތާރުވެސް ބައިވެރިކުރަން ފަށާނޭ! ކަނބުރު ގެއަކަށް ވަނިއްޔާ އިޅިބުރާ ބީދައިން. އެކަހަލަ ވާހަކަތައް ސައްތާރޭ ކިޔައިގެން ދައްކަން ފަށައިފީޔާ އަހަރެމެން އެންމެން މުޅި ރަށަށް ފަލީޙަތްވެ ބަދުނާމުވާނީ. ސައްތާރުވެސް ވާނީ ބާކީ! އަހަރެމެންނާއި ގުޅިގެން އުޅޭނެ މީހަކުވެސް ނުވާނެ!
"އާން. ކަން އޮންނާނީ ތިޔަހެން. މިރަށުގައި ފިރިހެނުން ނެތީޔަކީ ނޫން ވީޔަ. ހުރޭ! ދެނެއް މީގެ ފަހުން ސައްތާރަކަށް ނުކެރޭނެ ޙަމްދީއާއި އެކީ އުޅޭކަށެއް. އަހަރެން އިތުރަށް ވިސްނައިދޭން މަސައްކަތް ކުރާނަން. އަހަރެން ހިތަށް އަރާ. އަހަރެން ބުނާ އެހެން ކަންކަމުގައި ސައްތާރުގެ ކުރިމަތީގައި އަހަރެންގެ ބަސް ވަރަށް ވިކޭ. މިކަމުގައި ނުވިކެނީ ކީއްވެކަމެއް ނޭންގޭ!
އާދަނު ބުނި ބުނުމުން ދަލޭކަގެ އަތްފައި ފިނިވާންފެށިއެވެ. އެއާއިއެކު، ބޭއިޙްތިޔާރުގައި ދަލޭކައަށް ބުނެވުނެވެ. "ބައްޕާ! އަނެއްކާ ސައްތާރަށް ޝައްކު ކުރަނީތަ. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން ޔަގީންކަން ދެން. ސައްތާރު އެކަހަލަ ކަމެއް ނުކުރާނެ. އަހަރެންނަށް އެކަން ޔަގީންވާތީވެގެން މި ބުނީ."
ރައްދުގައި އާދަނު ބުންޏެވެ. "ނޫނޭ ދަރިފުޅާ. ބައްޕަ އެއް ގޮތަކަށްވެސް އެހެންނެއް ނޫން މިބުނީ. ދަރިފުޅަށް ފަހުމްވީގޮތް ނުބައީ!"
އެއަށްފަހުގައި ދަލޭކަ ހުއްޓުން އަރާފައި ހުއްޓެވެ. އޭނާގެ މޫނަށް ވެރިވެފައިވާ މާޔުސްކަމާއި ނުތަނަވަސްކަން އިތުރަށް ބޮޑުވަމުން ދިޔައެވެ. އާދަނާއި ދަލޭކަ، ދެމީހުން ދެމީހުންގެ މޫނަށް ބަލަން، ހުއްޓުން އަރާފައި ތިބުމަށްފަހު، ގެއިން ބޭރަށް ދާން އެންމެ އަވަހަށް ނިކުތީ ދަލޭކައެވެ. ދަލޭކަ ފަހަތުން އާދަނުވެސް ނިކުތެވެ. މުންޑު އަރުވާ ޖަހަމުން ބާރު ހިނގުމެއްގައި އާދަނު ދަލޭކަ ފަހަތުން ހިނގަމުން ދިޔައެވެ. ދަލޭކަ މުޅި ހަށިގަނޑު ދާހިތްލާ ފޯވެއްޖެއެވެ. މުޅި މޫނުމަތިވެސް ދިޔައީ ދާހިތްލާ ފޯވަމުންނެވެ. އަތްފައި ފިނިވެ މެއަށް ބާރު ކުރަމުން ދިޔައެވެ. ބާރު ހިނގުމެއްގައި ހިނގަމުން ދިޔައިރު ދަލޭކައަށް މައިނޭވާ ލެވެމުން ދިޔައެވެ. ރެއަކީ ކަޅުފޮއެ ރެއެކެވެ. ވަށައިގެން ވަނީ އަދިރި ކަމެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނެއްތާ ދިރޭ ސޫފާ ސޫއްޕެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ.
ރަށަކީ ވަރަށް ބޮޑު ރަށެކެވެ. ދަލޭކައާއި އާދަނު ގެއިން ނުކުއިތްތާ މިހާރު ވިއްސަކަށް މިނެޓު ވެއްޖެއެވެ. އަދިވެސް އެމީހުންގެ މަންޒިލް ކަމުގައިވާ ޙަމްދީގެ ގެއާ ހަމާލަށް އެމީހުން ފޯރާނީ އެންމެ މަދުވެގެން ވިއްސަކަށް މިނެޓު އިތުރަށް ހިނގައިގެންނެވެ.
