ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ނުދީ، މިސަރުކާރުން ބޭނުންވަނީ އަޅުވެތިކުރަންކަމުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރު އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އިސްމާއީލް ޒަބީހް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ އެމްއާރްއެމްއިން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ކައިރި އެބުނަނީ، ތިމަންނައަކީ މަސްވެރިއެކޭ، ތިމަންނައަކީ ދަނޑުވެރިޔެކޭ، ކޯޑްކުރާ މީހެކޭ، ތިމަންނަ އެކަން ކުރަން ބޭނުންވަނީ ޒަމާނީ ވަސީލަތްތަކާއެކުއޭ، އެކަމަކު އިޖާބައެއް ނުދޭ. މި ސަރުކާރުން ބޭނުންވަނީ އަޅުވެތިކުރަން."
ޒަބީހް ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ފަސް އަހަރު، ނުވަތަ ދިހައަަހަރު ދަލުގައި ޖައްސައިފައި ތިބުމުން، އެ ބޭފުޅުންނާއި އެބޭފުޅުންގެ ދަރިންގެ ދިރިއުޅުން އެއްކޮށް ނެތިދާ ކަމަށާއި، އެބޭފުޅުންގެ ސްކިލް ނެތި ދިއުމަކީ އެބޭފުޅުންގެ މުސްތަޤްބަލުގެ އާމުދަނީ ގެއްލުން ކަމަށާއި، މިކަންކަމާ ފިކުރުކުރާ ރައްޔިތުން މިޤައުމުގައި އެބަތިބި ކަން ފާހަގަކުރައްވަމުން، އެމްއާރްއެމް ނިކުމެ، ފާރިސްއާއިއެކު ތިބީ އެކަންކަން އިސްލާޙްކުރަން ކަމަށް ޒަބީހް ވިދާޅުވިއެވެ.
ކަންކަން ރަނގަޅުކޮށް، އިސްލާޙްކުރުމުގެ މަސައްކަތް ފެށުމުން ހުރަސްތައް ކުރިމަތިކުރުވާކަމަށާއި، އަދި ޕާޓީގެ ލީޑަރ ސައިލަންޓްކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި ޒަބީހް ވިދާޅުވީ، ރައީސް މައުމޫން އެއުޅުއްވަނީ ސިޔާސީ މަޤްޞަދުތަކެއް ޙާސިލުކުރައްވަން ނޫންކަމަށާއި، ޤައުމުގެ މުސްތަޤްބަލައްޓަކައި ޤައުމު ހިންގަންވީ ގޮތް ކިޔައިދެއްވަމުގައި ކަމަށާއި، އެކަންކަން ހަޖަމް ނުވެގެން އުޅޭ ސަބަބު ނުވިސްނޭ ކަމަށެވެ.
ޒަބީހުއަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ސްލޮޓެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޒަބީހް ދާދިފަހުން އެ މަގާމުން ވަކިކޮށްފައިވާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވެސް މިނިސްޓަރުގެ މަގާމުގައި އެ ހުންނަވަނީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. މި ފަހުން އެމްއާރްއެމްއިން ބަޔަކު ވަކިވި ނަމަވެސް މިނިސްޓަރު ޗަބީ އެމްއާރްއެމް ދޫކޮށްލައްވާފައެއް ނުވެއެވެ.
ޒަބީހް ވަކިކޮށްފައިވާއިރު، ސަރުކާރު ކޮލިޝަންތަކުގައި ހިމެނޭ އެމްޑީޕީގެ ރަައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކާއި އަދާލަތު ޕާޓީގެ ސްލޮޓްގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ފިޔަވައި އެހެން ޕާޓީީތަކުގެ ސްލޮޓްތަކުގައި ތިއްބެވި ފަރާތްތަކަށް ފިއްތުންތައް ކުރިމަތިވަމުންދާކަމަށް ޚަބަރު ލިބެއެވެ.