މަޑުމަޑުން އުޑުމަތީގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ. ބަނަވިލާތަކުން އުޑުމަތި ވަށާލައިފިއެވެ. ގަސްތައް ވަޔާ ހެލެމުންދިޔަ އަޑު ގަދަވެ، މުޅި ޖައްވު ފިނިވާން ފަށައިފިއެވެ. މާލަސްތަކެއް ނުވެ، ބޯކޮން ވާރޭވެހެން ފަށައިފިއެވެ. ވެހެމުންދިޔަ ވާރެ ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބޯކުރަމުންނެވެ. އުޑުމަތީގައިވާ ހުރިހާ ވާރޭ ވިލާތަކެއް އެއްފަހަރާ އެދިމާލަށް ޖަމާވެފައިވާ ފަދައެވެ.
ދަލޭކައާއި އާދަނު ވާރެޔާއި ތެމި ފޯވެއްޖެއެވެ. ޙަމްދީގެ ގޯއްޗާއި ހަމާލަށް ދެވުނުއިރު، ދަލޭކަހުރީ ތުރުތުރު އަޅައެވެ. ވެހެމުންދިޔަ ވާރޭފެނުން ހަށިގަނޑަށް ލިބެމުން ދިޔަ ފިންޏަށް ކެއްކުރަން ދަތިވެގެންނެވެ.
ޙަމްދީ އުޅެމުން ދިޔައީ އޭނަގެ މައިންބަފައިންގެ ގޭގައެވެ. އެހެންނަމަވެސް އޭނާގެ މައިންބަފައިންވަނީ ހަމްދީގެ ވަރަށް ހަގު އުމުރެއްގައި ނިޔާވެފައެވެ. އެއަށްފަހު، އެގޭގައި ދިރިއުޅެމުން ދިޔައީ ޙަމްދީ އެކަންޏެވެ. ޙަމްދީއަކީ އައިންބަކު، ދަރިއަކު ހުރި މީހެއް ނޫނެވެ. އޭނައާއި ބެހޭގޮތުން ރަށުތެރޭގައި ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން، ޙަމްދީއާއި ގުޅިގެން އުޅޭ މީހުން، ފަސްއިނގިލިން ގުނާލެވޭހާ މަދެވެ. ވުމާއެކު، އޭނާ އުޅެމުންދިޔަ ގެއާއި ގާތަށް ދާންވެސް މުޅި ރަށުގެ ކުދި ބޮޑު އެންމެން ފަސްޖެހެއެވެ.
ދަލޭކައާއި އާދަނުވެސް އެގޯތި ބޭރުގައި މަޑުކޮށްގެން ތިބީ އެ ސަބަބަށްޓަކައެވެ. އެހެންނަމެސް، ބިރު ކަނޑާލާފައި އެ ގޯތި ތެރެއަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ދަލޭކައެވެ. އެއާއެކު، އާދަނުވެސް ދަލޭކަ ފަހަތުން އެގޯތި ތެރެއަށް ވަދުނެވެ. ބާރު ހިނގުމެއްގައި ގޮސް ދަލޭކަ އެގޯތި ދޮރުގައި ޓަކި ޖެހިއެވެ. އަދި ޙަމްދީގެ ނަމުން ގޮވަމުން ދިޔައެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ލަފާކުރެވޭ ގޮތުންނަމަ، ޙަމްދީ އެވަގުތު ގެއަކު ނޫޅެއެވެ.
"ބައްޕައަށް ހީވަނީ އެދެމީހުން މިރޭ ހަމަ ހަޤީޤަތުގައިވެސް އެހެން ރަށެއްގައި މަޑުކުރީހެން. އެހެން ނޫންނަމަ ޙަމްދީވެސް މިވަގުތު ގޭގައި އުޅޭނެއްނު!" ހާސްވެ ކަންބޮޑުވެފައިވާ ދަލޭކަގެ މޫނަށް ބަލާލަމުން އާދަނު ބުންޏެވެ.
"އާން ބައްޕާ! ދެން ހިނގާ ދާން. މިއޮތް ވެހޭ ވާރޭގައި އަހަރެމެންނަށް މި ހިނގުނީ ބޭކާރު ހިނގުމެއް. މާދަމާ ފަތިސްވާންވާއިރަށް އެމީހުން ރަށަށް ނައިސްސިއްޔާ ވާނެ ކަތީބަށް އަންގަން." ދަލޭކަ ލަފާދިނެވެ. އެކަމަށް އިޖާބަދިނުމަށްފަހު، ދެމީހުން އަނބުރާ ގެއަށް ދިޔައެވެ. އެވަގުތުވެސް ވަރަށް ބޯކޮން ވާރޭ ވެހެމުން ދިޔައެވެ. އެހެންނަމަވެސް، ގެއާއި ހަމައަށް ފޯރިއިރު ވާރެ ތުނިކޮށްލައިފިއެވެ. ޖެހުމުންދިޔަ ވައިވެސް ވަނީ މަޑުވެފައެވެ.
ގެއަށް ވަދުނުގޮތަށް އާދަނު ވަނީ ގިފިއްޔަށެވެ. ފެންވަރާލައިގެން އާދަނު ނުކުންނަންވާއިރަށް އާދަނުލާން ގަންޖުފަރާހަކާއި މުންޑެއް ނެގުމުގެ ބޭނުމުގައި ދަލޭކަ ގޮސް މެދުގޭގައި ބަހައްޓާފައިހުރި ކުޑަވަރެއްގެ ޢަލަމާރިއެއް ހުޅުވާލިއެވެ. ގޯތީގައި ދިރިއުޅޭ ހުރިހާ އެންމެންގެ އަންނައުނާއި މުހިންމު ސާމާނު އަޅަން ހާއްސަކޮށްފައި ހުރި އެ ޢަލަމާރި އޮތީ ފުރިބާރު ވެފައެވެ. އާދަނުލާނޭ އަންނައުނު ނެގި ހިނދު އަލަމާރީގައި ހުރި ބައިވަރު ސާމާނުތަކެއް ބިންމައްޗައް ވެރުނެވެ. އެހެންކަމުން އެތަކެތި ނެގުމަށް ދަލޭކަ ތިރިވެލިއެވެ. ބިންމައްޗައް ވެރިފައިވާ އަންނައުނުތައް ނެގިއިރު އޭގެ އެންމެ ދަށުގައި އޮތީ ދަލޭކަ ވަރަށް ސަމާލުކަމާއި އެކު ރައްކާކުރަމުން އަންނަ ފޮޓޮއެކެވެ. އެފޮޓޮއަކީ އެންމެ ފަހުން ބޭސްފަރުވާގެ ކަމެއްގައި މާލެއަށް ދިޔަ ދަތުރުގައި އެމީހުންނާއި ދިމާވި ފޮޓޯގްރާފަރަކު ނަގާދިން ތަސްވީރެކެވެ. އެ ތަސްވީރު ފެނުމާއިއެކު، ދަލޭކަ އެ ތަސްވީރުނަގާ މޭގައި ޖައްސާލިއެވެ. އަދި ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެވަގުތު ދަލޭކަގެ ދެލޯ ކަރުނުން ތެއްމާލައިފިއެވެ. ތަސްވީރުގައި ވަނީ ދަލޭކައާއި ސައްތާރެވެ. ސައްތާރުގެ އުރުގައި އިން ޤާސިމްގެ މޫނުމަތިން ފެންނަމުން ދިޔައީ އުޖާލާކަމެވެ. ދަލޭކަގެ ކަޅި އަމާޒުވެފައިވަނީ ސައްތާރުގެ މޫނަށެވެ. ސައްތާރުގެ މޫނުމަތީގައިވާ ފަނޑު ހިނިތުންވުމުން ދަލޭކަގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުމެން ދިޔައެވެ. އެހެންނަމަވެސް، މާކަގިނަ އިރަކު ސައްތާރުގެ މޫނަށް ބަލަން އިންނާނެހާ ހިތްވަރެއް ދަލޭކަ ހައްޓަކު ނެތެވެ. ވާނީވެސް އެހެންތާއެވެ. ސައްތާރުގެ ވީނުވީއެއް ނޭންގެއެވެ. ފުރާނަ ސަލާމަތުން ދިރިހުރިކަމުގެ ޔަގީންކަމެއްވެސް ނެތެވެ.
"ދަރިފުޅާ! ކެއްކުރޭ! އިރާދަކުރެއްވިއްޔާ މިއަދު އިރުއަރަންވާއިރަށް ސައްތާރު އަންނާނެ! އަދި ތިޔަވަރުވާކަށް ގާތްވެސް ނުވޭ!" ދަލޭކަ ރޯންއިން މަންޒަރު ބަލަންހުރި ފާތުމައަށް ކެތްނުވެގެން ބުންޏެވެ.
"އަހަރެންނަށް މާބޮޑަށް ވިސްނޭތީ ވާގޮތް މިއީ.. ނުވާންވާވަރަށް ހިތްނުތަނަވަސްވެ ކަންބޮޑުވަނީ" މަޑުމޮޅި ރާގަކަށް ދަލޭކަ ބުންޏެވެ.
ދެމައިން ވާހަކައިގައި ތިއްބައި އާދަނު ފެންވަރާ ނިންމާލައިގެން ގެއަށްވަދުން މަންޒަރު ފެނުމުން، ދަލޭކަ އަތުގައި އޮތް ގަންޖުފަރާހާއި މުންޑު ނެގުމަށްފަހު ފާތުމަ އެތަކެތި އާދަނާއި ހަވާލުކުރިއެވެ. ފާތުމައެކޭވެސް އެއްފަދައިން އާދަނުވެސް ދަލޭކަ ހަމަހަޔަކަށް އަޅުވަން ވާހަކަ ދައްކާލުމަށްފަހު ގޮސް ވަނީ ކޮޓަރިއަށެވެ.
ދަލޭކަވެސް ގެއަށް އައިއިރު ހުރީ ވާރެޔާއި ތެމިފޯވެފައި ކަމުން، އަލަމާރިން ހެދުމެއް ނަގައިގެން ގިފިއްޔަށް ގޮސް ފެންވަރާ ތާޒާވެލައިގެން އައެވެ. ގެއަށް ވަދުނުއިރު އުނދޯލީގައި، ގަދަނިދީގައި އޮތް ގާސިމްގެ މޫނަށް ބަލާލުމުން ދަލޭކަގެ ހިތައް ބުނަން ނޭނގޭފަދަ ފިނިކަމެއް ލިބިގެންދިޔައެވެ. ގާސިމަކީ ދަލޭކައާއި ސައްތާރުގެ ހަމައެކަނި ހުރި ދަރިއެވެ. އުމުރުން 7 އަހަރަށް އަޅާފައިވާ ގާސިމަކީ ދަލޭކައާއި ސައްތާރު އިންތިހާ ލޯތްބާއެކު ބަލަމުން އަންނަ ކުއްޖެކެވެ.
އެގޮތައް ގާސިމް ނިދާފައި އޮތް މަންޒަރު ބަލަން ހުރެ ދަލޭކަ ދިޔައީ އޭނާގެ ދިގު، ފަން އިސްތަށިގަނޑުން ފެން ހިއްކަމުންދިޔައެވެ. އެއަށްފަހު، މޭޒުމަތީގައި ބަހައްޓާފައި ހުރި ކާށިތެޔޮފުޅިން ތެޔޮފޮދެއް އަތަށް އެޅުމަށްފަހު، އިސްތަށިގަނޑުގައި ތެޔޮލައި ނިންމާލިއެވެ. ދަލޭކަގެ ދިގު އިސްތަށިގަނޑަކީ ސައްތާރު ނުހަނު ލޯބިން ބަލަމުން ދިޔަ އެއްޗެކެވެ. އާދަނުގެ ރުއް ގަނޑުން ގެންނަ ކާށިއެހިގެން، އޭގައި އަމިއްލައަށް ކާށި ތެޔޮ ހަދައިދެނީ ސައްތާރެވެ. ދަލޭކަ އަމިއްލައަށް އިސްތަށިގަނޑުގައި ތެޔޮ ލާކަށްވެސް ގިނަ ފަހަރަކު ނުޖެހޭނެއެވެ. ސައްތާރު ހުރިނަމަ، މިރޭވެސް ދަލޭކަގެ ދިގު ފަން އިސްތަށިގަނޑުގައި ތެޔޮލައިދީ ފުނާ އަޅާދޭނީ ސައްތާރެވެ. ތެދުތެދަށް ބުނާނަމަ، ސައްތާރަކީ ދަލޭކަގެ ކަނާއަތޭ ބުންޏަސް އެކަމާ ދެކޮޅު ހަދާނޭ އެއްވެސް މީހަކު ނުހުންނާނެއެވެ. ދަލޭކަ އަޅާ ކޮންމެ ފިޔަވަޅެއްގެ ކުރިމަތީގައި ރާސްތާ ދައްކައިދޭން ހުންނަ މީހަކީވެސް ސައްތާރެވެ. ވުމާއެކު، ސައްތާރާއި ނުލާ އެންމެ ހިނދުކޮޅެއްވެސް އުޅުމަށް ދަލޭކަ ނުކުޅެދިފައިވާ ފަދައެވެ. ކައިރީގައި ސައްތާރު ފެންނަން ނެތުމުން ދަލޭކަގެ ހިތް ނުތަނަވަސް ވެގެން އުޅޭ ސަބަބަކީ އެއީއެވެ.
ދަލޭކަ އިސްތަށިގަނޑުގައި ފުނާއަޅާ ނިންމާލުމަށް ފަހު ބޮލުގައި ހުޅިއެއް އެޅިއެވެ. އަދި، މޭޒުމަތީގައި ބާއްވާފައި އޮތް މުސައްލަ ހުޅުވާލުމަށްފަހު އޭގައި އޮތް ނަމާދު ދޮޅި ދަލޭކަގެ ބޮލަށް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު، ޤިބްލައާއި ދިމާލަށް ކުރިމަތިކޮށް މުސައްލަ ފަތުރާލިއެވެ. ދަލޭކަ އެތައްޔާރުވީ ދަމުނަމާދު ކުރުމަށެވެ. ދަމުނަމާދު ކުރުމަކީ ދަލޭކަގެ ގައިގައި ހަރުލާފައިހުރި ވަރަށް ރިވެތި ސިފައެކެވެ. އެފަދަ ހުރިހާ ކަމެއް ދަލޭކައަށް ދަސްވަނީ ސައްތާރުގެ ފުށުންނެވެ. ޒަމާނުގެ ގޮތުން މީހުންގެ ދީނީ ހޭލުންތެރިކަން ހުންނަނީ ވަރަށް ދަށްކޮންނެވެ. ދުވާލު 5 ވަގުތު ނަމާދުކޮށް ހަދަނީ ހާލަކުން މީހެކެވެ. އެހެން ގިނަ މީހުންނެކޭ ޙިލާފަށް، ސައްތާރަކީ ދީނީ ކަންކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން އުޅުން މީހެކެވެ. ކިތޭ ބުރަކޮށް މަސައްކަތުގައި އުޅުނު ކަމުގައި ވިޔަސް، ބަރާބަރަށް ނަމާދު ކުރާނެއެވެ. ރަށުގައި ހުންނަ ނަމަ ޖަމާއަތަށް ނަމާދަށް ދާ މަދުމީހުންގެ ތެރޭގައި ސައްތާރު ހިމެނޭނެއެވެ. ސައްތާރާއި ކައިވެނި ކުރުމުގެ ކުރިން ދަލޭކައަށްވެސް އުޅެވުނީ ދީނީ ކަންތައްތަކާއި ނުހަނު ބީރައްޓެހިކޮންނެވެ. އެހެންނަމަވެސް، ސައްތާރުގެ މަސައްކަތުން ދަލޭކައަކީވެސް ސައްތާރެކޭ އެއްފަދައިން ދީނީ ކަންކަމަށް ޙާއްސަ ސަމާލުކަމެއްދޭ މީހަކަށް ވެގެންދިޔައެވެ. އެ ހުރިހާ ކަންތައްތަކެއްގެ ސަބަބުން ދަލޭކަގެ ހިތުގައި ސައްތާރަށްޓަކައި ދެވިފައިވާ މަޤާމަކީ އެހެން އެއްވެސް ފިރިހެނަކަށް ފޭރިނުގަނެވޭނޭ ފަދަ މާތް މަތިވެރި މަޤާމެކެވެ.
ދަމުނަމާދުކޮށް ނިންމާލުމުން ދަލޭކަގެ ބޮލުގައި ދައުރުވަމުންދިޔަ ނޭދެވޭ ޙިޔާލުތަގެ ބޮޑުބައި މުޅިން ފިލައިގެން ދިޔަފަދައެވެ. ދަލޭކަގެ އުންމީދު ވަރަށް ބޮޑުތަނުން އައު ވެގެންދިޔައެވެ. އިރުއަރަންވާއިރަށް ސައްތާރު ހެޔޮހާލުގައި އެނބުރި ރަށަށް އާދެވޭނޭގޮތް މަގުފަހިކުރެއްވުން އެދި ﷲ ގެ ހަޒްރަތުގައި ދުޢާކުރުމުގައި އިން ދަލޭކައަށް ނިދިޖެހި، ބޭއިޙްތިޔާރުގައި މުސައްލަ މަތީގައި އޮށޯތުނެވެ. އެއާއެކު، އޭނައަށް މުސައްލަ މަތީގައި އޮވެ ނިދުނެވެ.
— ވާހަކަ ނުނިމޭ —
*** ކުރިއަށް އޮތް ބައި އަންނަ ބުދަ ދުވަހު ޝާއިޢުކުރާނަން، އިންޝާ ﷲ ***